ވަރަށް ބޮޑަށް ހިސާބުޖައްސަވައިފިކަމަށާއި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ކޯލިޝަނަށް ރިޔާސީ އިންތިޚާބުގައި 51.2 އިންސައްތައިގެ އަޣުލަބިއްޔަތު ލިބޭނެކަމަށް ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
އިދިކޮޅު ޕީޕީއެމް/ޕީއެންސީ ފިޔަވައި ހުރިހާ ޕާޓީއަކަށް ރައީސް އިބްރާހީމްވަނީ އެމަނިކުފާނަށް ތާއީދުކޮށް ކޯލިޝަން ހެދުމަށް ދައުވަތު ދެއްވާފައެވެ. އެގޮތުން ޖޭޕީ، އެމްއާރުއެމް، އަދާލަތު، އެމްޑީއޭ ފަދަ ޕާޓީތަކަށް ރައީސް ކޯލިޝަން ހެދުމުގެ ދައުވަތު ދެއްވިއެވެ.
އެ ޕާޓީތަކުގެ ތެރެއިން އެމަނިކުފާނާއެކު ކޯލިޝަން ހެދުމަށް ނިންމައި، ތާއީދުކުރާކަން އިއުލާނުކުރީ އިމްރާން އެ ޕާޓީއެއްގެ ރައީސްގެ މަޤާމުގައި ހުންނެވި އަދާލަތު ޕާޓީއާއި މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް (ސަން ޓްރެވެލް)ގެ އެމްޑީއޭއެވެ.
ރައީސް އިބްރާހީމުގެ ސަރުކާރު ހިންގާ އިއްތިހާދުގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން ދެވަނައަށް އެންމެ ބޮޑު ޕާޓީކަމަށްވާ ޖުމްހޫރީ ޕާޓީންވަނީ، އަންނަ ރިޔާސީ އިންތިޚާބަށް އެ ޕާޓީ އިސްވެ ހަދާ ކޯލިޝަނެއްގެ ތެރެއިން ވެރިކަމަށް ނުކުތުމަށް ނިންމާފައެވެ.
ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިޚާބަށް ނިކުންނަން ރޭ ނިންމާފައިވާއިރު އެ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމާ ބައްދަލުކުރެއްވުމަށްފަހު އިމްރާން އެންމެ ފަހުން ކުރެއްވި ޓުވީޓުގައި ވިދާޅުވީ ޤާސިމް ގޮތެއް ނިންމަވާނީ ޤައުމާއި ރައްޔިތުންނަށް އެންމެ މަސްލަހަތު ހުރި ގޮތަކާމެދު ވަރަށް ބޮޑަށް ވިސްނަވާވަޑައިގަތުމަށް ފަހުކަމަށެވެ.
އަދާލަތު ޕާޓީން އަންނަން އޮތް ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހީމަށް ގިނަ އަދަދެއްގެ ވޯޓު ހޯދައިދޭން ވައުދުވި ނަމަވެސް އެންމެ ފަހުން އިމްރާން އަދާލަތު ޕާޓީގެ ރައީސްކަމަށް ކުރިމަތިލައްވައިގެން ޕާޓީގެ އެތެރޭގައި ބޭއްވި އިންތިޚާބުގައި ވޯޓުދިނީ 2،000 އަށްވުރެ މަދު މީހުންނެވެ.
އިމްރާނު ކުރެއްވި ޓުވީޓު ގަޑިއިރެއްގެ ތެރޭގައި 30 އަށްވުރެ ގިނަ މީހުން ރިޓުވީޓުކުރިއިރު އެއިން ގިނަ މީހުން އިމްރާނަށް ފާޑުކިޔާފައިވެއެވެ. އެގޮތުން އިމްރާނަކީ ސިޔާސީ ގޮތުން ބުރަދަނެއް ނެތި މަޤާމުގެ ބޭނުމަށް އުޅުއްވާ ބޭފުޅެއްކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރިއެވެ.