ވިލިމާލޭގައި ބަގީގެ ޚިދުމަތް ދިނުމަށް އަމިއްލަ ކުންފުންޏަކާއެކު ސިޓީ ކައުންސިލުން ހަދާފައިވާ އެއްބަސްވުން ބާތިލުކުރުމަށް ނިންމާފައިވާ ނިންމުމަށް އަމަލުކުރުން ފަސްކުރުމަށް ސިވިލް ކޯޓުން އަމުރުކޮށްފިއެވެ.
މާލެ ސިޓީ ކައުންސިލުން ބަގީގެ ޚިދުމަތް ދިނުމުގެ އެއްބަސްވުމެއް ހަދާފައި އޮތީ ނައިންޓީ 9 ހޯލްޑިންސްއާއެކުއެވެ. އެ އެއްބަސްވުން ބާތިލުކުރަން އައު ސިޓީ ކައުންސިލުން ނިންމައި، ނިމުނު އަހަރުގެ އޯގަސްޓު މަހުގައި އެ އެއްބަސްވުން ބާތިލުކުރިއެވެ.
އެ އެއްބަސްވުމުގެ ދަށުން އެ ކުންފުންޏަށް ވިލިމާލެއިން ދީފައި ހުރި ބިންތައް އަނބުރާ ސިޓީ ކައުންސިލާ ހަވާލުކުރުމަށް އެއްބަސްވުން ބާތިލުކުރުމާއެކު ސިޓީ ކައުންސިލުން އެންގިއެވެ.
މި ނިންމުމާ ގުޅިގެން އެ ކުންފުނިން މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމާއެކު އެއްބަސްވުން ބާތިލުކުރުމުގެ ނިންމުމަށް އަމަލުކުރުން ވަގުތީ ގޮތުން ހުއްޓުވައިދިނުމުގެ އަމުރަކަށް ނައިންޓީ ނައިން ކުންފުނިން އެދުނެވެ.
އެ މައްސަލާގައި ސިވިލް ކޯޓުން މިއަދު ނެރުނު އަމުރުގައި ބުނެފައިވަނީ އެ އެއްބަސްވުމުގެ ދަށުން ނައިންޓީ 9 ކުންފުންޏަށް ދޫކުރި ބިންތަކުގައި އެ ކުންފުނިން ބޮޑެތި އިންވެސްޓުމެންޓުތަކެއް ޤާއިމުކޮށްފައިވާ ކަމަށެވެ.
އަދި އެ އަމުރުގައި ފާހަގަކުރި ގޮތުގައި އެއްބަސްވުން ބާތިލުކުރުމާއި އެއްބަސްވުމަށް އަމަލުކުރުމުން އެ ކުންފުންޏަށް ލިބޭ ގެއްލުމާއި ސިޓީ ކައުންސިލަށް ލިބޭ ގެއްލުން ވަޒަންކުރަން ދަތިވާތީ، އެކަމުގައި އަމަލުކުރާނެ ގޮތަކީ ހައިކޯޓުން ނިންމާފައިވާ އުސޫލާ އެއްގޮތަށް ކުރިން އޮތް ހާލަތު ދެމެހެއްޓުން ކަމަށެވެ.
މިފަދައިން ސިވިލް ކޯޓުން އަމުރުކުރިއިރު ބަގީގެ ޚިދުމަތް ވިލިމާލޭގައި ދިނުމަށް ނިންމައި އެ ބަގީތައް ސިޓީ ކައުންސިލުން އެ އަވަށަށް އަރުވާފައިވެއެވެ. އަދި މި ހަފުތާގައި އެ ޚިދުމަތް ފައްޓާނެކަން އިއުލާނުކޮށްފައިވެއެވެ.