އެމެރިކާގެ ޖާސޫސީ ޑްރޯންއެއް ރަޝިޔާއިން ވައްޓާލާފައިވާ ކަމަށް އެމެރިކާގެ ޑިޕާޓްމެންޓް އޮފް ޑިފެންސުން ބުނެފިއެވެ.
ޑިޕާޓްމެންޓް އޮފް ޑިފެންސުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ކަޅުކަނޑުގެ މަތިން ދަތުރުކުރަމުން ދިޔަ އެމެރިކާގެ ޖާސޫސީ ޑްރޯންއަކަށް ހުރަސް އަޅައި، ރަޝިޔާގެ ވައިގެ ސިފައިންގެ ޖެޓުތަކުން ވަނީ އެ ޑްރޯން ވައްޓާލާފައެވެ. އަދި މިއީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ހިލާފުކަމެއް ކަމަށް އެމެރިކާއިން ބުނެފައިވެއެވެ. އެހެން ނަމަވެސް ރަޝިޔާއިން ވަނީ އެ ޤައުމުން އެފަދަ ކަމެއް ނުކުރާކަމަށް ބުނެފައެވެ.
އަދި އެ ޑްރޯންއަށް އެއްވެސް ވަރަކަށް ރަޝިޔާގެ ޖެޓުތަކުން ހަމަލާ ނުދޭކަމަށް ރަޝިޔާއިން ބުނެއެވެ.
މި މައްސަލައާއި ގުޅިގެން އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން ވަނީ އެ ޤައުމަށް ރަޝިޔާއިން ކަނޑައަޅާފައި ހުންނަ ސަފީރު އެނަޓޮލީ އެންޓަނޮވް ހާޒިރުކޮށް ރަސްމީކޮށް ނުުރުހުން ފާޅުކޮށްފައެވެ.
ޑްރޯން ވައްްޓާލިކަމަށް ރަޝިޔާގެ ޑިފެންސް މިނިސްޓްރީން ރަސްމީކޮށް ދެކޮޅު ހެދިނަމަވެސް އެނަޓޮލީގެ ވާހަކަތަކުން އެކަންކުރީ ރަޝިޔާއިން ކަމަށް ދޭހަވެއެވެ. އަދި މިގޮތުން ރަޝިޔާއާއި އެހާ ކައިރިން ޑްރޯން ހަރަކާތްތެރިވުމަކީ ރަޝިޔާއަށް ޖާސޫސް ކުރުންކަން އޭނާ ފާހަގަކުރިއެވެ. އަދި އެމެރިކާގެ ސަރަހައްދެއްގެ ކައިރިން ރަޝިޔާއިން އެފަދަ ޑްރޯންއެއް ބޭނުންކޮށްފިނަމަ އެމެރިކާއިން ދެކޭނީ ކިހިނެއްތޯ އޭނާ ސުވާލު އުފެއްދިއެވެ.
ކަޅުކަނޑަށް ވެއްޓުނު އެމެރިކާގެ ޑްރޯން އަކީ ރީޕަރ ޑްރޯންއެކެވެ. 36 ފޫޓު ދިގު މި ޑްރޯން އަކީ 15 ކިލޯމީޓަރު މަތިން އުދުހުމުގެ ގާބިލުކަން ލިބިގެންވާ އުޅަނދެކެވެ. 2007 ވަނަ އަހަރުން ފެށިގެން ބޭނުން ކުރަމުން އަންނަ މީގެ ޑްރޯންއެއްގެ އަގަކީ 32 މިލިއަން ޑޮލަރެވެ.