Thursday 23rd Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުޅިވަރު

ރާއްޖެ އާއި ޕާކިސްތާން މެޗު އޮންނާނީ ލ. ގަން ސްޓޭޑިއަމްގައި

މި މަހުގެ 21 ވަނަ ދުވަހު ޕާކިސްތާނާ ދެކޮޅަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު ކުޅޭ އެކުވެރިކަމުގެ މެޗު ލ. ގަމުގައި ތަރައްގީކޮށްފައިވާ ޒޯން ސްޓޭޑިއަމްގައި ކުޅެން ނިންމައިފި އެވެ.

ގަމުގައި ގައުމީ ފުޓްބޯޅަ ޓީމުގެ މެޗު ކުޅޭނެކަން އިއުލާންކުރީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ސޯޝަލް މީޑިއާގައި އާއްމުކުރެއްވި ޕޯސްޓެއްގަ އެވެ. ބައްސާމް ވިދާޅުވީ އެ މެޗު ގަން ސްޓޭޑިއަމްގައި ކުޅެން ނިންމީ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް އެދިލެއްވުމުން ކަމަށެވެ.

ފީފާ ރޭންކިންގައި ގުނާ މި މެޗު ގަން ސްޓޭޑިއަމްގައި އޮންނާނީ 21 ވަނަ ދުވަހުގެ ހަވީރު އެވެ.

ސަރުކާރުން ގަން ސްޓޭޑިއަމް ތަރައްގީކޮށް 2020 ވަނަ ފަހަރު ރަސްމީކޮށް ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު މަހުލޫފް ވަނީ އޭއެފްސީ ކަޕްގެ މެޗުތައް އެ ދަނޑުގައި ކުޅުމަކީ އަމާޒެއް ކަމަށް ވިދާޅުވެފަ އެވެ. ބެލެވޭ ގޮތުގައި އޭއެފްސީ ކަޕްގެ މެޗެއް އެ ދަނޑުގައި ނުކުޅުވޭތީ ގައުމީ ފުޓްބޯޅަ ޓީމުގެ މެޗެއް އެ ދަނޑަށް ބަދަލުކުރީ އެވެ.

ރާއްޖެ އާއި ޕާކިސްތާން އެންމެ ފަހުން ބައިނަލްއަގްވާމީ މެޗެއްގައި ވާދަކުރީ 2013 ވަނަ އަހަރުގެ ފެބްރުވަރީ މަހު އެވެ. އެ ފަހަރު މާލޭގައި އެކުވެރިކަމުގެ ދެ މެޗު ޕާކިސްތާނުން ރާއްޖެއާ ދެކޮޅަށް ކުޅުނެވެ. ފުރަތަމަ މެޗު 1-1 އިން އެއްވަރުވިއިރު ފަހު މެޗުން ރާއްޖެ މޮޅުވީ 0-3 އިންނެވެ.

މި ދެޓީމު ވަނީ ފުޓްބޯޅައިގެ ތާރީހުގައި މިހާތަނަށް 10 ފަހަރު ވާދަކޮށްފަ އެވެ. ރާއްޖެ ތިން މެޗުން މޮޅުވެ ތިން މެޗުން އެއްވަރުވިއިރު، ޕާކިސްތާން ވަނީ ހަތަރު މެޗުން މޮޅުވެފަ އެވެ. ރާއްޖެ އަތުން ޕާކިސްތާނަށް އެންމެ ފަހުން މޮޅެއް ލިބުނީ 1991 ވަނަ އަހަރުގެ ސާފް ގޭމްސްގަ އެވެ.

ފީފާ ސަސްޕެންޝަނުން ސަލާމަތްވެ ޕާކިސްތާން މިހާރު އަންނަނީ ބައިނަލްއަގްވާމީ ފުޓްބޯޅައިގައި ވާދަކުރަން މަސައްކަތް ކުރަމުންނެވެ. ރާއްޖޭގެ މެޗަށް ތައްޔާރުވުމުގެ ގޮތުން އެޓީމުން މިހާރު ވަނީ ޕްރެކްޓިސް ފަށައިފަ އެވެ. އަދި، މިއަހަރުގެ ޖޫން މަހު އިންޑިއާގައި އޮންނަ ސާފް ޗެމްޕިއަންޝިޕްގައި ޕާކިސްތާން ވާދަކުރާނެކަމަށް ބެލެވެ އެވެ.

2021 ވަނަ އަހަރު ރާއްޖޭގައި އޮތް ސާފް ޗެމްޕިއަންޝިޕްގައި ޕާކިސްތާނަށް ވާދަނުކުރެވުނީ ފީފާގެ ސަސްޕެންޝަނުގައި އޮތުމުންނެވެ. ސާފް ޗެމްޕިއަންޝިޕްގައި ޕާކިސްތާން އެންމެ ފަހުން ރާއްޖެއާ ދެކޮޅަށް ނުކުތީ 2011 ވަނަ އަހަރު އެވެ.

ބައިނަލްއަގްވާމީ މެޗަކަށް ނުކުންނަން ރާއްޖެ ތައްޔާރުވާއިރު ފުޓްބޯޅަ އޮތީ ހުއްޓިފަ އެވެ. ފުރަތަމަ ޑިވިޝަނުގެ ފުޓްބޯޅަ މެޗެއް ނުކުޅޭތާ އަހަރަކާ ގާތްވާއިރު އާ ސީޒަނުގެ ކަލަންޑަރު ވެސް އެފްއޭއެމް އިން އަދި ހާމައެއް ނުކުރެ އެވެ. އެކަމަކު ރާއްޖޭގެ ދެ ކްލަބް ކަމަށްވާ މާޒިޔާ އާއި ކްލަބް އީގަލްސް އިން އަންނަނީ އާ ސީޒަނަށް ތައްޔާރުވަމުންނެވެ.

މި ލިއުމާއި ގުޅޭ