Thursday 8th Jun 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސްރީލަންކާ

ރާއްޖެއަކީ ފަތުރުވެރިންނަށް ފޫހި ތަނެއްކަމަށް ވިދާޅުވި ލަންކާގެ ޓުއަރިޒަމް މިނިސްޓަރު މައާފަށް އެދިވަޑައިގެންފި

ރާއްޖެއަކީ ފަތުރުވެރިންނަށް ފޫހި މަންޒިލެއްކަމަށް ވިދާޅުވި ލަންކާގެ ޓުއަރިޒަމް މިނިސްޓަރު ހަރިން ފާނަންޑޯ މައާފަށް އެދިވަޑައިގެންފިއެވެ.

ޖަރުމަނުގެ ވެރިރަށް ބާލިންގައި ކުރިއަށްދިޔަ ދުނިޔޭގެ އެންމެ ބޮޑު ޓޫރިޒަމް ޓްރޭޑް ފެއާ، "އައިޓީބީ ބާލިން 2023" ގައި ލަންކާގެ ޓޫރިޒަމް ޕްރޮމޯޓު ކުރަން ދެއްކި ވާހަކައެއްގެ ތެރެއިން ފެނާންޑޯ ވިދާޅުވީ ފަތުރުވެރިންގެ މެދުގައި ލަންކާ މަގްބޫލުވާ އެއް ސަބަބަކީ ރީތި ގޮނޑުދޮށްތައް ކަމަށެވެ.

ނަމަވެސް މިހާރު މި ސަރަހައްދުގައި ރީތި ގޮނޑުށްތައް އޮތް ހަމައެކަނި ގައުމަކީ ލަންކާ ނޫންކަމަށާއި ވަރަށް ގިނަ މީހުން މިހާރު ރާއްޖޭގެ ގޮނޑުދޮށްތައް ބަލައިލަން އަންނަކަން އޭނާ ފާހަގަކުރި އެވެ. އެކަމަކު ރާއްޖެ އަންނަ ފަތުރުވެރިން ކުރާނެ އިތުރު ކަމެއް ނޯންނަ ކަމަށާއި އެހެންވެ، ފަސް ދުވަހުން ފޫހިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ ބަދަލުގައި ލަންކާގައި ފަތުރުވެރިންނަށް ވަރަށް ގިނަ ކަންކަން ކުރަން ހުންނާނެ ކަމަށާއި، ތަފާތު އެކި ކަހަލަ ކަންތައްތައް ތަޖުރިބާ ކުރުމުގެ ފުރުސަތު ވެސް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ހާރު މިހިސާބުގައި ހަމައެކަނި އޮތީ ސްރީ ލަންކާގެ ބީޗެއް ނޫން. އަޅުގަނޑަށް އެނގޭ ވަރަށް ގިނަ މީހުން ދިވެހި ރާއްޖެއަށް ދާކަން. އެކަމަކު ރާއްޖޭގައި ހަމައެކަނި އޮންނަނީ ބީޗް. އަހަރެން ފާޑު ކިޔަނީކީ ނޫން. އެކަމަކު އެތަނުގައި ފަސް ދުވަހު ހުރުމަށްފަހު ފޫހިވާނެ. ހަމައެކަނި ރަށެއްގައި، އެއްތަނެއްގައި ބަންދުވެފައި ތިބެން ޖެހޭނީ. އެކަމަކު ސްރީ ލަންކާ ގައި އެހެނެއް ނުވާނެ." ފެނާންޑޯ ވިދާޅުވި އެވެ.

ފެނާންޑޯ ދެއްކެވި ވާހަކަފުޅާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އޭނާއަށް އަމާޒުވިއެވެ. އެގޮތުން ލަންކާ މީހުންނާއި ދިވެހިންވަނީ އެއީ އެފަދަ މަޤާމެއްގައި ހުންނެވި ބޭފުޅަކު ދައްކަވަން މުނާސަބު ވާހަކައެއް ނޫންކަމަށް ބުނެ އޭނާއަށް ފާޑުކިޔާފައެވެ.

ދިވެހިންގެ ގިނަ ބަޔަކުވަނީ ރާއްޖޭގެ ފަތުރުވެރިކަން ދިފާއުކޮށް ރާއްޖެއަކީ ހަމައެކަނި ގޮނޑުދޮށްތައް ނޫންކަމަށާއި، ރާއްޖޭގެ ޤުދުރަތީ ރީތިކަމުގައި ކަނޑުފަޅުގެ ރީތިކަން ހިމެނޭކަމަށާއި، ރާއްޖެއަށް އަންނަ ފަތުރުވެރިން ކުރާނެ ގިނަ ކަންތައްތަކެއް ހުންނާނެ ކަމަށާއި، ދުވަހަކުވެސް ރާއްޖެއަށް އައި ފަތުރުވެރިއަކު ރާއްޖެއަށް އާދެވުނީތީ ހިތާމަކުރާކަން ހާމަކޮށްފައިނުވާކަމަށް ބުނެފައެވެ.

އަދި ބައެއް ދިވެހިންވަނީ އޭނާގެ ވާހަކަފުޅަކީ ދެ ޤައުމުގެ މެދުގައި އޮތް ޤަދީމީ ޒަމާންވީ ގުޅުމާ އެކަށީގެންނުވާ ބަސްފުޅެއްކަމަށް ބުނެ، މައާފަށް އެދިވަޑައިގަތުމަށް ފާނަންޑޯއަށް ގޮވައިލާފައެވެ.

ފާނަންޑޯއަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށް އޭނާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އޭނާ ރާއްޖެއާމެދު ދެއްކެވި ވާހަކަ އޮތީ އެ ވާހަކައިގެ މާނަ އޮޅޭނެ ގޮތަށް ދެއްކެވި ވާހަކަފުޅުގެ މުޅި ޖުމްލަ މާނަ ގެއްލޭ ގޮތަށް ދައުރުކޮށްފައި ކަމަށެވެ.

އަދި އޭނާ ވިދާޅުވީ ދިވެހިރާއްޖެއާ އެކީގައި ފަތުރުވެރިކަމުގެ ދާއިރާގައި ލަންކާއިން މަސައްކަތްކުރާކަން ސާފުކޮށްދެއްވަން ބޭނުންފުޅުވާ ކަމަށެވެ. އަދި އޭނާގެ ވާހަކަފުޅުގެ ސަބަބުން އެއްވެސް މިންވަރެއްގެ ދައްޗެއް ތުރާލެއް ކުރިމަތިވެފައިވާނަމަ މައާފަށް އެދިވަޑައިގަންނަވާކަމަށްވެސް ފާނެންޑޯ ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