މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމުގައި ފުލުހަކު ވަރަށް ހުތުރު ބަހުން މުއާމަލާތުކޮށް، އަނިޔާކުރި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ނަން ނުޖެހުމަށް ޝަރުތުކޮށް އެ މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހާ "ދިޔަރެސް" އަށް ބުނި ގޮތުގައި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ މިދިޔަ ބުދަ ދުވަހު ހުޅުމާލޭގައި ސައިކަލު ދުއްވާފައި ދަނިކޮށް، ފުލުސް ކާރެއްގެ ލޯގަނޑުގައި އޭނާގެ ސައިކަލުގެ ލޯގަނޑު ޖެހުމުންނެވެ.
ފުލުސް ކާރުގައި ޖެހުނީ އޭގެ ސައިޑް ލައިޓް އަޅާފައި ހުރިކަން އޭނާއަށް ނުފެންނާތީ އޯވާޓޭކް ކޮށްފައި ދާން އުޅުމުގެ ތެރޭގަ އެވެ. އެވަގުތު ކާރު ކައިރިއަށް މަޑުކޮށް، ޖެހުނީ އޮޅުމަކުން ކަމަށް އޭނާ ބުނި ނަމަވެސް އެ ސަރަހައްދުގައި މަޑުކުރަންވެސް ފުލުހުން ބުނެފައި ނުވާކަމަށް އޭނާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި ފުލުހުންގެ ސައިރަންގެ އަޑު އިވުނީ ހުޅުމާލެއިން މާލެއަށް އަންނަން ބްރިޖު މައްޗަށް އަރައި، ހައިވޭ ތިން މަގަށް ފުޅާވާ ހިސާބުންނެވެ. އޭރުވެސް މަޑުކުރަން ނުބުނާތީ ފުލުހުން އައީ އޭނާގެ ފަހަތުންކަން ނޭނގޭ ކަމަށް އޭނާ ބުންޏެވެ. އެކަމަކު އަތުން ހިފައިގެން އައި އިތުރު ހެލްމެޓެއް ވެއްޓުމުން އޭނާ ޓްރެފިކް ލައިޓް ކައިރިއަށް މަޑުކުރީ އެވެ.
"އެދޭތެރޭގައި ދުއްވި ދުއްވުމުގައިވެސް އެމީހުން ގޮވައި މަޑުކުރާށޭ ބުނި އަޑެއް ނާހަން. ސައިރަން އަޑު އިވުނަސް އެއީ. ދެން ޓްރެފިކް ލައިޓަށް މަޑުކޮށްގެން ހުއްޓަ ޕޮލިސް ކާރު އައިސް ފަހަތުން އަރުވާލި ގަޑީ ސައިކަލުގެ ކަވަރު ސެޓާއި ޑޭޝް މީޓަރާ އެއްޗެހި ނެއްޓުނު. ފަހަތުން ޖެއްސި ގަޑީ ބަހާ ޕޮލިސް ކާރާ ދޭތެރޭ އަޅުގަނޑު ފިތުނީ. އެކަމަކު އެގަޑީ އަޅުގަނޑަށް އަނިޔާއެއް ނުވޭ،" އޭނާ ބުންޏެވެ.
އޭނާ ބުނީ އެހިސާބުން ފުލުހުން ކާރުން ނުކުމެގެން އައިސް ބުނާ ގޮތެއް ހެދުމަށް އެންގުމުން އެމީހުން ބުނި ހުރިހާ ގޮތަކަށް އަމަލުކުރި ކަމަށެވެ.
"ސައިކަލުން ފައިބައި ބޮލުގަ އަތް އަޅައިގެން އެބޭފުޅުން ބުނި ގޮތަކަށް ކަންތައް ކުރީ. ޕޮލިސް ކާރާ ހަމައަށް ފުރަތަމަ ގެންދަން ހިނގައިގަތީ ބިޑި ނާޅުވާ. ބިޑި އެޅުވީ އެތާ ހުރި އެހެން ފުލުސް މީހަކު އަޅުގަނޑަށް ޅަވިޔަނި ބަހުރުވައިން މުހާތަބުކޮށް ބިޑި އަޅުވާފަ ގެންދަން އެންގުމުން،" އޭނާ ބުންޏެވެ.
"ދެން ބިޑި އަޅުވާފަ ބާރުކުރީ. އެގަޑީ ހުރީ ކަނާއަތަށް އިތުރަށް ބާރުކޮށްފަ. ކާރަށް ވެއްދި ގަޑީވެސް އަޅުގަނޑުގެ ކޮނޑުގައި ވިއްދާފަ އަޅުގަނޑު ފައި އެޅި ގަޑީގަ ބޫޓުން އެބޭފުޅާގެ ބޫޓުން އަޅުގަނޑުގެ ފައިގަ ވިއްދާފަ ކާރަށް އެރުވީ. އެރުވި ގަޑީގަ ފަޔަށްވެސް ވަރަށް ތަދުވި."
