Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޓެކްސީ ޑްރައިވަރު ޤާސިމް

ޤާސިމްގެ މަރުގެ މައްސަލައިގެ ހުކުމްކުރުން މާދަމާ!

2019 ވަނަ އަހަރުގެ ޑިސެންބަރުގެ ތެރޭގައި ޓެކްސީ ޑުރައިވަރު ޤާސިމް ޙަސަން ޤަތުލުކޮށްލި މައްސަލާގައި ދައުވާ ލިބޭ ޅ. ހިންނަވަރު، ބޮޑުހިޔާގެ، އަދުހަމް މުހައްމަދަށް ހުކުމް ކުރަން މާދާއަށް ކްރިމިނަލް ކޯޓުން ތާވަލުކޮށްފިއެވެ.

އަނިޔާވެރި ގޮތެއްގައި ޤާސިމް ޙަސަން މަރާލާފައިވަނިކޮށް ފެނުނީ ހުޅުމާލެ ސެންޓުރަލް ޕާކުގެ އުތުރުން އޮންނަ ރީތިގަސް މަގުންނެވެ. އޭނާ މަރާލާފައިވަނީ ކަރަށް ވަޅިއަކުން ހަމަލާދީއެވެ. ޤާސިމް ޙަސަން މަރައިލިކަމުގެ ކުށަށް އަދުހަމު ފުރަތަމަ އިއުތިރާފުވިއެވެ. އެގޮތުން ފުލުހަށް އޭނާ ދިން ބަޔާނުގައި ބުނެފައިވަނީ ވަޅިން ބިރުދައްކައިގެން ޤާސިމް ޙަސަންގެ އަތުން ފައިސާ ފޭރުމަށް އުޅުމުން އޭނާ އަތުން ވަޅި އަތުލަން ޤާސިމް މަސައްކަތްކުރި ކަމަށެވެ.
ޤާސިމްގެ ކަރަށް ވަޅިން ހަމަލާދީނީ އޭނާ ހަޅޭއްލަވަން ފެށުމުން، ހަޅޭކުގެ އަޑު ކަނޑުވައިލުމަށް ކަމުގައިވެސް އަދުހަމު ފުލުހަށް ދިން ބަޔާނުގައި ބުންޏެވެ. އަދުހަމް އިތުރަށް ބުނި ގޮތުގައި ޤާސިމްގެ ކަރަށް ވަޅިން ހަމަލާދިނުމަށްފަހު ކުރެވުނީ ބޮޑު ކުށެއްކަން އެނގުމުން އެ ސަރަހައްދުން އޭނަ ފިލީއެވެ.
މި މައްސަލައިގެ ތަހުގީގުގައި ފުލުހުންވަނީ ޤާސިމް މަރާލާފައި އޮއްވައި ފެނުނު ސަރަހައްދުން ޑީއެންއޭއާއި އިނގިލީގެ ނިޝާނާއި، އިތުރު ފޮރެންސިކް ހެކި ހޯދާފައެވެ. އަދި ޤާސިމްގެ ހަށިގަނޑު ފެނުނު ސަރަހައްދާ 300އެއްހައި މީޓަރު ދުރުގައި ހުރި ގަސްތަކެއްގެ ތެރެއިން އޭނާއަށް ހަމަލާދޭން ބޭނުންކުރި ހަތިޔާރުވެސް ފުލުހުން ހޯދިއެވެ. އަދި އޭގެ އިތުރަށް ސީސީޓީވީ ފުޓޭޖު ދިރާސާކޮށް ޤާސިމް ޓެކްސީގައި ދަތުރުކުރި މަގުތައްވެސް ފުލުހުންވަނީ ދެނެގަނެފައެވެ.
ދެހާސް ވިހިވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި އަދުހަމް ވަނީ އޭނާގެ މައްޗަށް ކުރި ދައުވާއަށް އިއުތިރާފުވެފައެވެ. އެއީ ދައުލަތާއެކު ހެދި އިއުތިރާފު އެއްބަސްވުމެއްގެ ދަށުންނެވެ. ނަމަވެސް އޭގެ ހަ ދުވަސް ފަހުން ބޭއްވި އަޑުއެހުމުގައި އޭނާ ބުނެފައިވަނީ އިއުތިރާފުވީ ފުލުހުން އަނިޔާކުރުމުން ކަމަށެވެ. އެނާ އެދުވަހު ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ. އެއާއެކު، ކުރިން ހެދި އިއުތިރާފު އެއްބަސްވުންވެސް ވަނީ އުވިފައެވެ.
އޭގެ ފަހުން ޝަރީއަތުގެ މަޖިލީހުގައި އަދުހަމް ވަނީ ޤާސިމަށް ހަމަލާ ދިން ކަމަށް އެއްބަސްވެފައެވެ. އަދި ކަން ހިނގައިދިޔަގޮތް ވަރަށް ތަފްސީލްކޮށް ކިޔައި ވެސް ދީފައިވެއެވެ. އަދި އެއީ އޭނާ ގަސްތުގައި ކުރި ކަމެއް ނޫން ކަމަށް ބުނެ ކުށުގެ ނިޔަތަށް އިންކާރުކޮށް އޭނާ ބުނީ އެކަން ހިނގި އިރު އޭނާ ހުރީ މަސްތުގެ ހާލަތުގައިކަމަށެވެ. އެހެންކަމުން އޭނާއަށް ލުއި އަދަބެއް ދިނުމަށް އެދި ގާސިމްގެ އާއިލާގެ ކިބައިން މައާފަށް އެދޭ ކަމަށްވެސް ބުނެފައިވެއެވެ.

މި މައްސަލާގައި ދައުލަތުން ބުނެފައި ވަނީ އަދުހަމް މަސްތުވީ އަމިއްލަ އިހުތިޔާރުގައި ކަމަށެވެ. އަދި އޭނާ ފޭރެން އުޅުނީ ވެސް މަސްތުވާތަކެތި ހޯދަން ކަމަށާއި، ކޮންމެ ހާލަތެއްގައި ވެސް މަސްތުވާތި ހޯދަން ފައިސާ ހޯދަން އޭނާ ރާވަމުން ދިޔަ ކަމަށެވެ. އެހެންވެ، ގާސިމް މަރާލުމުގެ ގަސްދު އޮތް ކަމަށް ދައުލަތުން ބުނެއެވެ.

މި މައްސަލައާގުޅިގެން ހެކިބަސް ނަގާ ނިންމާލީ މިދިޔަ އަހަރުގެ އޭޕްރީލް މަހުއެވެ. އަދި ހުލާސާ ބަޔާން އިއްވައި އަޑުއެހުންތައް ނިންމައިލީ އޮކްޓޯބަރު މަހުއެވެ. މައްސަލައިގެ ހުކުމް ކުރާ އަޑުއެހުން ތާވަލުކޮށްފައި ވަނީ މާދަމާ މެންދުރު 1:00 އަށެވެ.

މި ލިއުމާއި ގުޅޭ