ރަޝިޔާގެ ރައީސް ވްލަޑްމިރ ޕޫޓިން ހައްޔަރު ކުރުމުގެ އަމުރެއް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން (އައިސީސީ) ނެރެފިއެވެ.
އައިސީސީން މި އަމުރު ނެރުނީ ރަޝިޔާ އާއި ޔޫކްރެއިނާއި ދެމެދު މިހާރު ހިނގަމުންދާ ހަނގުރާމާގައި ޕޫޓިން ހަނގުރާމައިގެ ޖަރީމާތައް ހިންގިކަމަށް ތުހުމަތުކޮށެވެ. އައީސީސީއިން ތުހުމަތު ކުރާ ގޮތުގައި، ރަޝިޔާއިން ހިސާރުކޮށްފައިވާ ޔޫކްރެއިންގެ ބައެއް ސަރަހައްދުތަކުގައި ތިބި ކުޑަކުދިންތައް ރަޝިޔާއަށް ޑިޕޯޓު ކުރުމުގައި ޕޫޓިން ފަރުދީ ގޮތުން ޖިނާއީ ޒިންމާ އުފުލަންޖެހެއެވެ.
ޕޫޓިން ގެ އިތުރުން، ރަޝިޔާގެ ކޮމިޝަނަރ އޮފް ޗިލްޑްރެންސް ރައިޓްސްގެ މައްޗަށްވެސް އައިސީސީން ވަނީ ހަމަ މިފަދަ އަމުރެއް ނެރެފައެވެ. އައިސީސީން ނެރޭ އަމުރުތައް ތަންފީޒު ކުރުމުގެ ބާރެއް އެ ކޯޓަށް ލިބިގެން ނުވެއެވެ.
ރަޝިޔާއިން ބުނެފައިވާ ގޮތުގައި އެ އަމުރުގެ އެއްވެސް މާނައެއް ނެތެވެ. މިގޮތުން ރަޝިޔާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މާރިޔާ ޒަޚަރޯވާ ވިދާޅުވި ގޮތުގައި ރަޝިޔާ އަކީ އައީސީސީގެ ރޯމް ސްޓެޓޫޓްގައި ސޮއިކޮށްފައިވާ ޤައުމެއް ނޫން ކަމަށާއި އެހެން ކަމުން އައިސީސީން ނެރޭ އަމުރުތަކަށް އެ ގައުމުން ތަބާވާން ނުޖެހޭނެ ކަމަށެވެ.
އެވާހަކަތަކަށް ރައްދު ދެއްވައި އައިސީސީގެ ރައީސް ޕިއޯޓްރ ހޮފްމަންސްކީ ވިދާޅުވީ ރަޝިޔާއިން ރޯމް ސެޓޫޓްގައި ސޮއިނުކޮށް އޮތުމަކީ މިހާރުގެ ހާލަތަށް މުހިންމު ކަމެއް ނޫން ކަމަށާއި އައީސީސީ ގައި 123 ޤައުމު ސޮއިކޮށްފައިވާކަމަށެވެ. އަދި އެ ޤައުމުތަކުގެ ސަރަހައްދުތަކުގައި ހިންގޭ ބޮޑެތި ޖަރީމާތަކުގެ އިހުތިސާސް އައިސީސީއަށް ލިބިގެންވާ ކަމަށާއި އެހެން ކަމުން ޔޫކްރެއިންގެ ސަރަހައްދުގައި ހިނގާ ކަންކަމުގެ އިހުތިސާސް އައިސީސީ އަށް ލިބިގެންވާކަމަށް ހޮފްމަންސްކީ ވިދާޅުވިއެވެ.
ހޮފްމެންސްކީ އިތުރަށް ވިދާޅުވީ ޔޫކްރެއިންގެ ސަރަހައްދުގައި ހިންގޭ ޖަރީމާތައް ހިންގަނީ ކޮންމެ ޤައުމެއްގެ މީހެއް ކަމުގައިވިޔަސް ކޯޓުގެ އިހުތިސާސް ހިނގާނެކަމަށެވެ.
އައިސީސީގެ މި ނިންމުމަށް ޔޫކްރެއިނުން މަރުހަބާ ކިޔާފައިވާއިރު މިއީ ދުނިޔޭގެ މިހާ ބާރުގަދަ ގައުމެއްގެ ވެރިއެއްގެ މައްޗަށް އައިސީސީން މިފަދަ އަމުރެއް ނެރުނު ފުރަތަމަ ފަހަރެވެ.