އިރާގުގެ ކުރީގެ ރައީސް ސައްދާމު ހުސެއިން ދަންޖައްސާ މަރާލުމަށްފަހު ހަށިގަނޑާއި މެދު އަމަލު ކުރެވުނު ގޮތް އިރާގުގެ ކުރީގެ ބޮޑުވަޒީރު މުސްތަފާ އަލްޚާޒިމީ ހާމަކުރައްވައިފިއެވެ.
އަރަބި ނޫހަކަށް ދެއްވި ބަސްދީގަތުމެއްގައި ޚާޒިމީ ވިދާޅުވީ ސައްދާމު ހުސެއިނަށް މަރުގެ ހުކުމް ތަންފީޒު ކުރުމަށްފަހު އޭނާގެ ހަށިގަނޑު އޮތީ ޚާޒިމީގެ ގެކޮޅާއި، އޭރު އިރާގުގައި ބޮޑުވަޒީރުކަން ކުރެއްވި ނޫރީ އަލް މާލިކީގެ ގެކޮޅާއި ދެމެދުގެ ސަރަހައްދަކަށް އެއްލާލާފައި ކަމަށެވެ.
ޚާޒިމީ މިހެން ވިދާޅުވެފައިވަނީ، އޭނާގެ ހަޔާތުގައި ސައްދާމު ފެނިވަޑައިގަތީ ކިތައްފަހަރުތޯ ސުވާލުކުރެއްވުމުންނެވެ. މިގޮތުން ޚާޒިމީ ވިދާޅުވީ އެންމެ ފުރަތަމަ ސައްދާމު ފެނިވަޑައިގަތީ ސައްދާމުގެ މައްޗަށް ހިންގުނު ޝަރީއަތުގެ އަޑުއެހުމަކުން ކަމަށެވެ. އަދި ދެން ފެނިވަޑައިގަތީ ސައްދާމުގެ ހަށިގަނޑު އޭނާގެ ގެކޮޅު ކައިރިއަށް އެއްލާލާފައި ކަމަށެވެ.
"އަހަންނަށް ގާޑުންގެ ގުރޫޕެއް ސައްދާމު ހަށިގަނޑު ކައިރިން ފެނުނު. އަހަރެން ބުނިން ސައްދާމުގެ ހަށިގަނޑަށް ގެއްލުން ނުދޭން އަދި ކައިރި ނުވާން". ޚާޒިމީ ވިދާޅުވިއެވެ.
ޚާޒިމީ ވިދާޅުވި ގޮތުގައި ސައްދާމުގެ ހަށިގަނޑު މާލިކީގެ ގެކޮޅުގެ ބޭރުގައި އޮތްވާ، މާލިކީ އައިސް ވަނީ ސައްދާމުގެ ހަށިގަނޑު އޭނާގެ ގަބީލާ ކަމަށްވާ އަލް ނަދާ ގަބީލާ އާއި ހަވާލު ކުރުމަށް އަމުރުކުރައްވާފައި ކަމަށެވެ. އަދި އެފަހުން ސައްދާމުގެ ހަށިގަނޑު ވަޅުލެވުނީ އޭނާގެ އުފަން ރަށްކަމަށްވާ ތިކްރީތުގައި ކަމަށެވެ.
2012 ވަނަ އަހަރު ތިކްރީތު އައިސިސްގެ ބާރުގެ ދަށަށް ދިޔުމަށްފަހު އެމީހުންވަނީ ސައްދާމުގެ ގަބުރުކޮނެ ނެގުމަށްފަހު އެހެން ތަނެއްގައި ވަޅުލާފައެވެ.
އަލް ޚާޒިމީ އިރާގުގެ ބޮޑުވަޒީރުކަން ކުރެއްވީ މޭއި 2020 އިން އޮކްޓޯބަރު 2022 އަށެވެ. އޭގެ ކުރިން އޭނާ ހުންނެވީ އިރާގުގެ ޖާސޫސީ އިދާރާގެ ވެރިޔާގެ މަޤާމުގައެވެ.
