އެމްއެމްޕީއާރުސީ ޚިޔާނާތުގެ މައްސަލާގައި ކުރީގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލުގެ މައްޗަށް ދައުވާކޮށްދިނުން އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް އެންޓި ކޮޕްރަޝަން ކޮމިޝަނުން ފޮނުވައިފިއެވެ.
މި މައްސަލައާ ގުޅިގެން މިއަދު އޭސީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މޫސާ އަލީ ޖަލީލަށް ކުރީގެ ނައިބުރައީސް އަޙްމަދު އަދީބު ދެއްވި ފައިސާއަކީ ކުށް ކޮށްގެން ހޯދި ފައިސާކަމަށެވެ. އަދި އެއީ ކުށްކޮށްގެން ހޯދި ފައިސާކަމަށް އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް ޝައްކުކުރެވޭ ހާލަތުގައި މޫސާ އަލީ ޖަލީލު ނެންގެވި ފައިސާ ކަމަށެވެ.
އޭސީސީން އިތުރށް ބުނީ އެ ފައިސާ ޖެނެރަލް މޫސާ އަލީ ޖަލީލުގެ އެކައުންޓަށް ޖަމާއކޮށް އެ ފައިސާ އަމިއްލަ ކަންކަމަށް ބޭނުންކުރައްވާފައިވާކަން އެ ކޮމިޝަނުގެ ތަހުގީގަށް ހޯދިފައިވާ ކަމަށެވެ.
މި މައްސަލާގައި އޭސީސީން މޫސާ އަލީ ޖަލީލުގެ މައްޗަށް އުފުލައިދިނުމަށް އެދިފައިވަނީ މަނީ ލޯންޑަކުރުމުގެ ކުށުގެ ދައުވާއެވެ.
އޭސީސީން ބުނި ގޮތުގައި މޫސާ އަލީ ޖަލީލުގެ މައްޗަށް ދައުވާކުރުމުގެ އިތުރަށް، އެ މައްސަލައާ ގުޅިގެން ދައުލަތަށް އަނބުރާ ލިބެންޖެހޭ 1 މިލިއަން ރުފިޔާ ހޯދުމަށް އެމްއެމްޕީއާރުސީއަށް އަންގާފައިވާ ކަމަށެވެ.