Saturday 15th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުޅިވަރު

ރެއާލުން ލިވަޕޫލް ކަޓުވާލައިފި، ނަޕޯލީ ވެސް ގަދަ އަށަކަށް

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ސްޕެއިންގެ ރެއާލް މެޑްރިޑާއި އިޓަލީގެ ނަޕޯލީ ޖާގަ ހޯދައިފި އެވެ.

ރެއާލް ކުއާޓާ ފައިނަލުން ޖާގަ ކަށަވަރުކުރީ ރޭ އަމިއްލަ ދަނޑުގައި 0-1 އިން ލިވަޕޫލް ބަލިކޮށްގެންނެވެ. ފުރަތަމަ ލެގްގައި ރަށުން ބޭރުގައި 5-2 އިން ލިވަޕޫލް ބަލިކުރިއިރު އެގްރިގޭޓުން ރެއާލަށް ކުރި ލިބުނީ 2-6 އިންނެވެ.

މިއީ ލިވަޕޫލްގެ މައްޗަށް ޖެހިޖެހިގެން ރެއާލް ކުރި ހޯދި ތިންވަނަ ސީޒަނެވެ. މިދިޔަ ސީޒަނުގެ ފައިނަލުގައި ލިވަޕޫލް އަތުން މޮޅުވިއިރު އޭގެކުރީ ސީޒަނުގެ ނޮކްއައުޓް ބުރުގައި ލިވަޕޫލް ބަލިކުރި އެވެ.

ރޭގެ މެޗު ފަށައިގެން ލިވަޕޫލުން ވަނީ ހަމަލާތައް އުފައްދައި ގޯލު ޖަހާނެ ފުރުސަތު ތަނަވަސްކޮށްފަ އެވެ. ލީޑު ނަގަން އެންމެ ހުސް ފުރުސަތު މިހާފުގައި ލިބުނީ ޑާވިން ނޫނޭޒް އަށެވެ. ނޫނޭޒް އަށް ލިބުނު ފުރުސަތުގެ ބޭނުން ނުހިފުނުއިރު، އޭގެފަހުން ރެއާލުން މަޑުމަޑުން ގޭމް ތެރެއަށް ވަދެ ލިވަޕޫލްގެ ގޯލަށް ނުރައްކާކުރި އެވެ. މި ހާފުގައި ރެއާލުން ފޮނުވާލި ނުރައްކާތެރި ހަމަލާތަކެއް ލިވަޕޫލްގެ ގޯލްކީޕަރު އެލިސަން ބެކާ ވަނީ މަތަކޮށްފަ އެވެ.

ދެވަނަ ހާފުގައި ރެއާލްގެ ހަމައެކަނި ގޯލު 78 ކާމިޔާބުކޮށްދިނީ ކަރީމް ބެންޒެމާ އެވެ. މިއީ ވިނީޝިއަސް ޖޫނިއާގެ އެހީގައި ބެންޒެމާ ޖެހި ލަނޑެވެ.

އެންމެ ފަހުގެ ޗެމްޕިއަން ރެއާލް އަކީ ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު ޓީމެވެ. އެޓީމުން 14 ފަހަރު މުބާރާތް ކާމިޔާބުކޮށްފައިވާއިރު މިއީ ކުއާޓާ ފައިނަލުން އެޓީމު ޖާގަ ހޯދި 19 ވަނަ ސީޒަނެވެ.

ނަޕޯލީ އިން ރޭ އަމިއްލަ ދަނޑުގައި އެއިންޓްރަކް ފްރެންކްފާޓް ބަލިކުރީ 0-3 އިންނެވެ. ޖަރުމަނުގައި މި ދެޓީމުގެ ކުރިމަތިލުން ނަޕޯލީ ކާމިޔާބުކުރީ 2-0 އިންނެވެ. އެހެންވެ އެގްރިގޭޓުން ނަޕޯލީ އަށް ކުރި ލިބުނީ 0-5 އިންނެވެ.

ފްރެންކްފާޓް ކޮޅަށް ނަޕޯލީގެ ފުރަތަމަ ގޯލު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޖެހީ ވިކްޓާ އޮސިމެން އެވެ. އަދި، ދެވަނަ ހާފު ފަށައިގެން 53 ވަނަ މިނެޓުގައި އޮސިމެން ވަނީ އެޓީމަށް ލީޑު ފުޅާކޮށްދީފަ އެވެ. މިއީ ރަނގަޅު ފޯމެއްގައި ހުރި ނައިޖީރިއާގެ ފޯވާޑް، އޮސިމެން މި ސީޒަނުގައި ނަޕޯލީ އަށް ކުޅުނު 28 މެޗުގައި ޖެހި 23 ވަނަ ގޯލެވެ. ނަޕޯލީގެ ފަހު ގޯލު ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ޕިއޮޓްރޭ ޒިއެލެންސްކީ އެވެ.

ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ އަށް ޖާގަ މިހާރު ވަނީ ކަށަވަރުވެފަ އެވެ. ކުއާޓާ ފައިނަލްގެ ގުރުނެގުން އޮންނާނީ މާދަމާ ހަވީރު އެވެ. ރެއާލް މެޑްރިޑާއި ނަޕޯލީގެ އިތުރުން ކުއާޓާ ފައިނަލުން ޖާގަ ހޯދީ، ބަޔާން މިއުނިކް، މެންޗެސްޓާ ސިޓީ، ޗެލްސީ، ބެންފީކާ، އިންޓަ މިލާން އަދި އޭސީ މިލާން އެވެ.

މި ލިއުމާއި ގުޅޭ