Friday 31st Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޕާކިސްތާން

އިމްރާން ޚާން ހައްޔަރުކުރުން މަޑު ޖައްސާލަން ޕާކިސްތާނުގެ ކޯޓަކުން އަމުރުކޮށްފި

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އަދި އިދިކޮޅު ލީޑަރު އިމްރާން ޚާން ހައްޔަރުކުރުމަށް ލާހޯރުގެ ފުލުހުން ފަށާފައިވާ އޮޕަރޭޝަން މަޑުޖައްސާލުމަށް ލާހޯރުގެ ކޯޓަކުން އަމުރުކޮށްފިއެވެ.

ލާހޯރުގެ ފުލުހުން އިމްރާން ހައްޔަރުކުރަން ފުރަތަމަ މަސައްކަތްކުރީ އަންގާރަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައެވެ. އެއީ އިސްލާމް އާބާދުގެ ކޯޓަކުން އިމްރާން ހައްޔަަރުކޮށްގެން ކޯޓަށް ހާޒިރުކުރުމަށް އަމުރު ކުރުމުންނެވެ. އެ ކޯޓުގައި ހިނގަމުންދާ މައްސަލައަކީ ދައުލަތަށް ހަދިޔާގެ ގޮތުގައި ލިބިފައިވާ ތަކެތި އިމްރާން ޚާން ވިއްކެވި ކަމަށް ބުނެ ހިނގަމުންދާ މައްސަލައެކެވެ. އެ މައްސަލައިގެ އަޑު އެހުންތަކަށް އިމްރާން ޚާން ވަނީ މިހާތަނަށް ހާޒިރު ވެފައިނުވެއެވެ.

އިމްރާން ޚާން ހައްޔަރުކުރަން ފުލުހުން ދިޔުމުން، އިމްރާނަށް ތާއީދު ކުރާ އެތައް ސަތޭކަ ސަޕޯޓަރުން ވަނީ އިމްރާންގެ ޒަމާން ޕާކް ރެޒިޑެންސް ކައިރިއަށް އެއްވެ، ފުލުހުންނަށް ހުރަސް އަޅާފައެވެ. އަދި ފުލުހުން ވަނީ ކަރުނަގޭހާއި އެހެނިހެން ވަސީލަތްތައް މުޒާހަރާވެރިންނާއި ދެކޮޅަށް ބޭނުންކޮށްފައެވެ.

ފުލުހުންނާއި އިމްރާންގެ ސަޕޯޓަރުންނާއި ދެމެދު ކުރިމަތިލުންތައް މިއަދުވެސް ކުރިއަށް ދިޔައެވެ. ނަމަވެސް ލާހޯރުގެ ހައިކޯޓުން ވަނީ ބުރާސްފަތިދުވަހުގެ ހެނދުނު 10 އެއްޖަހަންދެން ހައްޔަރުކުރުމުގެ އަމުރު ތަންފީޒު ނުކޮށް މަޑުޖައްސާލުމަށް އަމުރުކޮށްފައެވެ. އެއީ އިމްރާންޚާން ނިސްބަތްވާ ޕީޓީއައި އިން އެކޯޓަށް ހުށަހެޅި މައްސަލައަކާއި ގުޅިގެން ނެރުނު އަމުރެކެވެ.

ޕީޓީއައި އިން ވަނީ އިސްލާމް އާބާދުގެ ހައިކޯޓުން ނެރުނު އަމުރު ބާތިލުކުރަން އެ ކޯޓަށްވެސް ހުށަހަޅާފައެވެ. އެހެން ނަމަވެސް އެ ކޯޓުން އެ ހުށަހެޅުން ބަލައިގެންފައިނުވެއެވެ.

މިއަދު ސަޕޯޓަރުންނާއި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ ޕާކިސްތާނުގެ ސަރުކާރުން މަސައްކަތް ކުރަމުންދަނީ އެބޭފުޅާއަށް އިންތިހާބުގައި ވާދަކުރިޔަ ނުދޭން ކަމަށެވެ.

އިމްރާންޚާން ޕާކިސްތާނުގެ ބޮޑުވަޒީރު ކަމަށް ވަޑައިގަތީ 2018 ވަނަ އަހަރުގައެވެ. ނަމަވެސް ފާއިތުވި އަހަރުގެ އޭޕްރިލް މަހު އިމްރާންގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި ވަނީ މަގާމުން ދުރުކުރެވިފައެވެ.

މި ލިއުމާއި ގުޅޭ