Saturday 10th Jun 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ބަޖެޓު ޑެފިސިޓު

ބަޖެޓުގެ ދަރަނި 1.3 ބިލިއަން ރުފިޔާއަށް އަރައިފި

ދައުލަތުގެ ޚަރަދުތައް ބޮޑުވުމުގެ ސަބަބުން ސަރުކާރަށް ލިބުނު އާމްދަނީއަށްވުރެ އިތުރަށް ކުރި ޚަރަދު 1.3 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.

ފިނޭންސް މިނިސްޓްރީން ކޮންމެ މަހަކު އެއް ފަހަރު އާންމުކުރާ ދައުލަތުގެ ޚަރަދުތަކާއި އާމްދަނީގެ ހިސާބަށް ބަލާއިރު މި އަހަރުގެ މިހާތަނަށް ފާއިތުވި އަހަރަށްވުރެ އިތުރަށް 1.1 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބުނެވެ. އެގޮތުން ފާއިތުވި އަހަރުގެ މާޗު މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް 5.2 ބިލިއަން ރުފިޔާ ލިބުނުއިރު މި އަހަރުގެ އެ މުއްދަތުގައި 6.3 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބުނެވެ.

އާމްދަނީ އިތުރުވީ ސަރުކާރުން ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެން އާންމުންގެ އަތުން ނަގާ ޖީއެސްޓީއާއި ފަތުރުވެރިންގެ އަތުން ނަގަމުންދާ ޓީޖީއެސްޓީ ބޮޑުކުރުމާ ގުޅިގެންނެވެ. ނަތީޖާއެއްގެ ގޮތުން ފާއިތުވި އަހަރުގެ މާޗު 9 ވަނަ ދުވަހާ ހަމައަށް އާމްދަނީގެ ގޮތުގައި 4.1 ބިލިއަން ރުފިޔާ ލިބުނުއިރު މި އަހަރު އެ މުއްދަތުގައި ޓެކުސް އާމްދަނީގެ ގޮތުގައި 5.4 ބިލިއަން ރުފިޔާ ލިބުނެވެ.

ރައްޔިތުންގެ އަތުން ނަގާ ޓެކުސް ބޮޑުކުރުމުގެ ސަބަބުން ދައުލަތުގެ އާމްދަނީ އިތުރުވި ނަމަވެސް ދައުލަތުގެ ޚަރަދުތައް އިންތިހާއަށް ބޮޑުވުމުގެ ނަތީޖާއެއްގެ ގޮތުން ދައުލަތުގެ އާމްދަނީއަށްވުރެ ޚަރަދުވަނީ ބޮޑުވެފައެވެ.

އެގޮތުން މާޗު 9 ވަނަ ދުވަހާ ހަމައަށް ދައުލަތުންވަނީ 7.6 ބިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ. އެއީ ފާއިތުވި އަހަރުގެ އެ މުއްދަތުގައި ޚަރަދުކުރި މިންވަރަށްވުރެ ގާތްގަނޑަކަށް 1.1 ބިލިއަން ރުފިޔާ އިތުރު މިންވަރެކެވެ.

އަދި އެ މުއްދަތުގައި ދައުލަތަށް ލިބުނު އާމްދަނީއަށްވުރެ އިތުރަށް ދަރަންޏަށް ފައިސާ ނަގައިގެން 1.3 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އަދި އެއީ ފާއިތުވި އަހަރުގެ މި މުއްދަތުގެ ބަޖެޓު ދަރަންޏަށްވުރެ 105 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

ރައްޔިތުންގެ އަތުން ނަގާ ޓެކުސް ބޮޑުކުރުމުގެ ސަބަބުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުވި ނަމަވެސް އެކަށީގެންވާ ގޮތެއްގައި ޚަރަދުތައް ކުޑަނުކުރެވުމުގެ ސަބަބުން ދައުލަތަށް ލިބޭ އާމްދަނީއަށްވުރެ ދައުލަތުގެ ޚަރަދުތައް ބޮޑުވެ، ސަރުކާރުން އުފުލަންޖެހޭ މާލީ ބުރަ އިތުރުވެ، ދަރަންޏަށް ފައިސާ ނަގާ މިންވަރު އަންނަނީ އިތުރުވަމުންނެވެ.

ޓެކުސް ބޮޑުކުރުމާއެކު ދައުލަތުގެ ޚަރަދުތައް ބޮޑުވިޔަނުދީ ހިފަހެއްޓުމަށް ހަރުދަނާ ފިޔަވަޅުތަކެއް ނާޅައިފިނަމަ އާމްދަނީ އިތުރުވުމުގެ ފައިދާ ހާސިލުނުވާނެކަމަށް ޓެކުސް ބޮޑުކުރުމާ ގުޅޭ ގޮތުން ބޭރުގެ މާލީ އިދާރާތަކުން ދިން ލަފާތަކުގައި ބުނެފައިވެއެވެ.

މި ލިއުމާއި ގުޅޭ