ރައްޔިތުންގެ މަޖިލީހުގެ ކ.ގުރައިދޫ ދާއިރާގެ ބައި-އިލެކްޝނުގައި ވާދަކުރައްވަން ތިން ބޭފުޅަކު ފޯމު ހުށަހަޅުއްވާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
ގުރައިދޫ ދާއިރާގެ މަޖިލިސް ގޮނޑި ހުސްވީ ފާއިތުވި ތިން ދައުރުގައި އެ ގޮނޑި ފުރުއްވި އަލްއުސްތާޛު އިބްރާހީމް ރިޒާ ކެންސަރުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ވަޑައިގަންނަވަނިކޮށް ފެބްރުއަރީ 22 ވަނަ ދުވަހު އަވަހާރަވުމާ ގުޅިގެންނެވެ.
އޭޕްރީލް މަހުގެ 15 ވަނަ ދުވަހުގައި ބާއްވަން ނިންމާފައިވާ ބައި-އިލެކްޝަނުގައި ވާދަކުރަން ބޭނުންވާ ކެނޑިޑޭޓުންނަށް ފޯމު ހުށަހެޅުމުގެ ފުރުސަތު އިއްޔެއާ ހަމައަށް އިލެކްޝަންސް ކޮމިޝަނުން ހުށަހެޅިއެވެ.
އެ އިންތިޚާބުގައި ބައިވެރިވުމަށް ފޯމު ހުށަހަޅާފައިވަނީ 3 ޕާޓީންނެވެ. އެއީ ވެރިކަންކުރާ އެމްޑީޕީއާއި އިދިކޮޅު ޕީޕީއެމް އަދި އެމްއެންޕީންނެވެ.
އެމްޑީޕީގެ ފަރާތުން ވާދަކުރައްވަނީ އިބްރާހީމް ޝާޒު އަދި ޕީޕީއެމުން ވާދަކުރައްވަނީ އިބްރާހީމް ރިޒާގެ ކޮއްކޮ ހުސައިން ރިޒާ އަދި އެމްއެންޕީން ވާދަކުރައްވަނީ އަލީ އާރިފެވެ. އެ ބޭފުޅުންނަކީ ގުރައިދޫ ބޭފުޅުންނެވެ.
މީގެ ކުރިން މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވުމާ ގުޅިގެން އެ ދާއިރާގެ ބައި-އިލެކްޝަން ބާއްވާފައިވެއެވެ. އެއީ އެ ދާއިރާގެ ކުރީގެ މެންބަރު ހުސައިން ވަހީދު އަވަހާރަވުމުންނެވެ. އެ އިންތިޚާބު ކާމިޔާބުކުރީ އެމްޑީޕީންނެވެ.