ކޮންމެ ރަށަކަށްވެސް ގިނަވެގެން 30 މިނެޓުން ދެވޭ ގޮތަށް އެއާޕޯޓު އެޅުމަކީ މި ސަރުކާރުގެ ސިޔާސަތެއް ކަމުގައި ދެއްކުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މަސައްކަތް ކުރައްވައިފި އެވެ.
ގދ. ފަރެސްމާތޮޑާ އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ރޭ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އެތެރޭގެ ދަތުރުފަތުރުގައި ރައްޔިތުންނަށް ދުރު ގާތް ކޮށްދޭންޖެހޭނެ ކަމަށް މި ސަރުާކާރުން ގަބޫލުކުރާ މިންގަނޑެއް އެބައޮތް ކަމަށެވެ.
އެއީ، ކޮންމެ ރަށަކުން ވެސް ފުރައިގެން، އެންމެ ގިނަވެގެންވެސް 20-30 މިނެޓުން ދެވޭ ހިސާބުގައި ވައިގެ ބަނދަރެއް އޮތުން ކަމަށް ރައީސް ވިދާޅުވި އެވެ. "ފަރެސްމާތޮޑާ އެއާޕޯޓާއެކު އެންމެ ރަށެއް ފިޔަވާ މުޅި ހުވަދުއަތޮޅު އެ މިންގަނޑަށް ފެތި ބަރާބަރުވީ،" ރައީސް ވިދާޅުވި އެވެ.
މީހުން ދިރިއުޅޭ ރަށްރަށުން 30 ނޫނީ 40 މިނެޓުން ދެވޭ ދުރުމިނުގައި އެއާޕޯޓުތައް އެޅުމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ސިޔާސަތެކެވެ. އެ ސިޔާސަތުގެ ދަށުން އެ ސަރުކާރުގައި އެއާޕޯޓު މަޝްރޫއުތައް އިއުލާނުކޮށް ބައެއް މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ވެސް ފެށި އެވެ. އަދި 2018 ގެ މެނިފެސްޓޯގައިވެސް އެތީ އެކަން ހިމަނާފަ އެވެ.
އެކަމަކު އެއާޕޯޓުތައް އެޅުމަކީ ރަށްތަކުގެ ތިމާވެށި ހަލާކުކުރުން ކަމަށް ބުނެ ކުރީ ސަރުކާރުން ފެށި އެއާޕޯޓު މަޝްރޫއުތަކާ ދެކޮޅު ހެދުމަށްފަހު މި ސަރުކާރު ވެރިކަމަށް އައުމަށް ކުރި ކެމްޕޭނު މެނިފެސްޓޯގައި، ހިމެނީ ޖަޒީރާ ރާއްޖެ ކޮންސެޕްޓުގެ ދަށުން ފެރީގެ ނިޒާމަކުން ރާއްޖެ ގުޅާލުމަށެވެ.
ނަމަވެސް އޭގެ ފަހުން ވެރިކަމާ ހަވާލުވެ، ޖޫން 17، 2019 ގައި ކުރުނބާ މޯލްޑިވްސްގައި ބޭއްވި ފޯރަމެއްގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވަނީ މި ސަރުކާރުގެ އަމާޒަކީ ކޮންމެ ރަށަކުން ވެސް 20 މިނެޓް ތެރޭގައި އެއާޕޯޓަކަށް ދެވޭނެ ގޮތް ފަހިކުރުން ކަމަށް ވިދާޅުވެފަ އެވެ.
ސިޔާސަތު ބަދަލުވުމާ ގުޅޭގޮތުން ފާޑުކިޔުން އަމާޒުވުމުން، ފައްޔާޒު އޭރު ވަނީ ރައީސް ޔާމީންގެ އެ ސިޔާސަތަކީ ރަނގަޅު ސިޔާސަތެއް ކަމަށް ބުނެ އެއަށް ތާއީދުކޮށްފަ އެވެ.
މިނިސްޓަރު އޭރު ވިދާޅުވީ މީހުން ދިރިއުޅޭ ރަށްރަށާ ކައިރީ އެއާޕޯޓުތައް އެޅުމުގެ ސިޔާސަތަކީ ރަނގަޅު ސިޔާސަތެއް ކަމަށާއި ރައީސް ޔާމީނުގެ އެ ސިޔާސަތު މި ސަރުކާރުންވެސް ކުރިއަށް ގެންދާނެ ކަމަށެވެ.