މި މަހުގެ ފަހު ހަފްތާ ކުޅޭ ޔޫއެފާ ޔޫރޯ ކޮލިފައިންގައި ސްވިޑެން ނުކުންނާނީ ބެލްޖިއަމް އާއި އަޒަރުބައިޖާންއާ ދެކޮޅަށެވެ.
އޭސީ މިލާންގެ ފޯވާޑަށް އަނިޔާގެ މައްސަލަތައް ދިމާވެފައިވާއިރު މި ސީޒަނުގައި އަދި ކުޅުނީ ތިން މެޗުގަ އެވެ. އިބްރަހިމޮވިޗް ފަރުވާ ހޯދަމުން އަންނަނީ ކަކުލުގެ އަނިޔާއަކަށެވެ. މިދިޔަ ދެ ސީޒަނުގައި އަނިޔާގެ ސަބަބުން އިބްރަހިމޮވިޗަށް ގިނަ މެޗުތަކެއް ވަނީ ގެއްލިފަ އެވެ.
އިބްރަހިމޮވިޗް ގައުމީ ޓީމަށް ކުޅުން ރަސްމީކޮށް ހުއްޓާލީ 2016 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ފަހު އެވެ. އެކަމަކު އޭގެފަހުން އެނބުރި އައިސް ސްވިޑެން 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕަށް ކޮލިފައިކޮށްދިނުމަށް އިބްރަހިމޮވިޗް މަސައްކަތްކުރި އެވެ. އެކަމަކު ޕްލޭއޮފްގައި ބަލިވުމުން ސްވިޑެން އަށް މިދިޔަ ވޯލްޑް ކަޕުން ފުރުސަތު ގެއްލުނެވެ. އިބްރަހިމޮވިޗް ގައުމީ ޓީމަށް އެންމެ ފަހުން ކުޅުނު މިދިޔަ އަހަރު ވޯލްޑް ކަޕް ޕްލޭއޮފްގައި ޕޮލެންޑާ ވާދަކުރި މެޗުގަ އެވެ.
އިބްރަހިމޮވިޗަކީ ސްވިޑެންގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާ އެވެ. އޭނާ ވަނީ ގައުމީ ޓީމަށް ކުޅުނު 121 މެޗުގައި 62 ލަނޑު ޖަހައިފަ އެވެ.
ސްވިޑެންގެ ޒުވާން ޓީމުތަކުން 1999 ވަނަ އަހަރު ޖާގަ ހޯދުމަށް ފަހު އިބްރަހިމޮވިޗަށް ސީނިއާ ގައުމީ ޓީމުން ފުރުސަތު ލިބުނީ 2001 ވަނަ އަހަރު އެވެ.
ސްވިޑެންގެ ކޯޗު ޔެން އެންޑަސަން ބުނީ އިބްރަހިމޮވިޗް އަލުން ގައުމީ ޓީމަށް ނެގިޔަސް ފުރަތަމަ އެގާރައިން ފުރުސަތު ނުލިބިދާނެ ކަމަށާއި، އެކަމަކު އެވަރުގެ ކުޅުންތެރިއަކު ހުރުމުން ޓީމުގެ ބެންޗު ވަރުގަދަވާނެ ކަމަށެވެ.