ދެން އޮންނަ ވޯލްޑް ކަޕްގައި 48 ޓީމު ވާދަކުރާނެ އެވެ. ކުރިން އޮތީ 48 ޓީމު 16 ގްރޫޕަކަށް ބަހާލާއިރު ކޮންމެ ގްރޫޕެއްގައި ތިން ޓީމު ހިމަނާ ގޮތަށެވެ.
ދިރާސާތައް ކުރުމަށް ފަހު މި ބަދަލު ވޯލްޑް ކަޕަށް ގެނައީ ހަތަރު ގްރޫޕުގެ ފޯމެޓުގައި މުބާރާތުގެ ފޯރި އާއި ކާމިޔާބީއަށް ބެލުމަށް ފަހު އެވެ. މި ބަދަލާ އެކު މުބާރާތުގައި ކުރިން ކުޅުމަށް ހަމަޖެހިފައިވާ 84 މެޗުގެ ބަދަލުގައި މިހާރު 104 މެޗު ކުޅޭނެ އެވެ.
2026 އަހަރުގެ ވޯލްޑް ކަޕުން ފެށިގެން އޮންނާނީ ހަތަރު ޓީމު ހިމެނޭ 12 ގްރޫޕެވެ. ގްރޫޕް ސްޓޭޖަށް ފަހު އޮންނާނީ ގަދަ 32 ޓީމުގެ ނޮކްއައުޓް ބުރެކެވެ. ކުރިން ވޯލްޑް ކަޕް ތަކުގައި ގްރޫޕް ސްޓޭޖަށް ފަހު އޮންނަނީ ގަދަ 16 ގެ ނޮކްއައުޓް ބުރެވެ. އާ ބަދަލާ އެކު ކޮންމެ ގްރޫޕަކުން އެންމެ ކުރި ހޯދާ ދެ ޓީމުގެ އިތުރުން އެންމެ ރަނގަޅު ނަތީޖާގައި ތިން ވަނައިގައި ނިންމާލާ އަށް ޓީމަށް ވެސް ނޮކްއައުޓް ބުރުން ފުރުސަތު ލިބޭނެ އެވެ.
ފީފާ އިން މި ބަދަލު ގެނައީ އިއްޔެ ރުވާންޑާގައި އޮތް ފީފާގެ ކައުންސިލް ބައްދަލުވުމުގަ އެވެ.
މި ބަދަލާ އެކު ސެމީ ފައިނަލަށް ދަތުރުކުރާ ހަތަރު ޓީމު ކުޅޭ ޖުމްލަ މެޗުގެ އަދަދު އަށަކަށް އަރާނެ އެވެ. މިދިޔަ ޑިސެމްބަރު މަހު އާޖެންޓީނާ އިން ފީފާ ވޯލްޑް ކަޕް ކާމިޔާބު ކުރިއިރު ކުޅުނީ ހަތް މެޗެވެ.
ފީފާ އިން އިއްޔެ ވަނީ ފީފާ ކްލަބް ވޯލްޑް ކަޕްގެ އާ ފޯމެޓު ވެސް ފާސްކޮށްފަ އެވެ. ކްލަބް ވޯލްޑް ކަޕް 32 ކްލަބާ އެކު ބާއްވަން ފަށާނީ 2025 ވަނަ އަހަރުން ފެށިގެންނެވެ. ފުރަތަމަ މުބާރާތް އޮންނާނީ 2025 ވަނަ އަހަރުގެ ޖޫން މަހު އެވެ.
ކްލަބް ވޯލްޑް ކަޕަށް ޓީމުތައް ހޮވާނީ 2021 އިން 2024 އަށް ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ޓީމުތަކާއި އެ މުއްދަތުގައި އެހެން ބައްރުތަކުން ޗެމްޕިއަންކަން ހޯދި ޓީމުތަކެވެ. މިހާރު އޮތް ގޮތުން ޗެލްސީ އާއި ރެއާލް މެޑްރިޑް ވަނީ އާ ކްލަބް ވޯލްޑް ކަޕަށް ކޮލިފައިވެފަ އެވެ. އެ މުބާރާތުން ދެން ފުރުސަތު ދޭނީ ހަތަރު އަހަރުގެ މުއްދަތުގައި ކްލަބްތަކުގެ ރޭންކިން އަށް ބެލުމަށް ފަހު އެވެ.