Thursday 23rd Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސްކޭމް

ސްކޭމްތަކުގެ ސަބަބުން ޤައުމެއް އެކީ ސުންނާފަތިވެދިޔަ ގޮތް

މިޒަމާނަކީ ޓެކްނޮލޮޖީގެ އެކި ވަސީލަތްތައް ބޭނުންކޮށްގެން އޮޅުވާލައިގެން މީހުންގެ މުދަލާއި ފައިސާ އަތުލުން ވަރަށް އާންމުވެފައިވާ ޒަމާނެކެވެ. އެކި ނަންނަމުގައި އެކި ކަހަލަ އުކުޅުތައް ބޭނުންކޮށްގެން މީހުންގެ އަތުން ފައިސާ އަތުލައިގަތުމަށް މީހުން މަސައްކަތްކުރުން ރާއްޖޭގައިވެސްވަނީ އާންމުވެފައެވެ. ފޯނަށް ފޮނުވާ މެސެޖުތަކާއި އީމެއިލުތައް މެދުވެރިކޮށް މީހުންގެ ޒާތީ މައުލޫމާތު ހޯދައިގެން އެކައުންޓުތައް ދޮވެ ސާފުކޮށް ހުސްކޮށްލަނީއެވެ. އަވަހަށް ފައިދާ ލިބޭނެ އިންވެސްޓުމެންޓު ފުރުސަތުގެ ނަމުގައި އެތައް ހާސް ބައެއްގެ އަތުން އެތައް މިލިއަން ރުފިޔާއެއް ނަގައި ވީނުވީއެއް ނޭނގޭ ގޮތުގައި ގެއްލުވައިލަނީއެވެ.

އެކި ބާވަތުގެ ސްކޭމުތައް ހުންނައިރު، ބައެއް ސްކޭމުތަކަކީ ވަރަށް އާދައިގެ ސްކޭމެވެ. މެސެޖެއް ފޮނުވައިގެން މީހެއްގެ އީމެއިލު ޔޫސާ ނޭމްއާއި، ޕާސްވޯޑު ހޯދައި އެމީހެއްގެ ފައިސާ ރައްކާކޮށްފައި ހުންނަ އެކައުންޓުން ފައިސާ ނެގުމުން ފެށިގެން ގޮސް، ބޮޑެތި އިންވެސްޓުމެންޓު ސްކީމުތައް ރާވައިގެން އެތައް ބައެއްގެ އަތުން ފައިސާ ހޯދައި އެ ފައިސާ ވަގަށް ނަގައި ޚިޔާނާތްތެރިވެއެވެ.

މިފަދަ ބޮޑެތި ސްކޭމްތަކުގެ ސަބަބުން ބައެއް ޤައުމުތަކަށް ބޮޑެތި ކާރިސާތައް ކުރިމަތިވެފައިވެއެވެ. އެއިން އެއް މިސާލަކީ އަލްބޭނިއާއެވެ. އެ ޤައުމަކީ ސްކޭމުތަކުގެ ސަބަބުން ޤައުމުގެ މުޅި އިޤުތިޞާދު އިންދިރާސްވެ ފުން ކާރިސާއެއް ތަހައްމަލުކުރަންޖެހުނު ޤައުމެކެވެ.

ޕިރަމިޑް ސްކީމުތަކުގެ ކުރު ތައާރަފު

ޕިރަމިޑް ސްކީމަކީ ވަރަށް ބޮޑު ފައިދާއެއްގެ ވައުދުގެ މައްޗަށް ފަރުމާކޮށްފައި ހުންނަ ސްކޭމެކެވެ. މި ސްކޭމުގައި ކުރާ ކަމަކީ ވަރަށް ބޮޑު ފައިދާއެއް ލިބޭނެ ފަދަ ކޮންމެވެސް އުފެއްދުމެއް ނުވަތަ ޚިދުމަތެއް ވިއްކަނީއެވެ. އެ ސްކީމުތަކުގައި ގިނަ ފަހަރަށް ވިއްކާ ޚިދުމަތަކީ އެކަށީގެންވާ ފެންވަރު ނުހުންނަ ޚިދުމަތްތަކެވެ. ނުވަތަ ވުޖޫދުގައިވެސް ނެތް ޚިދުމަތްތަކެވެ.

މި ސްކޭމުގައި ފުރަތަމަ ބައިވެރިވާ ފަރާތްތަކަށް ފައިސާ ދެނީ ފަހުން ބައިވެރިވާ މީހުންގެ ފައިސާއިންނެވެ. އެހެންކަމުން ފުރަތަަމަ ސްކީމުގައި ބައިވެރިވާ ފަރާތްތަކަށް ފައިދާވާނެއެވެ. ނަމަވެސް އެ ފައިދާއަކީ ފަހުން ބައިވެރިވާ މީހުންގެ އަތުން ލިބޭ ފައިސާކަމަށްވާތީ ވަކި ހިސާބަކުން އެ ސްކީމުގައި ބައިވެރިވާ މީހުން މަދުވެ ފައިސާ ދޭން ދަތިވެއެވެ. ނަތީޖާއެއްގެ ގޮތުގައި އެ ސްކީމު އެކީ ފުނޑުފުނޑުވެ އިންދިރާސްވެއެވެ.

