ޖަރުމަންވިލާތުގެ މިނިސްޓަރަކު 26 އަހަރުތެރޭގައި ފުރަތަމަ ފަހަރަށް ޓައިވާނަށް ވަޑައިގަންނަވަން ނިންމަވައިފިއެވެ.
އަންނަ ހަފްތާގައި ޖަރުމަނުގެ އެޑިއުކޭޝަން މިނިސްޓަރު ވަނީ ޓައިވާނަށް ވަޑައިގަންނަވަން ނިންމަވާފައެވެ. މިއީ 1997 ވަނަ އަހަރު ފަހުން ޖަރުމަނުގެ މަތީ ފަންތީގެ އޮފިޝަލަކު ޓައިވާނަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. ޓައިވާނަކީ ޗައިނާގެ ބައެއް ކަމަށް ޗައިނާއިން ދައުވާ ކުރާ ޤައުމެކެވެ. ޓައިވާނަކީ މިނިވަން ޤައުމެއްގެ ގޮތުގައި ބަލައިގަންނަނީ ވަރަށް މަދު ޤައުމެކެވެ.
ޖަރުމަނުގެ އެޑިއުކޭޝަން މިނިސްޓަރު ބެޓީނާ ސްޓާކް-ވަޓްޒިންގާ ޓައިވާނަށް ވަޑައިގަންނަވަނީ ޖަރުމަނާއި ޓައިވާނާއި ދެމެދު ސެމިކޮންޑަކްޓަރ ވިޔަފާރި ހަރުދަނާ ކުރުމަށް ކަމަށް ޖަރުމަނުގެ އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ. އަދި މި ދަތުރުފުޅުގައި ޓައިވާނުގެ ސިޔާދަތާއި ގުޅޭ މަޝްވަރާތައް ކުރުމަށް ރާވާފައި ނުވާކަމަށް ޖަރުމަނުން ބުނެފައިވެއެވެ.
ޖަރުމަން ސަރުކާރުގެ ތަރުޖަމާނު ސްޓެފެން ހެބެސްޓްރެއިޓް ވިދާޅުވީ މި ދަތުރުފުޅުގެ ސަބަބުން ޖަރުމަން ސަރުކާރުން ޓައިވާނާއި މެދު ގެންގުޅެމުން އައި ސްޓޭންޑު ބަދަލުވެފައި ނުވާކަމަށެވެ. މިގޮތުން ޖަރުމަނުން އަމަލުކުރަމުން ދަނީ ޔޫރަޕިއަން ޔޫނިއަނުން ޓައިވާނާއި މެދު ގެންގުޅޭ ސްޓޭންޑު ކަމަށާއި އެއީ ފަންނީ ކަންކަމުގައި ޓައިވާނާއި އެކު މަސައްކަތް ކުރުން ކަމަށެވެ.
ޖަރުމަނުގެ ޗާންސެލަރު އޮލާފް ޝޮލްޒް ވަނީ މީގެ ކުރިން، ޖަރުމަން ސަރުކާރުން "ވަން ޗައިނާ" ސިޔާސަތަށް ތާއީދުކުރާކަން ހާމަކުރައްވާފައެވެ. "ވަން ޗައިނާ" ސިޔާސަތަކީ "ޗައިނާ" ނަމަކަށް ކިޔާ އެއް ދައުލަތް އޮންނަ ކަމަށާއި އެ ދައުލަތަކީ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ ކަން ގަބޫލުކުރުމެވެ. ޓައިވާނަކީވެސް "ޗައިނާ" ނަމަކަށް ކިޔާ ދައުލަތެއް ކަމަށް ދައުވާ ކުރާ ޤައުމެކެވެ. އެހެން ނަމަވެސް ދުނިޔެއިން ޓައިވާން ބަލައިގަންނަނީ ވަރަށް މަދު ޤައުމެކެވެ.
ޓައިވާނަކީ އެހެން ޤައުމުތަކުން ރަސްމީކޮށް ބަލައިގަންނަ ޤައުމަކަށް ނުވި ނަމަވެސް، ޓައިވާނަކީ ވަރަށް މުއްސަނދި ޤައުމެކެވެ. މިގޮތުން އިލެކްޓްރޯނިކް ހުރިހާ ސާމާނެއްގައިހެން މިހާރު ބޭނުން ކުރާ ސެމީކޮންޑަކްޓަރު އެންމެ ގިނައިން އުފައްދާ ޤައުމަކީ ޓައިވާނެވެ.