ފާއިތުވި ޑިސެންބަރު މަހުގެ 25 ވަނަ ދުވަހުގައި ކުރިމިނަލް ކޯޓުން އިދިކޮޅު އިއްތިހާދުގެ ލީޑަރު އަދި ރިޔާސީ ކެނޑިޑޭޓު ރައީސް ޢަބްދުﷲ ޔާމީނުގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމް ހައިކޯޓުގައި އިސްތިއުނާފުކުރުމުން، އިސްތިއުނާފު ފޯމު އިސްލާހުކުރަން އެންގި ކަންކަން އިސްލާހުކޮށް އަލުން ހުށަހަޅައިފިއެވެ.
ރައީސް ޔާމީނުގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާއާއި، މަނީ ލޯންޑަރިން ކުށުގެ ދައުވާ ސާބިތުވާކަމަށް ކުރިމިނަލް ކޯޓުގައި އެ ދައުވާތަކުގެ ޝަރީޢަތްކުރެއްވި އެ ކޯޓުގެ ކުރީގެ އިސްޤާޟީ އަޙްމަދު ޝަކީލު ކަނޑައަޅުއްވައި، އެމަނިކުފާނު 11 އަހަރަށް ޖަލަށްލުމަށް ހުކުމްކުރެއްވީ ނިމުނު އަހަރުގެ ޑިސެންބަރު މަހުއެވެ.
އެ ހުކުމުގައި ޤާނޫނީ އަދި ޝަރުޢީ ގިނަ މައްސަލަތަކެއް ހުރިކަމަށް ރައީސް ޔާމީނުގެ ދިފާއީ ވަކީލުން ފާހަގަކުރެއްވިއެވެ. އެގޮތުން ހުކުމުގައި ފުރިހަމަވާންޖެހޭ އިޖުރާއީ ބައެއް ކަންކަން ފުރިހަމަނުވާކަމަށާއި ހެކި ސާބިތުކޮށްފައިވަނީވެސް ޤާނޫނާ އެއްގޮތަށް ނޫންކަމަށް ވަކީލުން ވިދާޅުވެއެވެ.
އެ މައްސަލައިގެ އިސްތިއުނާފު ހައިކޯޓަށް ހުށަހެޅުމުން، ކުރިމިނަލް ކޯޓުން އެއް ހުކުމެއްގައި ދެ ދައުވާއަށް ހުކުމްކުރި ނަމަވެސް ވަކިވަކިން ދެ ދައުވާގެ އިސްތިއުނާފު ހުށަހެޅުމަށާއި، އެ މައްސަލާގައި ހައިކޯޓަށް ދިފާއީ ޓީމުން ހުށަހެޅި ބޭރުގެ ކޯޓުުތަކުގެ ޤަޟިއްޔާތަކުގެ ތަރުޖަމާތައް ހުށަހެޅުމަށް ހައިކޯޓުން އެންގިއެވެ.
އިސްތިއުނާފީ ދައުވާގެ ފޯމަށް ގެންނަން ހައިކޯޓުން އެންގި ކަންކަން ފުރިހަމަކޮށް، އިސްތިއުނާފު ފޯމު އަލުން ކޯޓަށް ރައީސް ޔާމީނުގެ ވަކީލުންގެ ފަރާތްޕުޅުން އިއްޔެވަނީ ހުށަހަޅާފައެވެ.