އަދާލަތު ޕާޓީން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއީދުކޮށް އެމްޑީޕީއާއެކު ކޯލިޝަން ހަދަން ނިންމުމާ ގުޅިގެން އެ ޕާޓީއަށް ބަދަލުގެ ގޮތުގައި ސަރުކާރުން ހަމަޖައްސައިދޭ ކަންކަމާމެދު މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ސުވާލު އުފައްދަވައިފިއެވެ.
އެމްޑީޕީގެ ރިޔާސީ ޓިކެޓު ރައީސް އިބްރާހީމަށް އެރުވުމާއެކު އެޕާޓީގެ ނަމުގައި ކޯލިޝަން ހެދުމުގެ ބާރު އެ ޕާޓީން އެމަނިކުފާނަށް ދިނުމުން މިހާރު ސަރުކާރު ކޯލިޝަނުގައި ތިބި ޕާޓީތަކާއި އިތުރު ޕާޓީތަކަށް ކޯލިޝަން ހެދުމުގެ ދައުވަތު ރައީސް ދެއްވިއެވެ.
މި ދައުވަތާ ގުޅިގެން ރައީސް އިބްރާހީމާއެކު ކޯލިޝަން ހަދަން ނިންމީ ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲގެ އަދާލަތު ޕާޓީއާއި، މީދޫ ދާއިރާގެ މަޖިލިސް މެންބަރު އަޙްމަދު ސިޔާމް (ސަން)ގެ މޯލްޑިވްސް ޑިމޮކްރެޓިކް އެލައެންސް (އެމްޑީއޭ)އިންނެވެ.
މި ދެ ޕާޓީއާއެކު ރައީސް އިބްރާހީމުގެ މަންދޫބުން ކުރެއްވި މަޝްވަރާތަކަށްފަހު އެ ޕާޓީތަކުން ރައީސަށް ތާއީދުކުރަން ނިންމާފައިވާއިރު، އެ ޕާޓީތަކާމެދު ހެދި އެއްބަސްވުންތަކުގައި ހިމެނޭ ކަންކަން އެމްޑީޕީން އަދި އެ ޕާޓީތަކުންވެސް ހާމަނުކުރެއެވެ.
"ކޯލިޝަން ހައްދަވާއިރު އަދާލަތު ޕާޓީއާއެކު ހެއްދެވި އެއްބަސްވުމަކީ ކޮބައިތޯ؟ އަޅުގަނޑަށް މައުލޫމާތު ލިބޭ ސަރުކާރުން މާލެ ސަރަހައްދުން ދޫކުރާ 4،000 ގޯތީގެ ތެރެއިން ވަކި މިންވަރަށް އަދާލަތު ޕާޓީން ބުނާ ބަޔަކަށް ދޭންޖެހޭކަމަށް،" އިލްޔާސް ވިދާޅުވިއެވެ.
އަދި އަދާލަތު ޕާޓީއަށް މާލެ ސަރަހައްދުން ދޫކުރާ ގޯތީގެ ތެރެއިން ޚާއްޞަކުރަނީ ކިހައިވަރެއްކަން ހާމަކުރުމަށް ގޮވައިލެއްވުމާއެކު، އިލްޔާސް ވިދާޅުވީ އަދާލަތުން ބުނާ މިންވަރަކަށް އެސްއެމްއީ ލޯނުވެސް ދޫކުރަން ނިންމާފައިވާ ކަމަށެވެ. އަދި އަދާލަތުން ބޭނުންވާ ވަކި ބަޔަކަށް ސްޓޫޑެންޓު ލޯނުވެސް ދޭން ހަމަޖައްސާފައިވާ ކަމަށް މައުލޫމާތު ލިބޭކަމަށްވެސް އިލްޔާސް ވިދާޅުވިއެވެ.
އިލްޔާސް ވިދާޅުވި ގޮތުގައި މިފަދައިން ކޯލިޝަން ހެދުމުން ވަކި ޕާޓީއެއް ބޭނުންވާ ބަޔަކަށް ސަރުކާރުން ދޭ ފައިސާއާއި ގޯތި ދޫކުރުމަކީ ސީދާ ކޮރަޕްޝަނުގެ އަމަލެއް ކަމަށެވެ.