ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީ (ޖޭޕީ)އާ އެކު ކުރިއަށްދާނެ ގޮތަކާމެދު ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު، ރައްޔިތުންގެ މަޖިލީހުގެ އެމްޑޕޫ މެންބަރުންނާއި ސަރުކާރުގެ ބައެއް ވަޒީރުންނާ މަޝްވަރާ ކުރައްވައިފިއެވެ.
އެ ބައްދަލުވުން ބާއްވަވާފައިވަނީ ބުދަ ދުވަހު ހަވީރު މުލިއާގޭގައެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އެ ބައްދަލުވުމުގައި މަޖިލީހުގެ ގާތްގަނޑަކަޑަށް 50 މެންބަރުންނާއި ސަރުކާރު ބައެއް ވަޒީރުން ބައިވެރިވެވަޑައިގެންފައިވެއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ސަރުކާރާއެކު ކޯލިޝަން ހެދުމުގެ ދައުވަތު ޖޭޕީއަށް ދީފައިވަނިކޮށް ޖޭޕީން ނިންމީ އިންތިހާބުގައި ވަކިން ވާދަކުރުމަށެވެ.
މިކަމާއި ގުޅިގެން ރައީސް އިމްރާހިމް ބޭއްވި ބައްދަލުވުމުގައި ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ޖޭޕީއާއެކު ކުރިއަންދާނެ ގޮތަކާ ގުޅޭ މަޝްވަރާ ކުރައްވާފައެވެ. އޭގެއިތުރަށް ރިޔާސީ އިންތިހާބުގެ ކެމްޕެއިން ކަންކަން ކުރިއަށް ގެންދާނެ ގޮތަކާމެދު ވެސް އެ ބައްދަލުވުމުގައި މަޝްވަރާ ކުރެއްވި ކަމަށް މައުލޫމާތު ލިބެއެވެ.
ސަރުކާރުން މިފަދަ މަޝްވަރާތަކެއް ކޮށްފައިވާއިރު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖޭޕީއާ ނުލާ ވެސް އިންތިހާބު ކާމިޔާބުކުރެއްވުމަށް ރައީސް އިބްރާހީމަށް އެއްވެސް ގޮންޖެހުމެއް ނެތް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.