Sunday 24th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުޅިވަރު

އަހަރުގެ އެންމެ މޮޅު އެތުލީޓުންނަކީ އަޒްނީން އާއި ދީމާ

ރޭ ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ އެންމެ މޮޅު އަންހެން އެތުލީޓުގެ މަގާމް ފާތިމަތު ދީމާ އަލީ ހޯދިއިރު ފިރިހެން އެންމެ މޮޅު އެތުލީޓުގެ މަގާމް އަޒްނީން ރަޝާދު ހޯދައިފި އެވެ.

ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީ އިން އިންތިޒާމުކޮށްގެން ސްޕޯޓްސް އެވޯޑްސް ދޭން ފެށީ މިދިޔަ އަހަރު އެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގެންނެވި ހަފްލާގައި، ބައިނަލްއަގްވާމީ މުބާރާތްތަކުގައި ރާއްޖެ ވާދަކުރާ ކުޅިވަރުތަކުގެ ތެރެއިން އެންމެ މޮޅު އަންހެން އަދި ފިރިހެން އެތުލީޓު ހޮވުމާއި އެންމެ މޮޅު ކުޅިވަރު އެސޯސިއޭޝަން ހޮވުމުގެ އިތުރުން މީޑިއާތައް ހޮވާފައިވެ އެވެ. އަދި، ކުޅިވަރާއި ގުޅުންހުރި އެހެނިހެން އެވޯޑްތައް ވެސް ދީފައިވެ އެވެ.

ފިރިހެން އެތުލީޓަށް ހޮވުނު އަޒްނީން އަކީ ބޮޑީބިލްޑިން ޓީމުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކުޅުންތެރިޔާ އެވެ. މި އެވޯޑަށް އަޒްނީންއާ އެކު ވާދަކުރީ ބޮޑީބިލްޑަރު މުހައްމަދު މޫސާ އާއި ބޮޑީބޯޑަރު އަލީ ހުޝްރުވާން އަހުމަދު (ކުޑައައްޔަ) އެވެ.

އެންމެ މޮޅު އަންހެން އެތުލީޓުގެ މަގާމަށް ދީމާއާ އެކު ވާދަކުރީ ޓީޓީ ކުޅުންތެރިޔާ އާއިޝަތު ރަފާ ނާޒިމް އާއި ޓެނިސް ކުޅުންތެރިޔާ އާރާ އާސަލް ނާޒިމް އެވެ. މި އެވޯޑުގެ އިތުރުން އެންމެ އުއްމީދީ އަންހެން އެތުލީޓުގެ މަގާމާއި އެންމެ މޮޅު އަންހެން ޓީޓީ ކުޅުންތެރިޔާގެ އެވޯޑް ވެސް ދީމާ ވަނީ ހޯދާފަ އެވެ. އެންމެ އުއްމީދީ ފިރިހެން އެވޯޑް ހޯދީ ބޮޑީބޯޑަރު އާމިން އުމަރު މޫސާ އެވެ.

ބެޑްމިންޓަންގެ އެންމެ މޮޅު އެތުލީޓުންނަކީ ނިބާލް އަހުމަދު އާއި ފާތިމަތު ނަބާހާ އެވެ. އެތުލެޓިކްސް އިން އެވޯޑް ހޯދީ ހަސަން ސާއިދު އާއި އާމިނަތު ޖާއިޝް ޖުނީޒް އެވެ.

ކެރަމް އިން އެންމެ މޮޅު ފިރިހެން އެތުލީޓަކަށް އިސްމާއީލް އަޒްމީން ހޮވުނުއިރު އަންހެން އެތުލީޓަކީ އާމިނަތު ވިދާދު އެވެ. ހޭންޑްބޯލްގެ އެންމެ މޮޅު ކުޅުންތެރިންނަކީ މުހައްމަދު ފިރުނާޝް އަބްދުﷲ އާއި ޒުލައިހާ އިބްރާހީމް އެވެ. ކްރިކެޓް އެވޯޑް ލިބުނީ އާދަމް ނާސިފް އުމަރު އަށެވެ. އެންމެ މޮޅު ވޮލީ ކުޅުންތެރިންނަށް ހޮވުނީ އަލީ ހުޒާމް އާއި އާއިޝަތު މާޖިދާ އެވެ.

ބާސްކެޓްގައި އެންމެ މޮޅު އެތުލީޓުންނަކީ އަބްދުﷲ އަމްޒަރު މުހައްމަދު އާއި އާމިނަތު އިސްރާއު އަބްދުލް ޝުކޫރު އެވެ. އެންމެ މޮޅު ބޮޑީބިލްޑަރަށް އަޒްނީން ހޮވުނުއިރު އެންމެ މޮޅު ބޮޑީބޯޑަރަކީ ކުޑައައްޔަ އެވެ.