އަލްބޭނިއާގެ ތާރީޚުން ބައެއް

އަލްބޭނިއާގެ މިނިވަންކަމަށްފަހު އެ ޤައުމުގައި ފެށުނީ އެންވާ ހަލިލް ހޮކްސާގެ ޚުދުމުޚުތާރު ވެރިކަމެވެ. އެ ވެރިކަމުގައި އަލްބޭނިޔާގެ ގިނަ ބަޔަކު ތަހައްމަލުކުރީ ފަޤީރުކަމާއި ނިހާއީ ހައިހޫނުކަމެވެ. ކޮމިއުނިސްޓު އެ ސަރުކާރުން އަލްބޭނިޔާގެ ރައްޔިތުންނަށް ކުރިމަތިކުރީ ބޮޑެތި އަނިޔާއެވެ.

ހޮކްސާގެ 40 އަހަރުވީ ވެރިކަމުގައި އޭނާގެ އަމާޒަކަށްވީ ޤައުމު ބިނާކުރުމެވެ. ފުރަތަމަ ދުވަސްވަރު ވެރިކަމުގައި ޤައުމުން ބޭރަށް ދަތުރުކުރުން މަނާކުރިއެވެ. ނަމަވެސް އުމްރާނީ ވަސީލަތްތަކަށް އިންވެސްޓުކުރިއެވެ. ބައެއްފަދަ ރަނގަޅު ކަންކަން އޭނާގެ ވެރިކަމުގައި ހާސިލުވި ނަމަވެސް އޭނާގެ ޚުދުމުޚުތާރު ވެރިކަމަށް ގިނަ ރައްޔިތުން ނުރުހުނެވެ. ހޮކްސާ އަވަހާރަވުމަށްފަހު، ރައްޔިތުން ކުރި އިހުތިޖާޖުތަކާއި ގެނައި އިންޤިލާބާއެކު، އަލްބޭނިއާގެ ޚުދުމުޚުތާރު ވެރިކަމުގެ ނިޒާމު ބަދަލުވެ 1992 ވަނަ އަހަރުގައި ފުރަތަމަ ފަހަރަށް ޑިމޮކްރެޓިކް ސަރުކާރެއް ޤާއިމުކުރެވުނެވެ.

ކޮމިނިއުސްޓު ވެރިކަމަކުން ކެޕިޓަލިސްޓު ރައުސްމާލީ ނިޒާމަކަށް އަލްބާނިއާ ބަދަލުވާން ފެށީ ލަސްލަހުން ފިޔަވަޅަކަށް ފަހުއެވެ. އެ ޤައުމުގެ އިޤުތިޞާދަކީ އެތައް ދުވަސްތަކަކަށް ބަންދުކޮށްފައި އޮތް އިޤުތިޞާދަކަށްވެފައި، އެ ޤައުމުގެ އުމްރާނީ ވަސީލަތްތަކުގެ ތަދުކަމުގެ ސަބަބުން ރައުސުމާލީ ނިޒާމަށް ބަދަލުވާން ފަހިކުރާނެ މާހައުލެއް އެ ޤައުމުގައި ނެތެވެ.

އެތައް ދަހަރަކަށް ދެމިގެންދިޔަ ޚުދުމުޚުތާރުވެރިކަމުގެ ނިޒާމު ނިމުމުން އަލްބޭނިއާ ރައްޔިތުން ތިބީ ތަނަވަސްކަން ހާސިލުކޮށް އިޖުތިމާއީ ހަރުފަތުގައި ކުރިއަށްދާން ފެންބޮވައިގަނެފައެވެ. ނަމަވެސް މާކެޓު އެކޮނޮމީއެއް ނުވަތަ މިނިވަން އިޤުތިޞާދެއް ހިންގާ ގޮތުގެ މާބޮޑު އިލްމެއް އަދި ތަޖުރިބާއެއް އެމީހުންގެ ނެތެވެ. އެހެންކަމުން ޒާތްޒާތުގެ ޕިރަމިޑް ސްކީމުތަކުގެ ޝިކާރައަށްވާން ބޭނުންވާ ހުރިހާ ސިފައެއް އަލްބޭނިއާ ރައްޔިތުން ކިބައިގައި ފުރިހަމަވެއެވެ.

ޣައިރު ޤާނޫނީ އިންވެސްޓުމެންޓުތައް

މި ފުރުސަތުގެ ބޭނުންކުރީ މާފިއާ ޖަމާއަތްތަކާއި މަކަރުވެރި ވިޔަފާރިވެރިންނާއި ކުރީގެ ކޮމިއުނިސްޓު ނިޒާމުން ބޮޑެތި މަންފާ ހާސިލުކުރި މީހުންނެވެ. އެމީހުން ޣައިރު ޤާނޫނީ ކުންފުނިތައް ހަދައި އިންވެސްޓުމެންޓު ފުރުސަތުތައް ހުޅުވައި ބޮޑެތި މަންފާ ފަސޭހައިން ހޯދައިދޭން ވައުދުވިއެވެ.

