ރައީސް ޔާމީންގެ މައްޗަށް ނުހައްގު ހުކުމެއް އިއްވި، ކްރިމިނަލް ކޯޓުގެ އިސް ޤާޟީގެ މަގާމުގައި ހުންނެވި އަހުމަދު ޝަކީލު، ހައި ކޯޓުގެ ފަނޑިޔާރުކަމުގެ ހުވާ މިއަދު ހަވީރު ކުރައްވައިފި އެވެ.
ހައިކޯޓަށް ފަނޑިޔާރުން ހޯދުމަށް ޖެނުއަރީ 14ގައި ކުރި އިޢުލާނުގެ ދަށުން ދިވެހިރާއްޖޭގެ ހައި ކޯޓަށް ކުރިމަތިލާފައިވާ ފަރާތްތަކާ "ފަނޑިޔާރުން ޢައްޔަންކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީ"އިން އިންޓަރވިއު ކުރުމަށްފަހު ވަނީ ޝަކީލް ހައި ކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަންކުރުމަށް ލަފާއަރުވާފައެވެ.
މި މަހުގެ 5 ދުވަހު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގައި އެ ކޮމިޝަނުން ވަނީ އިސް ގާޒީ ޝަކީލް ހައިކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަންކުރުމަށް ނިންމާފައެވެ.
ގާޟީ ޝަކީލަކީ އެމްއެމްޕީއާރުސީ ޚިޔާނާތުގެ ތެރެއިން ވ. އާރަށް ކުށްޔަށް ދިން މައްސަލާގައި ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމުގެ މައްޗަށް އުފުލި ދައުވާގެ މައްސަލަ ބެއްލެވި ޤާޟީއެވެ.
އެ މައްސަލާގައި ރައީސް ޔާމީން 11 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފައިވާއިރު، މިހާރު އެމައްސަލަ ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ. އަދި އިސްތިއުނާފު ކޮށްފައިވަނިކޮށް، ޔާމީން ޖަލަށް ލާން ހުކުމް ކުރި ގާޒީ އަލުން ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށާ، އެއީ ރިޝްވަތުން ދީފައިވާ މަގާމެއް ކަމުގައި އިދިކޮޅުން ބުނެއެވެ.
މީގެ ކުރިން ވެސް ސަރުކާރުން ވަނީ ރައީސް ޔާމީންގެ މައްޗަށް 2019 ވަނަ އަހަރު ޖަލު ހުކުމް އިއްވި ބެންޗްގައި އިސްކޮށް އިންނެވި އަލީ ރަޝީދު ވެސް ވަނީ އެހުކުމަށް ފަހު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކޮށްފައެވެ.