ސޮނީ ސްޕޯޓްސް ގޯލްޑެން ފުޓްސަލް ޗެލެންޖުގެ ނަމުގައި ކުރިއަށްދާ މިއަހަރުގެ މުބާރާތުގައި 202 ޓީމު ވާދަކުރި އެވެ. މުބާރާތް ކުރިއަށްދަނީ ގާތްގަނޑަކަށް ދޮޅު މަހުގެ މުއްދަތަކަށެވެ.
ގަން ފައިނަލުން ޖާގަ ހޯދީ ސެމީ ފައިނަލުގައި ރޭ ކުޅުނު ފުރަތަމަ މެޗުގައި 1-4 އިން ރ. އިނގުރައިދޫ ބަލިކޮށްގެންނެވެ. މިއީ ގަން ގޯލްޑެން ފުޓްސަލް ޗެލެންޖް ފައިނަލަށް ދަތުރުކުރި ދެވަނަ ފަހަރެވެ. މީގެ ކުރިން 2018 ވަނަ އަހަރު މާފަންނާ ދެކޮޅަށް ފައިނަލުގައި ކުޅެ ޕެނަލްޓީ ޖަހައިގެން އެޓީމު ވަނީ ބަލިވެފަ އެވެ.
ރޭގެ މެޗުގައި ގަން ޓީމުގެ ގޯލުތައް ކާމިޔާބުކޮށްދިނީ ހުސައިން ޝަރީފް (އޮންލީ) އާއި އަބްދުﷲ ޖުނައިދުގެ އިތުރުން އަލީ ޝާމިސް އެވެ. އިނގުރައިދޫގެ ހަމައެކަނި ގޯލަކީ ގަމުގެ އޮންލީ އަތުން ބައިކޮޅަށް ވަން ގޯލެވެ.
ރޭ ދެވަނަ ސެމީގައި ވާދޫ ކުރި ހޯދީ ދ. ކުޑަހުވަދޫއާ ކުޅުނު މެޗު 4-4 އިން އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެންނެވެ. މެޗުގައި ވާދޫގެ ހަތަރު ގޯލުގެ ތެރެއިން މުހައްމަދު އިޔާދު އަލީ ވަނީ ތިން ގޯލު ޖަހައިފަ އެވެ. އަނެއް ގޯލު ޖެހީ ނަޝާހު އަހުމަދު އެވެ. ކުޑަހުވަދޫގެ ގޯލުތައް ކާމިޔާބުކޮށްދިނީ ޖުމައިލް ޖަމީލް އާއި އިރުފާން އާދަމް ނަސީރުގެ އިތުރުން މާއިޒް ވަހީދު އެވެ. މެޗުގައި ޖުމައިލް ދެ ގޯލު ޖެހި އެވެ. ޕެނަލްޓީގައި ވާދޫ ކުރި ހޯދީ 5-4 އިންނެވެ.
މިއީ ވާދޫ މުބާރާތުގެ ފައިނަލުން ފުރުސަތު ހޯދި ފުރަތަމަ ފަހަރެވެ.
ގަމާއި ވާދޫ އަކީ މުބާރާތުގެ ޒޯން ހަތަކަށް ނިސްބަތްވާ ދެޓީމެވެ. މި ދެޓީމު ޒޯން ބުރުގެ ފައިނަލުގައި ކުޅުނު މެޗު ކާމިޔާބުކުރީ ވާދޫ އެވެ.
ގޯލްޑެން ފުޓްސަލް ޗެލެންޖުގެ ފައިނަލް މެޗު އޮންނާނީ އަންނަ އާދީއްތަ ދުވަހުގެ ރެ އެވެ.