މާލޭގެ މަގުމަތި: ފޮޓޯ: ދިޔަރެސް
އޭނާ ބުނި ގޮތުގައި އެތަނުގައި ހުރި ރާތިބު މުހައްމަދު ކިޔާ ފުލުހަކު ޅަވިޔަނި ބަހުރުވައިން އޭނާއަށް މުހާތަބުކޮށް "މިރޭ ހަނާކޮށްލާނެ" ކަމަށް ވެސް ބުންޏެވެ.
"ފުރަތަމަ ކާރަށް އަރުވާފަ އެބޭފުޅާ [ފުލުސް މީހާ] އަޅުގަނޑާ ދިމާލަށް މޫނަށް އިނގިލި ދިއްކޮށްފަ ޅަވިޔަނި ބަހުރުވަ ބޭނުންކޮށް އެހީ ކީއްކުރަންހޭ މަޑުކުރާށޭ ބުނީމަ މަޑު ނުކުރީ. އަޅުގަނޑު ބުނިން އަޑެއް ނީވޭ ބުނި ކަމެއް. ބުނީމަ ޅަވިޔަނި ބަހުރުވަ ބޭނުންކޮށް ބުނީ މިރޭ ހަނާކޮށްލާނަމޭ،" އޭނާ ބުންޏެވެ.
އެކަމަކު އެއަށް ރައްދު ނުދީ އޭނާ އެދުނީ ބިޑި ދޫކޮށްދިނުމަށެވެ. ތިން ފަހަރު މަތިންވެސް ބިޑި ދޫކުރަން އެދުމުން އިތުރަށް ބިޑި ކުރީ ބާރު ކަމަށް އޭނާ ބުންޏެވެ.
"އަޅުގަނޑު ބުނިން ބިޑި ވަރަށް ބާރުކޮށޭ އެޅުވިފަ ހުރީ ދޫކޮށްލަދޭށޭ. ތިން ފަހަރު މަތިން ބުނީމަ ވެސް ބިޑި ބާރު ނުކޮށް ހައްތަހާ ބާރުކުރީ. ބާރުކުރީމަ ވަރަށް ތަދުވި އަދި ހަމަ އަތުން އެއްޗެެއް ނެއްޓިގެން ދިޔަހެން ހީވީ. ހަތަރުވަނަ ފަހަރު ބިޑި ދޫކޮށްދޭން ބުނީމަ އެ ފުލުސް މީހާ ގޮވީ މައިފައި،" އޭނާ ބުންޏެވެ.
ފޯނާއި ޖީބުގައި ހުރި ހުރިހާ އެއްޗެއް އަތުލައި މުޅި މީހާ ޗެކްކުރުމަށްފަހު ދެން އޭނާގެ ބިޑި ނެއްޓުވީ ސްޓޭޝަނަށް ގެންދާށެވެ. އަދި އޭނަ ބިޑި އަޅުވާފައި ބެހެއްޓީ ވައިލަންޓްވެ ގަދަ ހަދާތީ ކަމަށް ފުލުހުން އާއިލާ ކައިރީ ބުނި ކަމަށެވެ.
"ބިޑި ނެއްޓި ގަޑީވެސް ވަރަށް ގަދަ ބާރުން ވިއްދީ ކޮނޑު ހުޅަށް، ވިއްދި ގަޑީ އަޅުގަނޑުގެ އަތަށް ވަރަށް ތަދުވި، ހަމަ އެއްޗެއް ނެއްޓުނުހެން ހީވީ. ކަނާއަތުގެ ބޮޑުވައި އިނގިއްޔާއި ޝަހާދަތް އިނގިއްޔަށްވެސް ހުރީ ތަދު އިހްސާސް ނުވާވަރަށް އައްސިވެފަ އެގަޑީ" އޭނާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި ފުލުހުން މައުލޫމާތު ދީފައި އޮތީ އޭނާ އެންމެ ފުރަތަމަ އެމްޓީސީސީ ބަހަށް ސައިކަލު އަރުވާލީ ކަމަށާއި އޭގެ ފަހުން އެމީހުންގެ ކާރު އައިސް ސައިކަލުގަ ޖެހުނީ ކަމަށެވެ. "އެކަމަކު އެއީކީ ނޫން ކަން ވީގޮތަކީ އަޅުގަނޑު މަޑުކޮށްގެން އިންދަ ފުލުހުންގެ ކާރު ފަހަތުން އައިސް ޖެއްސުމުން އެމްޓީސީސީ ބަހަށް އެެރީ. ސައިކަލު ހުރީ ކޮއްޅަށް ފިތިފަ ބަހާ ކާރާ ދޭތެރޭގަ،" އޭނާ ބުންޏެވެ.
ނަމަވެސް ބަހާ ފިތުނު ގަޑީވެސް އޭނާއަށް އޭނާއަށް އަނިޔާއެއް ނުވާ ކަމަށައި، އަނިޔާވީ ބިޑި އަޅުވައި ކާރަށް އެރުވުމުގައި ފުލުހުން އަމަލުކުރި ގޮތުން ކަމަށް އޭނާ ބުންޏެވެ.