Friday 1st Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އުމަރު ނަސީރު

ޑިމޮކްރަސީއާއެކު ރާއްޖޭގައި މީހުން މެރުންވީ އިތުރު: އުމަރު

ރާއްޖެއަށް ޑިމޮކްރަސީ ގެނައުމުން ދިވެހިރާއްޖޭގައި މީހުން މެރުން އިތުރުވިކަމަށް ކުރީގެ ހޯމް މިނިސްޓަރު އަދި އަމިއްލަ ގޮތުން މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވާފައިވާ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

"ނާބާހުޑް ބައްދަލުވުމު"ގެ ނަމުގައި މައްޗަންގޯޅީގައި ރޭ އުމަރު ނަސީރު ބޭއްވެވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އުމަރު ވިދާޅުވީ މީގެ 18 އަހަރުކުރިން އޭނާވެސް ހިމެނޭ ގޮތުން އެތައް ބަޔަކު ޤުރުބާންވެގެން ރާއްޖެއަށް ގިނަ ސިޔާސީ ޕާޓީ އެކުލެވޭ ޑިމޮކްރެޓިކް ނިޒާމެއް ގެނައީ ކަންކަން ރަނގަޅުވުމުގެ އުންމީދުގައި ކަމަށެވެ.

އެހެންނަމަވެސް އެ ނިޒާމީ ބަދަލަށްފަހު މީހުން މެރުމާއި، މަސްތުވާތަކެތީގެ ވިޔަފާރިކުރުމާއި، ދައުލަތުގެ ދަރަނި އިތުރުވި ކަމަށާއި، ދަރިންގެ އަޚުލާޤީ ފެންވަރު ދަށްވެ ވެރިންގެ އަޚުލާޤުވެސް ހީނަރުވެ، މިނިވަންކަން އިތުރަށް ބީވެގެންދިޔަ ކަމަށް އުމަރު ވިދާޅުވިއެވެ. އަދި ސަރުކާރުގެ ޚަރަދުތައް ބޮޑުވެ، ރައްޔިތުންގެ އަތުން ނަގާ ޓެކުސް ފައިސާވެސް އިތުރުވިކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން އުމަރު ފާހަގަކުރެއްވި ގޮތުގައި ފާއިތުވި 10 އަހަރުގައި އެކަނިވެސް ތޫނު ހަތިޔާރު ބޭނުންކޮށްގެން ޖުމްލަ 67 މީހަކު މަރައިލެވުނެވެ. އެކަމަށް އިޝާރަތްކުރައްވައި އުމަރު ވިދާޅުވީ ޑިމޮކްރަސީއާއެކު ރާއްޖޭގައި މީހުން ޤަތުލުކުރުން ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ.

ހަމައެހެންމެ މަސްތުވާތަކެތީގެ މައްސަލަވެސް ބޮޑުވެ 7،000 އާއިލާއެއްގެ ތެރެއަށް މަސްތުވާތަކެތި ވަދެފައިވާކަމަށްވެސް އުމަރު ވިދާޅުވިއެވެ. އަދި އޭނާ ވިދާޅުވި ގޮތުގައި ބޯހިޔާވަހިކަމެއް ނެތި މަގުމަތީގައި ސަލާންޖަހައިގެން އުޅޭ މީހުންގެ އަދަދު 100 އަށްވުރެ އިތުރުވެފައިވާ ކަމަށެވެ.

މިހުރިހައި ކަމެއް މިހެން ހިނގަމުންދާއިރު ރާއްޖޭގެ ސިޔާސީ ޕާޓީތަކުން އުޅެނީ ކޯޅުމުގައިކަމަށްވެސް އުމަރު ވިދާޅުވިއެވެ. އެގޮތުން ބައެއް ޕާޓީތަކުގެ އެތެރޭގެ ކޯޅުންތައް ބޮޑުވެފައި ހުރި ޕާޓީތަކުގެ މެދުގައިވެސް އޮތީ ކޯޅުންކަމަށާއި، އަނެއްބައި ޕާޓީތަކުން އުޅެނީ ކޯލިޝަން ހެދުމުގައިކަމަށްވެސް އުމަރު ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