އިދިކޮޅު އިއްތިހާދުގެ ލީޑާޝިޕުން ފޮނުއްވި ނޯޓެއް ޖަލުގައި ހުންނެވި އެ އިއްތިހާދުގެ ލީޑަރު އަދި ރިޔާސީ ކެނޑިޑޭޓު ރައީސް ޢަބްދުﷲ ޔާމީން ވީދައިލެއްވިކަމަށް ބުނެ "ދައުރު" ނޫހުގައި ޝާއިއުކުރި ވާހަކައަކީ އެކަކު ސިލްސިލާކޮށް ލިޔަމުންދާ ދޮގުތަކުގެ ތެރެއިން ވާހަކައެއްކަމަށް ރައީސް ޔާމީނުގެ ޤާނޫނީ ވަކީލު ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.
"ދައުރު" ނޫހުގެ އެޑިޓަރު މޫސާ ލަތީފު ލިޔުއްވި ޚަބަރާ ގުޅިގެން "ދިޔަރެސް"އާ ވާހަކަދައްކަވަމުން ޑރ.ޖަމީލު ވިދާޅުވީ އޭނާގެ ލިޔުމުގައި ބުނެފައިވާ ފަދަ ނޯޓެއް އިދިކޮޅު އިއްތިހާދުގެ ލީޑާޝިޕުން ރައީސް ޔާމީނަށް ނުފޮނުއްވާ ކަމަށެވެ. އަދި ނޯޓެއް ވީދައިލެއްވި ވާހަކައަކީ އެއްވެސް އަސާސެއް ނެތް ޚިޔާލީ ވާހަކައެއް ކަމަށެވެ.
މޫސާ ލަތީފު ގެންދަވަނީ ސިލްސިލާ ގޮތެއްގައި ރައީސް ޔާމީނާ ގުޅޭ ގޮތުން ތަފާތު އެކި ލިޔުންތައް ލިޔުއްވަމުންނެވެ. އެގޮތުން ރައީސް ޔާމީނު ހިންގެވި އިންޑިއާ އައުޓް ހަރަކާތަށްވެސް މޫސާ ލަތީފު ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވެއެވެ.
ޑރ.ޖަމީލު ވިދާޅުވީ ރިޔާސީ އިންތިޚާބަށް ޕީޕީއެމުން ކަނޑައަޅާފައިވަނީ ރައީސް ޔާމީނު ކަމަށެވެ. އަދި އިދިކޮޅު ކޯލިޝަނުން ސިޔާސީ މަސައްކަތްކުރާނެ ގޮތް ކަނޑައަަޅައި ނިންމާފައިވާކަމަށާއި މާތްﷲގެ އިރާދަފުޅުން ރައީސް ޔާމީނުގެ ނަންފުޅު ނެތި ރިޔާސީ އިންތިޚާބެއް ނޯންނާނެ ކަމަށެވެ.
އަދި ރާއްޖޭގައި ތިއްބެވި ޤާނޫނީ ވަކީލުންގެ ތެރެއިން ޑރ.ޖަމީލު ނޫން ގިނަ ވަކީލުންނަށް ޤާނޫނު އެނގިވަޑައިނުގަންނަވާކަމަށް އޭނާ ވިދާޅުވިކަމަށް މޫސާ ލަތީފު ލިޔުއްވާފައިވާ ވާހަކައަކީ ދޮގު ބުހުތާނެއްކަން ޑރ.ޖަމީލު ފާހަގަކުރެއްވިއެވެ. މޫސަ އިޝާރާތްކުރެއްވި ޖަލްސާގައި ޑރ.ޖަމީލުވަނީ ޤުރުއާނާއި ސުންނަތުގެ އަލީގައި އަދުލު އިންސާފު އޮންނަންވާ ގޮތާމެދު ވާހަކަދައްކަވާފައެވެ.
އިސްލާމީ ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން އިލްމު ހާސިލުކުރައްވައި ރާއްޖޭގެ ޖަސްޓިސް މިނިސްޓަރުކަމާއި ހޯމް މިނިސްޓަރުކަމާއި ނައިބުރައީސްކަން ކުރައްވާފައިވާ ޑރ.ޖަމީލު އެ ޖަލްސާގައި ދެއްކެވީ އަދުލުވެރިނުވާ ފަނޑިޔާރުންނަށް ހުރި ޢުޤޫބާތުގެ ވާހަކައެވެ.