Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުޅިވަރު

ހާލަންޑުގެ ފަސް ގޯލާ އެކު ސިޓީ ކުއާޓާ ފައިނަލަށް

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ އާލިން ބްރައުޓް ހާލަންޑް ޖެހި ފަސް ގޯލާ އެކު 0-7 އިން އާރުބީ ލައިޕްޒިގް ބަލިކޮށް މެންޗެސްޓާ ސިޓީ މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި އެވެ.

ޖަރުމަނުގެ ލައިޕްޒިގާ ދެކޮޅަށް ރަށުން ބޭރުގައި ސިޓީ ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ބޮޑު މޮޅާ އެކު ސިޓީ ކުއާޓާ ފައިނަލް ކަށަވަރުކުރީ 1-8 ގެ އެގްރިގޭޓުން މޮޅުވެގެންނެވެ.

ރޭގެ މެޗުގައި ހާލަންޑް ވަނީ ފުރަތަމަ ހާފުގައި ހެޓްރިކް ހަދާފަ އެވެ. ދެވަނަ ހާފު ފެށިގެން ފުރަތަމަ 10 މިނެޓު ތެރޭ ހާލަންޑް އިތުރު ދެ ގޯލު ޖެހި އެވެ. ފަސް ގޯލު ޖެހުމުން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ 63 ވަނަ މިނެޓުގައި ހާލަންޑްގެ ބަދަލުގައި ހޫލިއަން އަލްވަރޭޒް ކުޅެން އަރުވައިފަ އެވެ.

ރޭ ޖެހި ފަސް ގޯލާ އެކު ހާލަންޑް ވަނީ މި ސީޒަނުގައި މިހާތަނަށް 39 ގޯލު ޖަހައިފަ އެވެ. މިއާއެކު ހާލަންޑް ވެފައިވަނީ ސިޓީގެ ތާރީހުގައި އެއް ސީޒަނެއްގައި އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާއަށެވެ. އަނެއްކޮޅުން ހާލަންޑަކީ ޗެމްޕިއަންސް ލީގުގެ ތާރީހުގައި 30 ގޯލު އެންމެ އަވަހަށް ޖެހި ކުޅުންތެރިޔާ އެވެ. މި ރެކޯޑުގެ އިތުރުން 30 ގޯލު ޗެމްޕިއަންސް ލީގުގައި ހަމަކުރި އެންމެ ޒުވާން ކުޅުންތެރިއަކީ ވެސް ހާލަންޑް އެވެ.

ހާލަންޑުގެ އިތުރުން ސިޓީގެ ގޯލުތައް ކާމިޔާބުކޮށްދިނީ އިލްކާއީ ގުންޑޮގާން އާއި ދެ ގޯލު ޖެހި ކެވިން ޑި ބްރޭނާ އެވެ.

މެޗަށް ފަހު ވާހަކަދައްކަމުން ގާޑިއޯލާ ބުނީ ސިޓީ އިން އަބަދުވެސް ގިނަ ގޯލުތަކެއް ޖަހާކަމަށާއި، މައްސަލައަކީ ބައިކޮޅަށް ވަންނަ ގޯލުތައް ކަމަށެވެ.

"ޗެމްޕިއަންސް ލީގުގަ އަހަރެމެން އަބަދުވެސް ގޯލު ޖަހަން. މެޑްރިޑް ކޮޅަށް ހަތަރު ގޯލު، މޮނާކޯ ކޮޅަށް ހަ ގޯލު، ޓޮޓެންހަމް ކޮޅަށް ހަތަރު ގޯލު. މައްސަލައަކީ ގޯލު ނުޖެހުމެއް ނޫން. މައްސަލައަކީ ވަރަށް އާދައިގެ ގޯލުތައް ބައިކޮޅަށް ވަނުން" ގާޑިއޯލާ ބުންޏެވެ.

ޗެމްޕިއަންސް ލީގުގެ ދެވަނަ ލެގްގައި ރޭ ޕޯޓޯއާ 0-0 އިން އެއްވަރުކޮށް އިންޓަ މިލާނުން ވެސް ވަނީ ގަދަ އަށަކުން ޖާގަ ހޯދާފަ އެވެ. އިންޓަ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން އެޓީމު މޮޅުވީ 1-0 އިންނެވެ.
ސިޓީ އާއި އިންޓަ މިލާންގެ އިތުރުން ކުއާޓާ ފައިނަލުން ޖާގަ ހޯދާފައިވަނީ ބެންފީކާ، ޗެލްސީ، ބަޔާން މިއުނިކް އަދި އޭސީ މިލާން އެވެ.

ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފަހު ދެ ޖާގަ މިރޭ ކަށަވަރުވާނެ އެވެ. ފަހު ޖާގަ އަށް ވާދަކުރަނީ އެއިންޓްރަކް ފްރެންކްފާޓާއި ނަޕޯލީގެ އިތުރުން ރެއާލް މެޑްރިޑް އަދި ލިވަޕޫލް އެވެ.

މި ލިއުމާއި ގުޅޭ