އަނިޔާވެރިކަން އިސްކޮށްޖުޑިޝަރީއަށް އަތްބާނައި ފާޅުކަންބޮޑުކޮށް އަދުލު އިންސާފަށް ނުފޫޒު ފޯރުވަމުން ދަނިކޮށް ރ. އިބޫގެ ވެރިކަން ނިމޭނެކަން ކަށަވަރު ވަމުން އެބަދާ ކަމަށް ކުރީގެ ނައިބުރައީސް އަދި ޕީޕީއެމްގެ މުސްތަޝާރު ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.
އަންނަ ސެޕްޓެންބަރު މަހުގައި އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރަން ސަރުކާރު ހިންގާ ކޯލިޝަނުގެ ދެވަނައަށް އެންމެ ބޮޑު ޕާޓީކަމަށްވާ ޖުމްހޫރީ ޕާޓީން ނިންމުމާ ގުޅިގެން އެކަމަށް އިޝާރާތް ކުރައްވައި ޑރ. ޖަމީލް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖުމްހޫރީ ޕާޓީގެ މި ނިންމުމާ ގުޅިގެން ގިނަ ބަޔަކު މިރޭ ހޭނެތިގެން ވެއްޓޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
އަދި ވިދާޅުވީ މިނިވަންކަމުގެ ޙައްގުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މިވެރިކަން ނިންމަންޖެހޭ ކަމަށެވެ.
ޖުމްހޫރީ ޕާޓީން ވަކިން ރިޔާސީ އިންތިޚާބަށް ނިކުތުމަށް ނިންމާފައިވަނީ މިއަދު އޮތް އެ ޕާޓީގެ އައު ކައުންސިލުގެ ބައްދަލުވުމެއްގައެވެ. ޖުމްހޫރީ ޕާޓީއަކީ މިހާރު ސަރުކާރު ހިންގަމުންދާ ކޯލިޝަނުގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން އެމްޑީޕީ ފިޔަވައި އެންމެ މެންބަރުން ގިނަ ޕާޓީއެވެ. ޖުމްހޫރީ ޕާޓީން ބުނި ގޮތުގައި އެ ޕާޓީގެ ކައުންސިލުން ނިންމާފައިވަނީ އަންނަ ރިޔާސީ އިންތިޚާބަށް އެ ޕާޓީ އިސްވެ އޮވެ ކޯލިޝަން ހެދުމަށެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުވަނީ ޖުމްހޫރީ ޕާޓީއާއެކު ކޯލިޝަން ހެއްދެވުމަށް އެ ޕާޓީއަށް ދައުވަތު ދެއްވާފައެވެ. އަދި އެ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމާ ރައީސް އޮފީހުގައި ބައްދަލުކުރައްވައި އެކަމާމެދު މަޝްވަރާކުރެއްވުމުގެ އިތުރުން، ޤާސިމާއި އޭނާގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓު މިނިސްޓަރު ޢާއިޝަތު ނަހުލާ އަރިހަށް މަންދޫބުން ފޮނުއްވައިގެންވެސް ރިޔާސީ އިންތިޚާބަށް ކޯލިޝަން އެކުލަވައިލައްވަން ޤާސިމް ހުށަހެޅުއްވިއެވެ.
ޤާސިމް ރިޔާސީ އިންތިޚާބުގައި އަމިއްލައަށް ވާދަކުރައްވާނެކަމަށް އެންމެ ފުރަތަމަ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ކޯލިޝަނެއް އެކުލަވައިލައްވައިގެން އެއްބުރުން ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވާނެކަމަށް ރައީސސް އިބްރާހީމް ވިދާޅުވަމުންގެންދެވިއިރު ނަޝީދު ވިދާޅުވެފައިވަނީ 2018 ވަނަ އަހަރާއި 2023 ވަނަ އަހަރުގެ ހާލަތު ތަފާތުކަމަށާއި ޤާސިމް ރައީސް އިބްރާހީމުގެ ފަހަތްޕުޅަށް އަރާވަޑައިގަންނަވަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.
ޖުމްހޫރީ ޕާޓީން ވަކިން ނުވަތަ އެ ޕާޓީ ގުޅިފައިވާ ކޯލިޝަނެއް ހަދައިގެން ރިޔާސީ އިންތިޚާބުގައި ވާދަކުރަން ނިންމުމަށް އެ ޕާޓީގެ ކައުންސިލަށް ލަފާ އެރުވުމަށް ޖުމްހޫރީ ޕާޓީގެ ޤައުމީ ކޮންގުރެސްގެ އިއްތިފާޤުން ފާއިތުވި ފެބްރުއަރީ މަހުގައި ފާސްކުރިއެވެ. އެ ޤައުމީ ކޮންގުރެސް ފެށުމަށް އަދި ނިންމުމަށް ބޭއްވި ދެ ރަސްމިއްޔާތުގައިވެސް ރައީސް ނަޝީދު ބައިވެރިވެވަޑައިގަތެވެ. ޤާސިމްވަނީ އެ ދެ ބައްދަލުވުމުގައިވެސް ރައީސް ނަޝީދަށް ވަރަށް ބޮޑަށް ތާރީފުކުރައްވާފައެވެ.