ސައްދާމުގެ ހުސެއިންގެ ވެރިކަން ވެއްޓުނީ 2003 ވަނަ އަހަރު އެމެރިކާ އާއި ހުޅަނގުގެ ޤައުމުތަކުން އެ ޤައުމަށް އަރައި ގަދަ ބާރުންނެވެ. އެ ޤައުމަށް އަރަން އެމެރިކާއިން ދެއްކި އުޒުރަކީ އެ ޤައުމުގައި ފަނާކުރަނިވި ހަތިޔާރު ހުރިކަމަށް ބުނެއެވެ. އަދި ސައްދާމު ހުސެއިންނާއި އަލްޤައިދާ އާއި ގުޅުން އޮތް ކަމަށްވެސް އެމެރިކާއިން ތުހުމަތު ކުރިއެވެ. އެމެރިކާއަށް އަދި މިހާތަނަށް މިއިން އެއްވެސް ކަމެއް ސާބިތުކޮށްދެވިފައި ނުވެއެވެ.
ސައްދާމުގެ ވެރިކަން ބަދަލުކުރުމަށްފަހު އެމެރިކާއިން އިރާގުގައި ޤާއިމްކުރި ސަރުކާރުން ސައްދާމާއި ދެކޮޅަށް ހިންގި ޝަރީއަތުގައި، ވަނީ ސައްދާމަކީ އިންސާނިއްޔަތާއި ހިލާފު ޖަރީމާތައް ހިންގި މީހެއްކަމަށް ސާބިތުވާ ކަމަށް ނިންމާފައެވެ. އަދި 30 ޑިސެމްބަރުގެ ފަތިހުގެ ވަގުތެއްގައި ސައްދާމު ހުސެއިން ދަންޖައްސައި މަރާލެވުނެވެ.
ސައްދާމް ދަން ޖައްސާ މަރާލުމުގެ ކުރިން، ސައްދާމާއި ހަވާލުވެ ތިބި ގާޑުންނާއި ސައްދާމާއި ދެމެދު ބަހުގެ ހަމަލާތަކެއް ބަދަލުކުރެވުނެވެ. މިގޮތުން އެ ތަނުން ގާޑަކު ވަނީ، ސައްދާމާ ދިމާލަށް، ސައްދާމު ވަނީ އެމީހުން ހަލާކު ކޮށްލާފައި ކަމަށާއި، އެ މީހުން މަރާލާފައި ކަމަށް ބުނެފައެވެ. އަދި އެމީހުން އިންތިހާއަށް ފަގީރު ކަމުގައި ދިރިއުޅެން މަޖުބޫރު ކުރުވާފައި ކަމަށްވެސް ބުނެފައެވެ.
ސައްދާމް ވަނީ އޭގެ ރައްދުގައި، އޭނާ ވަނީ އެމީހުން ފަގީރު ކަމުން ސަލާމަތްކުރެއްވި ކަމަށާއި، އެމީހުންގެ ދުޝްމަނުން ކަމުގައިވާ އެމެރިކާ މީހުންނާއި ފާރިސީންގެ ކިބައިން އެމީހުން ސަލާމަތްކޮށްދެއްވި ކަމަށް ވިދާޅުވިއެވެ. އެހެން ވިދާޅުވުމުން އެގާޑުވަނީ ސައްދާމާއި ދިމާލަށް، ﷲ އޭނާއަށް ލައުނަށް ލެއްވުން އެދި ދުއާކޮށްފައެވެ. ސައްދާމްވެސް ވަނީ ހަމަ އެގޮތަށް އެ ގާޑާމެދު ދުޢާކުރައްވާފައެވެ.
އެވަގުތު، އެތާ ހުރި އިރާޤުގެ ސަރުކާރުގެ އިސްވެރިޔަކު ވަނީ އެގާޑުންނަށް އެގޮތަށް ސައްދާމާއި ދިމާލަށް އިހާނެތި ބަސްތައް ބުނުން މަނާކޮށްފައެވެ. އޭގެ ކުޑަ އިރުކޮޅެއް ފަހުން ސައްދާމްގެ ކަރުގައި ދަންމަޅި އެއްސިއެވެ. ދެން ސައްދާމް ޝަހާދަތުގެ ދެކަލިމަ ވިދާޅުވެ ރަސޫލާއަށް ސަލަވާތް ވިދާޅުވިއެވެ. އެއަށްފަހު ސައްދާމް ދަންޖެއްސުނެވެ.