މީގެ 45 އަހަރު ކުރިން މަރުގެ ހުކުމް އިއްވުނު ޖަޕާނުގެ ރައްޔިތެއް ކަމަށްވާ އިވައޯ ހަކަމަޑާގެ ޝަރީއަތް އަލުން ކުރުމަށް ޖަޕާނުގެ ޓޯކިޔޯގެ ހައިކޯޓުން އަމުރުކޮށްފިއެވެ.
މިހާރު އުމުރުން 87 އަހަރުވެފައިވާ ހަކަމަޑާ އަކީ ދުނިޔޭގައިވެސް މަރުގެ ހުކުމް އިއްވުމަށްފަހު އެ ހުކުމް ތަންފީޒު ނުކުރެވި، އަދި މިނިވަންނުވެ އެންމެ ގިނަ ދުވަހު ހުރި މީހާއެވެ. ހަކަމަޑާ އަށް މަރުގެ ހުކުމް އިއްވުނީ މަރުގެ މައްސަލައަކާ ގުޅިގެންނެވެ.
ހަކަމަޑާއަށް ތުހުމަތު ކުރެވޭ މަރުގެ މައްސަލައާއި ގުޅިގެން ފެންމަތިވި އާ ޑީއެންއޭ ހެކިތަކާ ގުޅިގެން 2014 ވަނަ އަހަރު ކޯޓުން ވަނީ އޭނާ ވަގުތީ ގޮތުން މިނިވަންކޮށްފައެވެ. އަދި އެ މައްސަލަ އަލުން ބަލަންޖެހޭ ކަމަށް މިހާރު ވަނީ ހުކުމްކޮށްފައެވެ.
ހަކަމަޑާ އަކީ މީގެ ކުރިން ޖަޕާނުގައި ޕްރޮފެޝަނަލް ބޮކްސިން ތެޅުންތެރިއެކެވެ. މިގޮތުން އެ ޤައުމުގެ ފެދަރވެއިޓް ކެޓެގަރީގައި އޭނާ ރޭންކު ކުރެވިފައިވަނީ 6 ވަނައިގައެވެ. އެހެން ނަމަވެސް 1962 ވަނަ އަހަރު ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާގެ ބޮކްސިން ކެރިއަރު ނިމުމަކަށް އައެވެ.
އެފަހުން އޭނާ މަސައްކަތް ކުރީ ސޯއި ޕޭސްޓު ހަދާ ކާރުހާނާއެއްގައެވެ. 1966 ވަނަ އަހަރު އެ ކާރުހާނާގެ ވެރިމީހާ ފޫމީއޯ ހަޝިގުޗީ އާއި އޭނާގެ އަންހެނުން އަދި ދެ ދަރިން މަރާލާފައި ތިއްބާފެނުނެވެ. އަދި އެމީހުންނާއި އެކު އެމީހުންގެ ގެ ވެސް ވަނީ އަންދާލާފައެވެ. އޭގެ ދެ މަސް ފަހުން ހަޝިގުޗީގެ މަރުގެ ތުހުމަތުގައި ހަކަމަޑާ ހައްޔަރުކުރެވުނެވެ.
އެ މައްސަލައާއި ހަކަމަޑާ އާއި ގުޅޭނެ އެއްވެސް ހެއްކެތް ނެތެވެ. ނަމަވެސް ފުލުހުންގެ ބަންދުގައި އޭނާ ބަހައްޓާ ހިންގުނު ތަހުގީގަށްފަހު ހަކަމަޑާ އޭނާ އަށް ކުރެވޭ ތުހުމަތުތަކަށް އިއުތިރާފުވިއެވެ.
މިގޮތުން ހަޝިގުޗީގެ އާއިލާ މަރާލީ އޭނަ ކަމަށާއި އެކަން ކުރީ ކުޑަ ވަޅިއެއް ބޭނުންކޮށްގެން ކަމަށް އޭނާ ސޮއިކޮށްފައިވާ އިއުތިރާފު ބަޔާނުގައި ބުނެފައިވެއެވެ. ނަމަވެސް ފަހުން ހަކަމަޑާ ވަނީ އެއީ އަނިޔާކޮށް ބިރު ދައްކައިގެން ފުލުހުން ހޯދި އިއުތިރާފު ބަޔާނެއް ކަމަށްބުނެ އެ ބަޔާން އަނބުރާ ގެންގޮސްފައެވެ.
އެހެން ނަމަވެސް ކޯޓު މަރުހަލާގައި އެ ބަޔާން އަނބުރާ ގެންދިޔުމުގެ ފުރުސަތު އޭނާއަކަށް ނުލިބުނެވެ. އަދި 1980 ވަނަ އަހަރު ޖަޕާނުގެ އެންމެ މަތީ ކޯޓުންވެސް އޭނާއަށް ކުރި މަރުގެ ހުކުމް ދެމެހެއްޓިއެވެ.
އޭނާ ޖަލުގައި ހޭދަ ކުރި ގިނަ ދުވަސްތައް ހޭދަ ކުރީ އެކަނިމާ އެކަންޏެވެ. ޖަޕާނުގައި މަރުގެ ހުކުމްކޮށްފައި ތިބޭ ފަރާތްތަކަށް އެމީހުންގެ ހުކުމް ތަންފީޒު ކުރާނެ ވަގުތު އަންގަނީ، އެކަން ކުރަން ނިންމާ ދުވަހުގެ ހެނދުނުގައެވެ. އެހެން ކަމުން ކޮންމެ ދުވަހަކުވެސް މަރުގެ ހުކުމް ތަންފީޒު ކުރެވިދާނެ ކަމުގެ ބިރު އޮވެއެވެ.
ހަކަމަޑާގެ ޝަރީއަތް އަލުން ކުރަން ނިންމީ އަލަށް ލިބުނު ޑީއެންއޭ ހެކިތަކާއި، އަދި ފަހުން ކޯޓުން އަންގައިގެން ޕްރޮސެކިއުޓަރުން ހާމަކުރި ބައެއް ހެކިތަކަށް ބިނާކޮށެވެ.