Sunday 3rd Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ

ޤާނޫނާ ޚިލާފަށް އުޅޭ ބިދޭސީންނާ ގުޅިގެން ފުލުހުން އޮޕަރޭޝަނެއް އަދި ނުހިންގާ: އިމްރާން

ޤަވާއިދާ ޚިލާފަށް ވޯކް ޕާމިޓް ނެތި ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ މައްސަލައާ ގުޅިގެން ޚާއްޞަ އޮޕަރޭޝަންތަކެއް ފުލުހުން ފާއިތުވި 3 އަހަރު ތެރޭގައި ހިންގާފައިނުވާނެކަމަށް ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ލިޔުމުން ޖަވާބު ހޯއްދެވުމަށް ފޮނުއްވި ސުވާލަކަށް ދެއްވި ޖަވާބުގައި އިމްރާން ވިދާޅުވީ ދިވެހިންނާއި ރާއްޖެއަށް އަންނަ ބިދޭސީންގެ އިޤުތިޞާދީ އަދި މަދަނީ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި ފުލުހުން ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ. އަދި އެކަމުގެ ތެރެއިން ބިދޭސީންވެސް ދިވެހިންވެސް ހައްޔަރުކުރަންޖެހޭ ހާލަތުގައި ހައްޔަރުކޮށްފައިވެސް ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ވިސާއާއި ވޯކް ޕާމިޓު ނެތި އުޅޭ ބިދޭސީން ވިޔަފާރިކުރުން ފަދަ މައްސަލަތަކަކީ އިކޮނޮމިކް މިނިސްޓްރީއާއި އިމިގުރޭޝަންގެ މެންޑޭޓުގެ ތެރެއަށް ވަންނަ މައްސަލަތައްކަމަށާއި، އެ މައްސަލަތަކާ ގުޅިގެން އެ އިދާރާތަކާއެކު ފުލުހުންނާއި ހޯމް މިނިސްޓްރީން ބައްދަލުވުންތަކެއް ބޭއްވި ނަމަވެސް، އެކަމުގައި ފުލުހުންގެ އިސްނެގުމަށް ޚާއްޞަ އޮޕަރޭޝަންތަކެއް މިހާތަނަށް ހިންގާފައިނުވާނެކަމަށް އެ ޖަވާބުގައި އިމްރާން ވިދާޅުވިއެވެ.

އެހެންނަމަވެސް އިމިގުރޭޝަނާއެކު އޮޕަރޭޝަންތަކެއް ކުރިއަށްގެންގޮސް ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންނާއި، އިންސާނީ ވަގުފާރީގެ ޝިކާރައަށްވެފައިވާ ފަރާތްތައް ދެނެގަނެވި ކުށް ހިނގުމުގެ ކުރިން ކުށްތައް ހުއްޓުވިފައިވާކަމަށް އިމްރާން ވިދާޅުވިއެވެ.

އަދި ބިދޭސީން ކުރިން މަދުން ޝާމިލުވި ކުށްތަކާއި ބޮޑެތި ކުށްތަކުގައި ބިދޭސީން ޝާމިލުވާ މިންވަރު އިތުރުވެފައިވާތީ، ސިޔާސަތު ކަނޑައެޅުމުގައާއި އޮޕަރޭޝަންތައް ހިންގުމުގައި ހޯމް މިނިސްޓްރީއާއި ފުލުހުން އެކަމަށް އިތުރަށް މިހާރު ރިއާޔަތްކުރަމުންދާކަމަށްވެސް އިމްރާން ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ބިދޭސީން ޝާމިލުވުން ބޮޑެތި ކުށްތައްކަމަށްވާ ހަށިވިއްކުމާއި ޖުވާކުޅުން ފަދަ ކުށްތަކާ ދެކޮޅަށް ފާއިތުވި 3 އަހަރު ފުލުހުން ހާއްސަ އޮޕަރޭޝަންތަކެއް ހިންގާފައިވެއެވެ.

ހަމައެހެންމެ ޖިނާއީ ކުށްތައްކަމަށް ނުވި ނަމަވެސް ފުލުހުން މަގުތައް ޕެޓްރޯލުކުރުމުގައި ބިދޭސީންގެ ފަރާތުން ފެންނަ އެކި ކަންކަން އެކަންކަމާ ގުޅުންހުރި އިދާރާތަކަށް އަންގަމުން އަންނަކަމަށްވެސް އިމްރާން ވިދާޅުވިއެވެ. އިމްރާން ފާހަގަކުރެއްވި ގޮތުގައި މަގުމަތީގައި ސައިކަލު ފަދަ އުޅަނދުތައް ސާފުކުރަން މީހުން ކައިރީ އަހައި ފަހަތުން ހިނގައި އުޅޭ މީހުންނަށް ނަސޭހަތްދީ، ގަވާއިދާ ޚިލާފަށް އުޅޭ މަގުމަތީގައި މުދާ ބަހައްޓައިގެން ވިޔަފާރިކުރާ ބިދޭސީންނާއި ދިވެހިންގެ މައުލޫމާތު ސިޓީ ކައުންސިލާ ހިއްސާކޮށް ކައުންސިލާ ގުޅިގެން މަސައްކަތްކުރެވެއެވެ.

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ޑީޕޯޓުކުރުމުގައި ހުރި ދަތިތަކުގެ ގޮތުގައި އިމްރާން ފާހަގަކުރައްވާފައިވަނީ އެ މަސައްކަތަކީ ގިނަ އިދާރާތައް ގުޅިގެން ކުރަންޖެހޭ މަސައްކަތަކަށްވުމާއި ގިނަ ފަހަރަށް އެހެން ޤައުމުތަކުގެ އެހީތެރިކަންވެސް ބޭނުންވާ ކަމަކަށްވުމެވެ. އެގޮތުން ޤަވާއިދާ ޚިލާފަށް އުޅެނިކޮށް ހައްޔަރުކުރާ ބިދޭސީންގެ އަތުގައި ލިޔެކިޔުން ނެތުމުން އެމީހުން އަނބުރާ އެމީހުންގެ ޤައުމަށް ފޮނުވައިލުމުގައި އެ ޤައުމުތަކުގެ އެމްބަސީތަކުން ލިބެންޖެހޭ އެހީތެރިކަން ލިބުން ލަސްވާކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ލިޔެކިޔުން ނެތި ރާއްޖޭގައި އުޅޭ ބިދޭސީން އަނބުރާ ޤައުމަށް ފޮނުވައިލުމުގައި ދިމާވާ އެންމެ ބޮޑު އެއް ދައްޗަކީ އިމިގުރޭޝަނާ ހަވާލުކުރާ ބިދޭސީން ވަގުތީ ގޮތުން ބައިތިއްބާ ޑިޓެންޝަން ސެންޓަރުގެ ޖާގައިގެ ދަތިކަންކަން ފާހަގަކުރައްވައި، އިމްރާން ވިދާޅުވީ އެތަނުގެ ޖާގަ އިތުރުކުރުމުގެ މަސައްކަތް މިހާރުވެސް ހިނގަމުންދާ ކަމަށެވެ.

ބިދޭސީންގެ މައްސަލައަކީ ޤައުމަށް ކުރިއަށް އޮތް ތަނުގައި އިތުރު ނުރައްކަލެއް ކުރިމަތިވެދާނެ ކަމެއްކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި، އެކަން ހައްލުކުރުމަށް ދައުލަތުގެ ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން މަސައްކަތްކުރަންޖެހޭކަން ޤަބޫލުކުރައްވާކަމަށް އިމްރާން ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