އިސްރާއީލު އަސްކަރިއްޔާއިން ހުޅަނގު އައްސޭރީގައި ފަލަސްޠީނު ރައްޔިތުން ދިއިރުޅޭ ޖެނީނަށް ބުރާސްފަތި ދުވަހު އަރައިގަނެ، ފުރާވަރުގެ ކުއްޖެއް ހިމެނޭހެން ފަލަސްޠީނުގެ ހަތަރު މީހަކު ޝަހީދުކޮށްލާފައިވާކަމަށް ފަލަސްޠީނުގެ އޮފިޝަލުން ވިދާޅުވެއްޖެއެވެ.
އެ ސަރަހައްދުގައި އިސްރާއީލުގެ ޣައިރު ޤާނޫނީ އާބާދީތައް ޤާއިމުކޮށްފައިވާއިރު، އެ ތަންތަނުގައި ދިރިއުޅޭ ޔަހޫދީ އާބާދުވެރިން ފަލަސްޠީނު މީހުންނަށް ހަމަލާދިނުމާއި އިސްރާއީލު ސިފައިންނާއި ފުލުހުން ފަލަސްޠީނު މީހުންނާ ދެކޮޅަށް ހިންގާ އަނިޔާވެރި އަމަލުތައް އިތުރުވެ، އެ ސަރަހައްދުގައި ހަމަނުޖެހުން ބޮޑުވެފައިވާތާ އަހަރެއްހައި ދުވަސްވެއްޖެއެވެ.
އިސްރާއީލު އަސްކަރިއްޔާއިންވަނީ އެ އަސްކަރިއްޔާގެ ސިފައިން ޖަނީނުގައި އޮޕަރޭޝަނެއް ހިންގަމުންދާކަން ކަށަވަރުކޮށްދީފައެވެ.
އިސްރާއީލުގެ އާބާދުވެރިން ހިންގަމުން އަންނަ ހަމަނުޖެހުންތަކާއި ދެމުންދާ ހަމަލާތަކާ ގުޅިގެން ފަލަސްޠީނު ރައްޔިތުން ކުރަމުންދާ އިހުތިޖާޖުގައި ޖަނީނަކީ މުހިއްމު ސަރަހައްދެކެވެ. ޖަނީނުގައި ދިރިއުޅޭ ގިނަ އަދަދެއްގެ ފަލަސްޠީނު މީހުން ފާއިތުވި ހަފުތާއެއްހައި ދުވަހު ބޮޑެތި އިހުތިޖާޖުތަކެއް ބާއްވާފައިވެއެވެ.
ފަލަސްޠީނުގެ ޞިއްޙީ ވުޒާރާއިން ބުނި ގޮތުގައި އިސްރާއީލުން ޝަހީދުކޮށްލި ފަލަސްޠީނު ހަތަރު މީހުންގެ ތެރޭގައި އުމުރުން 29 އަހަރުގެ ޔޫސުފް ޝަރީމްއާއި 28 އަހަރުގެ ނިދާލް ޚާޒިމްއާއި 16 އަހަރުގެ ޢުމަރާ އަވާދިން ހިމެނޭކަމަށެވެ. ހަތަރުވަނަ މީހަކީ ކާކުކަން މިހާތަނަށް ކަށަވަރުވެފައިނުވެއެވެ.
ބުރާސްފަތިދުވަހު ޝަހީދުކޮށްލި ހަތަރު މީހުންނާއެކު އަހަރު ފެށުނު ފަހުން އިސްރާއީލުން ފަލަސްޠީނުގައި ޝަހީދުކޮށްލި މީހުންގެ އަދަދުވަނީ 83 އަށް އަރާފައެވެ. އިސްރާއީލުގެ އާބާދުވެރިންގެ އަނިޔާވެރިކަމާ ދެކޮޅަށް ފަލަސްޠީނު މީހުން ދިން ހަމަލާތަކުގައި މި އަހަރުގެ މިހާތަނަށް އިސްރާއީލުގެ 14 މީހަކު މަރުވެފައިވެއެވެ.
ފާއިތުވި ހަފުތާގައި ފަލަސްޠީނުގެ ތިން މީހަކު ދުއްވި އުޅަނދަކަށް އިސްރާއީލު ސިފައިން ދިން ބަޑީގެ ހަމަލާތަކުގައި ފަލަސްޠީނުގެ ތިން މީހަކު ޝަހީދުކޮށްލާފައިވެއެވެ.
ފަލަސްޠީނުގެ ރަށްތަކަށް އިސްރާއީލު ސިފައިން ވަދެގަނެ ގިނަ އަދަދެއްގެ ފަލަސްޠީނު މީހުން ޝަހީދުކޮށްލާފައިވުމާ ގުޅިގެން ހުޅަނގު އައްސޭރީގައި ނުތަނަވަސްކަން ބޮޑުވެފައިވެއެވެ.
އދ.ގެ ޤަރާރުތަކުގައި ބަޔާންކުރާ ގޮތުން ހުޅަނގު އައްސޭރި އިސްރާއީލުން އިސްތިއުމާރުކޮށްފައި އޮތީ ޤާނޫނާ ޚިލާފަށެވެ. އަދި އިސްރާއީލުން ހުޅަނގު އައްސޭރީގައި ޤާއިމުކުރަމުންދާ އާބާދުކުރުންތަކަކީވެސް ޤާނޫނާ ޚިލާފަށް ކުރަމުން އަންނަ ކަމެކެވެ.
2022 ވަނަ އަަހަރު ހުޅަނގު އައްސޭރިން ގާތްގަނޑަކަށް 150 ފަލަސްޠީނު މީހުން އިސްރާއީލު ސިފައިންވަނީ ޤަތުލުކޮށްފައެވެ. އެހެންކަމުން ނިމުނު އަހަރަކީ 2004 ވަނަ އަހަރު ފަހުން އެ ސަރަހައްދު ދުށް އެންމެ ލޭ އޮހޮރުން ގިނަ އަހަރެވެ.