ސްޕޯޓްސް އެވޯޑްސް ހަފްލާ އަކީ ކުޅިވަރުގައި ޝާމިލްވާ ހުރިހާ ފަރާތެއްގެ އަގުވަޒަން ކުރުމުގެ ގޮތުން މިދިޔަ އަހަރު ބާއްވަން ފެށި ހަފްލާ އެކެވެ. މި އެވޯޑް ހަފްލާގައި ރާއްޖެ ވާދަކުރާ ބައިނަލްއަގްވާމީ ހުރިހާ ކުޅިވަރަކުން އެންމެ މޮޅު އަންހެން އަދި ފިރިހެން އެތުލީޓުން ހޮވުމާއި އެންމެ މޮޅު މީޑިއާ އާއި ނޫސްވެރިންގެ އިތުރުން އެންމެ މޮޅު ކުޅިވަރު އެސޯސިއޭޝަން ހޮވާނެ އެވެ.
ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީން މި އެވޯޑް ހަފްލާ މާދަމާ ރެއަށް ފަސްކުރީ މިދުވަސްވަރު މާލެ ސަރަހައްދަށް މޫސުން ގޯސްވުމާ ގުޅިގެން މޯލްޑިވްސް މީޓްރިއަލޮޖިކަލް ސާވިސް (މެޓް) ގެ ލަފައާ އެކު އެވެ. ޔޫތު މިނިސްޓްރީން ވަނީ ކުޅިވަރު އެވޯޑް ހަފްލާއާ ގުޅިގެން އިތުރު ހަރަކާތްތަކެއް ވެސް ރާވާފަ އެވެ.
އެވޯޑް ނައިޓް ފަސްވުމާ އެކު ހުކުރު ދުވަހާއި ހޮނިހިރު ދުވަހުގެ ހަވީރާއި ރޭގަނޑު ބޭއްވުމަށް ކުރިން ތާވަލްކޮށްފައިވާ ކުޑަކުދިންގެ ހަވީރު އަދި މިއުޒިކު ޝޯ ހޮނިހިރު އަދި އާދީއްތަ ދުވަހަށް ވަނީ ފަސްކޮށްފަ އެވެ.
މިއަހަރުގެ އެވޯޑަށް ވާދަކުރާ އެތުލީޓުންގެ ނަންތައް މިހާރު ވަނީ އާއްމުކޮށްފަ އެވެ. އެވޯޑް ދެނީ އެކަމަށް ހާއްސަކޮށްފައިވާ ޖަޖިން ޕެނަލަކުން މާކްސް ދީގެންނެވެ.
އެވޯޑް ހަފްލާ އަށް މިދިޔަ އަހަރު ވެސް ބައިނަލްއަގްވާމީ މަޝްހޫރު ތަރިން ރާއްޖެ އައިސްފައިވެ އެވެ. މިއަހަރުގެ ހަފްލާ އަށް ވެސް ދުނިޔޭގެ މަގްބޫލު ތަރިން އަންނަނީ ޒިޔާރަތްކުރަމުންނެވެ. އޭގެތެރޭގައި ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް 2006 ވަނަ އަހަރު ހޯދި ކުރީގެ އިޓަލީ ކެޕްޓަން ފަބިއޯ ކަނަވާރޯ އާއި އިންގްލެންޑުގެ ކުރީގެ ގޯލްކީޕަރު ޑޭވިޑް ޖޭމްސް ފާހަގަކޮށްލެވެ އެވެ.