މިއިން ބައެއް ކުންފުނިތަކުން 50 އިންސައްތައިގެ ފައިދާއެއް ކޮންމެ މަހަކު ހޯދައިދޭން ވައުދުވިއެވެ. އެއީ މާލީ ކަންކަމުގެ އިލްމު އެއްވެސް މިންވަރަކަށް ލިބިފައިވާ މީހަކުނަމަ ޤަބޫލުކުރާނެ ވާހަކައަކަށްނުވި ނަމަވެސް އަލްބޭނިއާ މީހުންނަށް ހީވެފައި އޮތީ މިފަދަ އިންވެސްޓުމެންޓު ފުރުސަތުތަކަކީ ރައުސުމާލީ ދައުލަތްތަކުގައި މީހުން މުއްސަނދިވާ ގޮތް ކަމަށެވެ،

ހަމައެހެންމެ މި ކުންފުނިތައް ހުއްޓުވުމުގެ ބަދަލުގައި އަލްބޭނިއާ ސަރުކާރުން ގެންދިޔައީ އެ ކުންފުނިތައް އަމަލީ ގޮތުން ޕްރޮމޯޓުކުރަމުންނެވެ. ނަތީޖާއަކަށްވީ މި ސްކީމުތަކަށް އިތުބާރު ލިބުމެވެ. އެ ކުންފުނިތަކުގައި ގިނަ އަދަދެއްގެ އަލްބޭނިއާ މީހުން ދިޔައީ އެމީހުންގެ ގެދޮރާއި ބިން ވިއްކައި ގިނަ އަދަދެއްގެ ފައިސާ އިންވެސްޓުކުރަމުންނެވެ.

1996 ވަނަ އަހަރާ ހަމައަށް އައިއިރު އަލްބޭނިއާގެ އާބާދީގެ ތިން ބައިކުޅަ ދެބައި މީހުން ތިބީ މިފަދަ ސްކީމްތަކުގައި ބައިވެރިވެގެންނެވެ. އެމީހުން އިންވެސްޓުކުރި ފައިސާގެ އަދަދު 1.2 ބިލިއަން އެމެރިކާ ޑޮލަރަށް އަރާނެކަމަށް ލަފާކުރެވިފައިވެއެވެ. އެއީ އަލްބޭނިއާގެ ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 10 އިންސައްތައެވެ. އެއިރު އާންމުކޮށް އަލްބޭނިއާ މީހެއްގެ އާމްދަނީއަކީ މަހެއްގެ މައްޗަށް 80 ޑޮލަރެވެ.

ސްކީމުތައް ފުނޑުން

މި ސްކީމުތައް ފުނޑެން ފެށީ 1996 ވަނަ އަހަރުގެ ފަހުކޮޅުގައެވެ. މި ސްކީމް ހިންގި ކުންފުނިތަކުގެ ތެރެއިން މައި ކުންފުނި ފުނޑުމާއެކު، އެއް ކުންފުނި ފުލުގައި އަނެއް ކުންފުނި ފުނޑެން ފެށުމާއެކު، ކުރިންވެސް ނާޒުކު ފަތްތަރެއްގައި އޮތް އިޤުތިޞާދު ފުނޑިގެން ދިޔައެވެ.

އެއާއެކު ނިހާއީ ދަރަޖައަށް އެ ޤައުމުގެ ފަޤީރުކަން އިތުރުވެ ރައްޔިތުން މުޒާހަރާކުރަން ފެށިއެވެ. 1997 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައި ފުރަތަމަ ފަހަރަށް ސަލާމަތީ ބާރުތަކުން މުޒާހަރާވެރިންގެ ތެރެއަށް ބަޑިޖެހިއެވެ. އެއާއެކު ސުލްހަވެރި މުޒާހަރާތައް ހަމަނުޖެހުންތަކަށް ބަދަލުވިއެވެ. އެ ޤައުމުގެ ސިފައިންނާއި ފުލުހުން ހަތިޔާރު ގުދަންތައް ދޫކޮށް ފިލުމުން ހަނގުރާމަވެރި ޖަމާއަތްތަކުން އެތަންތަނުގައި ހުރި ހަތިޔާރުތައް ނަގައި ހަނގުރާމައެއް ފެށިއެވެ.

ފެށުނު އަހުލީ ހަނގުރާމަ މަސް ދުވަހަށް ދެމިގެން ދިޔައެވެ. އެ ހަނގުރާމައިގައި ޖުމްލަ 2،000 އެއްހައި އަލްބޭނިއާ މީހުން މަރުވިއެވެ. އެއަށްފަހު އަލްބޭނިއާގެ ހަނގުރާމަ ހުއްޓުވައި ސުލްހަ ޤާއިމުކުރަން އދ.ގެ ސަލާމަތީ މަޖިލީހުން ނިންމައިގެން އަލްބޭނިއާއަށް 7،000 ސިފައިން ފޮނުވިއެވެ. ނަތީޖާއެއްގެ ގޮތުން އަލްބޭނިއާގެ ހަނގުރާމަ ނިމުމަކަށް ގެނެވުނެވެ.

މި ލިއުމާއި ގުޅޭ