ކ.ގުރައިދޫ ދާއިރާގެ ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ގޮނޑީގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ 3 ކެނޑިޑޭޓުންގެ ކެނޑިޑޭޓު ނަންބަރު ތަރުތީބުކޮށްފިއެވެ.
ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެންބަރުކަމުގައި ފާއިތުވި 3 ދައުރު ހުންނެވި ޕީޕީއެމްގެ މަޖިލިސް މެންބަރު އިބްރާހީމް ރިޒާ ކެންސަރުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަނިކޮށް އަވަހާރަވުމުންނެވެ. ރިޒާ އަވަހާރަވުމުން އެ ދާއިރާގެ ބައި-އިލެކްޝަން އަންނަ މަހު ބާއްވާނެކަން އިލެކްޝަންސް ކޮމިޝަނުންވަނީ އިއުލާނުކޮށްފައެވެ.
މި ތިން ބޭފުޅުންގެ ތެރެއިން ކެނޑިޑޭޓު ނަންބަރު 1 ލިބިވަޑައިގަތީ ޕީޕީއެމްގެ ކެނޑިޑޭޓު ހުސައިން ރިޒާއަށެވެ. ދެވަނަ ނަންބަރު ލިބިވަޑައިގަތީ އެމްޑީޕީގެ ކެނޑިޑޭޓު އިބްރާހީމް ޝާޒަށްކަމަށްވާއިރު ތިންވަނަ ނަންބަރު ލިބިވަޑައިގަތީ އެމްއެންޕީގެ ކެނޑިޑޭޓު އަލީ އާރިފަށެވެ.
އެންމެ ފަހުން މަޖިލީހުގެ ގޮނޑިއެއް ހުސްވެގެން ބޭއްވި ބައި-އިލެކްޝަނަކީ ކޮމަންޑޫ ދާއިރާގެ މަޖިލިސް މެންބަރުކަމުގެ މަޤާމުގައި ހުންނެވި ޙުސައިން ވަޙީދު އަވަހާރަވެ އެ ގޮނޑި ހުސްވުމުން ބޭއްވި އިންތިޚާބެވެ.
އެ އިންތިޚާބު ކާމިޔާބުކުރީ އެމްޑީޕީގެ ފަރާތުން އެ ދާއިރާއަށް ވާދަކުރެއްވި މުހައްމަދު ރަޝާދެވެ. ރަޝާދަށް އިންތިޚާބު ކާމިޔާބުކޮށްދިނުމަށް އެ ދާއިރާގައި ސަރުކާރުން ގިނަ އަދަދެއްގެ އައު މަޝްރޫޢުތައް އިއުލާނުކޮށް ސަރުކާރު ކުންފުނިތަކުން އައު ގިނަ ވަޒީފާތަކެއް އިއުލާނުކުރިއެވެ.