އެންމެ މޮޅު ނެޓްބޯޅަ ކުޅުންތެރިއަކީ މަރްޔަމް ޝިނާއަތު އެވެ. އެންމެ މޮޅު ޗެސް ކުޅުންތެރިންގެ އެވޯޑް މުހައްމަދު ޝުއާއު އާއި ނިހާޔާ އަހުމަދު ހޯދިއިރު އެންމެ މޮޅު ޕޫލް ބިލިއާޑް ކުޅުންތެރިންނަށް ހޮވުނީ މުހައްމަދު ޝަރީފް އާއި އާމިނަތު ފަތުހީ އެވެ.

އެންމެ މޮޅު ފެތުންތެރިންގެ މަގާމް އާން އާއި އާއިޝަތު ސައުސަން ހޯދިއިރު ސާފިންގެ އެއްވަނަ މަގާމް ހޯދީ އަހުމަދު އާގިލް އާއި ރާހިލް ނަސީމް އެވެ. ދިމާގެ އިތުރުން ޓީޓީގެ އެވޯޑް ހޯދީ މޫސާ މުންސިފް އެވެ. ޓެނިހުގެ އަންހެން އެވޯޑް އާރާ ހޯދިއިރު ފިރިހެން އެވޯޑް ހޯދީ އަބްދުﷲ ފާއިހް ފަޒީލް އެވެ.

އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް މިއަހަރުވެސް ހޯދީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ފޯވާޑް ހަމްޒާ މުހައްމަދު (ހަމްޕު) އެވެ.

ސްޕޯޓްސް މެޑިކްގެ މަގާމް މިއަހަރު ހޯދީ ޑރ. އަބްދުﷲ ރާފިއު އެވެ. ޓެކްނިކަލް އޮފިޝަލުންނަށް ހޮވުނީ އަހުމަދު ނަޝީދު އާއި އާއިޝަތު އަހުމިޔާ އެވެ.

އެންމެ މޮޅު ކޯޗުންގެ މަގާމް ހޯދީ ބޮޑީބިލްޑިން ކޯޗު އަބްދުލް ހަސީބް ހުސައިން އާއި ނެޓްބޯޅަ ގައުމީ ކޯޗު ނީޝާ ހަލީމް އެވެ. އެންވަނަ ކުޅިވަރު އެސޯސިއޭޝަނަކީ ބެޑްމިންޓަން އެސޯސިއޭޝަން އެވެ.

ވަކިވަކި އެތުލީޓުން ހޮވުމުގެ އިތުރުން މިދިޔަ އަހަރުގެ އެއްވަނަ ބްރޯޑްކާސްޓިން މީޑިއާ އާއި އޮންލައިން މީޑިއާ ވަނީ ހޮވާފަ އެވެ. އަދި، އެންވަނަ ކުޅިވަރު ނޫސްވެރިޔާގެ އެވޯޑާއި ފޮޓޯގްރާފަރުގެ އެވޯޑް ވެސް ދީފައިވެ އެވެ.

އަގުވަޒަންކުރުމުގެ "ލައިފްޓައިމް އެޗީވްމަންޓް އެވޯޑް" ފަސް ފަރާތަކަށް ދިންއިރު ކުޅިވަރުގެ އަގުވަޒަންކުރުމުގެ އެވޯޑް 16 ފަރާތަކަށް ދީފައިވެ އެވެ. މީގެ އިތުރުން އައިކަން އެވޯޑް އަށް ފަރާތަކަށް ދީފައިވާއިރު މިދިޔަ އަހަރު ކުޅިވަރަށް ރަން ވަނަތައް ހޯދައިދިން ފަރާތްތަކަށް ފައިސާގެ އިނާމް ވެސް ދީފައިވެ އެވެ.

ކުޅިވަރު އެވޯޑް ހަފްލާގައި ބައިވެރިވުމަށް ދުނިޔޭގެ މަޝްހޫރު ތަރިން ރާއްޖެ އައިސްފައިވެ އެވެ. އޭގެތެރޭގައި އިޓަލީއާ އެކު ފީފާ ވޯލްޑް ކަޕް 2006 ވަނަ އަހަރު ހޯދި ފަބިއޯ ކަނަވާރޯ އާއި އިންގްލެންޑްގެ ގައުމީ ޓީމުގެ ގޯލު ކުރިން ބެލެހެއްޓި ޑޭވިޑް ޖޭމްސް ހިމެނެ އެވެ.

މި ލިއުމާއި ގުޅޭ