މިއަދު މާލޭގެ 12 ސަރަހައްދަކުން 8 ޓަނަށްވުރެ ގިނަ ކުނި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މުވައްޒަފުން ނަގާފައިވާކަމަށް އެ ބޭންކުން ބުނެފިއެވެ.
ބީއެމްއެލްގެ މުވައްޒަފުން މާލެ ސާފުކުރުމަށް މިއަދު ހިންގި ހަރަކާތުގައި އެ ކުންފުނީގެ މުވައްޒަފުންވަނީ ބައެއް ސަރަހައްދުތަކުން ކުނި ނެގުމުގެ އިތުރަށް އެ ސަރަހައްދުތަކުގައި ހަޑިވެފައި ހުރި ފާރުތަކުގައި ކުލަލައި ޒީނަތްތެރިކޮށްފައެވެ.
ބީއެމްއެލްއިން ބުނި ގޮތުގައި މިއަދު ހިންގި މާލެ ސާފުކުރުމުގެ ހަރަކާތުގައި އެ ކުންފުނީގެ 200 މުވައްޒަފުން ބައިވެރިވިއެވެ. އެ މަސައްކަތުގައި ނެގި 8 ޓަނުގެ ތެރެއިން 2 ޓަނު ކުނި ޕާލޭއެމްވީއަށް ރިސައިކަލްކުރުމަށް ހަވާލުކޮށްފައިވާނެ ކަމަށްވެސް ބޭންކުން ބުންޏެވެ.
މާލޭގައި ކުނި ނެގުމުގެ ހަރަކާތެއް ބީއެމްއެލްއިން ހިންގާފައިވާއިރު ހަމަ މިއަދު އެ ކުންފުނީގެ ގޮފިތައް ހުންނަ ބައެއް ރަށްރަށުގައިވެސް ކުނި ނަގައި ރަށްތައް ސާފުކުރުމުގެ މަސައްކަތް އެ ގޮފިތަކުގައި މަސައްކަތްކުރާ މުވައްޒަފުން ކުރިއެވެ.
އެގޮތުން ތިނަދޫއާއި ފޮނަދޫއާއި ހޮޅުދޫއާއި ފުނަދޫއާއި މާފުށީގެ އިތުރުން ކުޑަހުވަދޫގައިވެސް ބީއެމްއެލްގެ މުވައްޒަފުން ވަނީ ކުނި ނަގައި ރަށް ސާފުކުރުމުގެ މަސައްކަތްކޮށްފައެވެ.
ބޭންކުން ހިންގި ކުނި ނަގައި ރަށްތައް ސާފުކުރުމުގެ ހަރަކާތަކީ ކޮންމެ އަހަރެއްގެ މާޗު މަހުގެ 20 ވަނަ ދުވަހުގައި ބައިނަލްއަޤުވާމީ ފެންވަރުގައި ފާހަގަކުރަމުންދާ އިންޓަނޭޝަނަލް ޑޭ އޮފް ހެޕިނަސް ފާހަގަކުރުމަށް ހިންގި ހަރަކާތެކެވެ.