ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރަކީ ނިމިފައި އޮތް ސަރުކާރެއް ކަމަށާއި މި ސަރުކާރު ދިފާއު ކުރަން ނޫޅުމަށް ފުލުހުންނާއި ސިފައިންނަށް، އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ގޮވާލައްވައިފިއެވެ.
އަދުރޭ މިފަދައިން ވިދާޅުވެފައިވަނީ އިދިކޮޅު އިއްތިހާދުގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރަން ގޮވާލައި އިދިކޮޅުން ކުރިއަށްގެންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން އިއްތެ ހަވީރު މުޅި ރާއްޖޭގައި ކުރިއަށްގެންދިޔަ އިހުތިޖާޖުގެ ތެރެއިން، މާލޭގެ ރަސްފަންނުގައި މާހެފުމަކާ އެއްކޮށް ބޭއްވި މުޒާހަރާ ފައްޓަވައި ދެއްވަމުން ދެއްކެވި ވާހަކަފުޅުގައެވެ.
އަދުރޭގެ ވާހަކަފުޅުގައި މި ސަރުކާރު ދިފާއު ކުރަން ނޫޅުމަށް ފުލުހުންނާއި ސިފައިންނަށް ގޮވާލައްވާފައިވެއެވެ. އަދި މިއީ ނިމިފައި އޮތް ސަރުކާރެއްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން މި ކުރާ މަސައްކަތުގައި ބައިވެރިވާންވީ. މި މަސައްކަތް ކުރަން ޖާގަ ދޭންވީ. އަޅުގަނޑުމެންނަށް ހުރަސް ނާޅަންވީ،" އަދުރޭ ވިދާޅުވިއެވެ.
އިދިކޮޅުން އިއްޔެ ބޭއްވި އިހުތިޖާޖުގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކުން ޕީޕީއެމްގެ މެންބަރުންވަނީ ބެނާތަކާއި ޕޯސްޓަރުތައް ހިފައިގެން މަގުމައްޗަށް ނިކުމެފައެވެ. އެ ޕާޓީގެ މެންބަރުން މި އިހުތިޖާޖުގައި ގޮވާފައިވަނީ ރައީސް ޔާމީނުގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވި ހުކުމަކީ "ހަރާން" ހުކުމެއްކަމަށެވެ. އަދި އެމަނިކުފާނު މިހާރުން މިހާރަށް ބަންދުން ދޫކުރަން އިދިކޮޅުން ގޮވައިލިއެވެ.