Thursday 23rd Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ނަޝީދު

ސަރުކާރާ ދެކޮޅަށް މަގުމަތީ ހަރަކާތަށް ނިކުމެވަޑައިގަތުމަށް ތައްޔާރުކަމުގެ އިޝާރާތެއް ނަޝީދު ދެއްވައިފި

ސަރުކާރާ ދެކޮޅަށް މަގުމަތީ ހަރަކާތަށް ނިކުމެވަޑައިގަތުމަށް ތައްޔާރަށް ހުންނެވިކަމުގެ އިޝާރާތެއް ރައީސް މުހައްމަދު ނަޝީދު ދެއްވައިފިއެވެ.

މިފަދަ އިޝާރާތެއް ނަޝީދު ދެއްވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއީދުކޮށް އެމްޑީޕީ އިސްވެ ހަދާ ކޯލިޝަނެއްގައި ބައިވެރިވުމުގެ ބަދަލުގައި އަމިއްލައަށް އިސްނަގައިގެން ކޯލިޝަނެއް ހަދައިގެން ކުރިއަށްދާން ޖުމްހޫރީ ޕާޓީން ނިންމުމުން އެ ޕާޓީގެ ސްލޮޓުތަކުގައި ސަރުކާރުގެ މަޤާމުތަކުގައި ތިއްބެވި ބޭފުޅުން ވަކިކުރުމުގެ ބަހުސާމެދު ދެއްކެވި ވާހަކަފުޅުގައެވެ.

އިއްޔެގެ މަޖިލިސް ޖަލްސާގައި މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީވަނީ ރައީސް އިބްރާހީމަށް ތާއީދުނުކުރަން ޖޭޕީން ނިންމާފައިވުމާއެކު އެ ޕާޓީގެ ސްލޮޓުތަކުގައި މަޤާމުތަކަށް އައްޔަންކުރައްވާފައިވާ ސަރުކާރުގެ ވެރިން އިސްތިއުފާނުދެއްވާނަމަ، އެ ބޭފުޅުން ކަންބަޅިތައް ކަތިލާ ގޮތަށް ވަކިވަކިން މަޖިލީހަށް ހާޒިރުކޮށް މަޤާމުތަކުން ވަކިކުރައްވާނެކަމުގެ އިންޒާރުދެއްވާފައެވެ.

ރާއީ ދެއްކެވި ވާހަކަފުޅާމެދު ކަންބޮޑުވުން ފާޅުކުރައްވައި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްވަނީ މިއަދު މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއަޕް ގުރޫޕަކަށް މެސެޖެއް ފޮނުއްވާފައެވެ. އިއްޔެ މަޖިލީހުގައިވެސް ޤާސިމް އެ ވާހަކަތަކަށް ރައްދުދެއްވިއެވެ.

ޤާސިމް ފާހަގަކުރައްވާ ގޮތުގައި މިހާރު އޮތް ކޯލިޝަނަކީ 2023 ވަނަ އަހަރު މި ދައުރު ނިމުމާ ހަމައަށް ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން ހިންގާ ކޯލިޝަނަކަށްވާތީ، އެ މުއްދަތު ނުނިމެނީސް ޖުމްހޫރީ ޕާޓީގެ މެންބަރުން ވަކިނުކުރެއްވޭނެއެވެ.

ޤާސިމް މިއަދު ކުރެއްވި މެސެޖަށް ޖަވާބުދެއްވަމުން ނަޝީދު ވިދާޅުވީ ޖުމްހޫރީ ޕާޓީއަށް ދެރަ ގޮތެއް ނުވާނެކަމަށެވެ. އަދި އެ ޕާޓީގެ މެންބަރުންނާ ހަމައަށް އާދެވޭނީ އެހެން މެންބަރުންވެސް ފަހަނައަޅައި ގޮސްގެންކަމަށް ނަޝީދު ވިދާޅުވިއެވެ.

އިތުރަށް ނަޝީދު ވިދާޅުވީ ސަރުކާރުން މިހާރު ބޭނުންވަނީ ރައްޔިތުން މަގުތަކަށް ނިކުންނަން ކަމަށެވެ. އަދި ކުރިން ތަހައްމަލުކުރެއްވި ޖަލު ބަންދާއި މަގުމަތިން ކުރިމަތިވެވަޑައިގެންނެވި ކަރުނަ ގޭހާއި ޕެޕާ ސްޕްރޭގެ ހަދާންތައް އައުކުރައްވައި ނަޝީދު ވިދާޅުވީ އަދިވެސް އެކަންކަމާ ކުރިމަތިލެއްވުމުގެ ހިތްވަރު އެބަހުރި ކަމަށެވެ.

މި ލިއުމާއި ގުޅޭ