މި އަހަރު ރާއްޖެއިން ހައްޖަށް މީހުން ގެންދިއުމުގެ ހުއްދައަށް އެދި 11 ކުންފުންޏަކުން ބީލަން ހުށަހަޅާފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މި އަހަރުގެ ހައްޖުގެ އަޅުކަމަށް ރާއްޖެއަށް ސައުދީ އަރަބިއްޔާއިން ދިން 1،000 ކޯޓާއިން އަމިއްލަ ކުންފުނިތަކަށް ދޫކުރަން ނިންމާފައިވަނީ ޖުމްލަ 270 ޖާގަ ކަމަށެވެ.
ޙައްޖު ކޯޕަރޭޝަނުގެ އިތުރަށް ކޯޓާ ދޭން ސަރުކާރުން ނިންމާފައިވަނީ އަމިއްލަ ތިން ކުންފުންޏަކަށެވެ. ކޮންމެ ކުންފުންޏަކަށްވެސް ދޭނީ 90 ކޯޓާކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.
ކޯޓާ ދޫކުރާނެ 3 ކުންފުނި ކަނޑައަޅާނީ ބީލަން ހުޅުވުމަށްފަހު ކުންފުނިތަކަށް ޕޮއިންޓު ލިބޭ ގޮތަށް ބަލައިގެންކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.
ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައި ހައްޖުގެ އަޅުކަމަށް ކޮންމެ އަހަރަކު ރާއްޖެއަށް ސައުދީ އަރަބިއްޔާއިން ދޭ 1،000 ކޯޓާގެ އިތުރަށް އިތުރު 1،000 ކޯޓާ ލިބެއެވެ. ނަމަވެސް މި ވެރިކަން އައި ފަހުން ކޮންމެ އަހަރަކުވެސް ލިބެނީ ފުރަތަމަ ކޯޓާ ދޭ އަދަދަށެވެ.
މި އަހަރުވެސް ކޯޓާ އިތުރުކޮށްދިނުމަށް ސަރުކާރުން ސައުދީ އަރަބިއްޔާގައި އެދިފައިވީ ނަމަވެސް އެކަން މިހާތަނަށް ހަމަޖެހިފައިނުވެއެވެ.