Saturday 10th Jun 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފެނަކަ

ފެނަކައިން އެސްޓީއޯއަށް ދޭންޖެހޭ 1.8 ބިލިއަން ރުފިޔާ ނުދިނުމުން އެސްޓީއޯއަށް ބޮޑެތި ދަތިތަކެއް

ދައުލަތުގެ މައި ވިޔަފާރި ކުންފުނި އެސްޓީއޯއިން ތެޔޮ ގަތުމަށްފަހު ފެނަކަ ކޯޕަރޭޝަނުން ދައްކަންޖެހޭ ފައިސާ ނުދައްކާތާ ގިނަ ދުވަސްތަކެއް ހޭދަވެ، އެ ފައިސާ ނުލިބުމުގެ ސަބަބުން އެސްޓީއޯއަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހިއްޖެއެވެ.

ފެނަކައިން އަތޮޅު ތެރޭގައި ހިންގާ އިންޖީނުގެތަކަށް ބޭނުންވާ ތެޔޮ އެސްޓީއޯއިން ގަތުމަށްފަހު ފައިސާ ނުދައްކާތާ ދެ އަހަރު ދުވަސްވެފައިވާކަމަށް އެސްޓީއޯގެ އިސްވެރިޔަކު "ދިޔަރެސް"އަށް މައުލޫމާތު ދެއްވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި އެސްޓީއޯއަށް ފެނަކައިން ދައްކަންޖެހޭ ފައިސާ ނުދެއްކުމުގެ ސަބަބުން އެ ކުންފުނީގެ ތެޔޮ ގަތުމުގެ އޮޕަރޭޝަނަށް ހުރަސްތަކެއް ކުރިމަތިވަމުންދާކަމަށެވެ. އެ ކުންފުނިން ތެޔޮ ގަންނަމުން އަންނަނީ ތެޔޮ ވިއްކައިގެން ލިބޭ ފައިސާއިންކަމަށާއި ގިނަ އަދަދެއްގެ ފައިސާ ނުލިބި ހުރުމަކީ ކުންފުންޏަށް މުއާމަލާތްތައް ހިންގުމަށް ބޭނުންވާ ނަގުދު ފައިސާ ނެތުމުގެ ދަތިކަން ކުރިމަތިވާ ކަމެއް ކަމަށެވެ.

ފެނަކައިން އެސްޓީއޯއިން ގަނެފައިވާ ތެލަށް ދައްކަންޖެހޭ ފައިސާ ނުދައްކާ މައްސަލަ އެ ކުންފުނިން ފާހަގަކުރިއިރު، އަމިއްލަ ގިނަ އަދަދެއްގެ ވިޔަފާރިތަކުން އަންނަނީ އެ ކުންފުނިތަކަށް ލިބެންޖެހޭ ފައިސާ ފެނަކައިން ނުދައްކާކަމުގެ ޝަކުވާކުރަމުންނެވެ.

އެކި އަދަދުތަކުން އެކި ކުންފުނިތަކަށް ފެނަކައިން ފައިސާ ނުދައްކައިހުރިއިރު އެ ފައިސާ ހޯދުމަށް މަސައްކަތްކުރުމުން ފެނަކައިގެ ވެރިން އެ ފައިސާ ދިނުމުގެ ބަދަލުގައި ކޮމިޝަނެއް ހޯދަން މަސައްކަތްކުރާކަމަށްވެސް ފެނަކައާއެކު މުއާމަލާތްކުރާ ބައެއް ކުންފުނިތަކުން ބުނެއެވެ.

ފެނަކައިގެ އިތުރުން އާރުޑީސީއަކީވެސް ގިނަ އަދަދެއްގެ މަސައްކަތާ ހަވާލުވުމަށްފަހު އެހެން ކުންފުނިތަކުން މުދާ ގަނެ އެ މުދަލަށްވާ ފައިސާ ނުދައްކާ އޮތް ކުންފުންޏެކެވެ. ސަރުކާރު ކުންފުނިތަކުން ލިބެންޖެހޭ ފައިސާ ނުލިބުމުގެ މައްސަލަ ބޮޑުވެފައިވާއިރު އެކަމަށް އެކަށީގެންވާ ހައްލެއް ހޯދުމަށް ސަރުކާރުން މަސައްކަތްނުކުރާކަމަށް ކުންފުނިތަކުން ބުނެއެވެ.

ފެނަކައާއި ސަރުކާރާ ހަވާލުކޮށްފައިހުރި ބޮޑެތި މަސައްކަތުން ގިނަ މަސައްކަތްތައް ނުނިމޭކަން ފާހަގަކުރެވެއެވެ. ނަމަވެސް ފެނަކައަކީ ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން އެންމެ ރަނގަޅަށް މަސައްކަތްކުރާ އެއް ކުންފުނިކަމަށް ވިދާޅުވެ އެ ކުންފުނީގެ އެމްޑީ އަޙްމަދު ސައީދަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުވަނީ ވަރަށް ބޮޑަށް ތާރީފުކުރައްވާފައެވެ.

އެސްޓީއޯއާއި އެހެނިހެން ކުންފުނިތަކަށް ފެނަކައިން ދައްކަންޖެހޭ އެތައް ބިލިއަން ރުފިޔާއެއް ނުދައްކައިހުރި ނަމަވެސް އިންތިޚާބުތަކާ ގުޅިގެން ފެނަކައިން އަންނަނީ އެ ކުންފުނީގެ މަސައްކަތާ ނުބައްދަލު ގިނަ އަދަދެއްގެ ވަޒީފާތައް އަތޮޅު ތެރޭގައި އުފައްދައި އެމްޑީޕީގެ އެކްޓިިވިސްޓުންނަށް ބަހަމުންނެވެ.

މިކަމާއި ގުޅިގެން އެސްޓީއޯގެ ރަސްމީ ބަހެއް ހޯދުމަށް “ދިޔަރެސް” އިން އެދުމުން އެ ކުންފުނިން ބުނިގޮތުގައި، އެސްޓީއޯއިން ފެނަކަ ކޯޕަރޭޝަންއަށް ފޯރުކޮށްދޭ ތެލަށް ފެނަކަ ކޯޕަރޭޝަންއިން އެސްޓީއޯއަށް ފައިސާ ލިބެމުން ނުދިޔަނަމަވެސް، ރައްޔިތުންނަށް ބޭނުންވާ ކަރަންޓް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަށް އެންމެ މުހިއްމު އެއްޗަކީ ތެޔޮ ކަމުގައިވާތީ، ފެނަކައަށް އެ ކުންފުނިން މިހާ ހިސާބަށް މިއައީ ތެޔޮ ފޯރުކޮށްދެމުންނެވެ. އަދި
މި މައްސަލަ ހައްލުކުރުމަށް ރައީސް އޮފީހާއި ފިނޭންސް މިނިސްޓްރީއިން މި ކުންފުންޏަށް އެހީތެރިކަން އަންނަނީ ލިބެމުންނެވެ.

މި ލިއުމާއި ގުޅޭ