ސައުދީ އަރަބިއްޔާއިން ރެޑް ސީގައި ތަރައްޤީ ކުރަމުން އަންނަ އިންޓަގްރޭޓެޑް ޓުއަރިޒަމް ޒޯން ކަމަށްވާ "ދަ ރެޑްސީ ޕްރޮޖެކްޓު" ގެ ދަށުން 2 ރިސޯޓު މިއަހަރު ތެރޭ ހުޅުވާނެ ކަމަށް ރެޑް ސީ ޑިވެލޮޕްމެންޓް ކޮމްޕެނީ އިން ބުނެފިއެވެ.
އެ ކުންފުނީގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި މިއަހަރުގެ ކުރީ ކޮޅު ރެޑްސީ ޕްރޮޖެކްޓު ފަތުރުވެރިންނަށް ހުޅުވާލާނެއެވެ. އަދި މިގޮތުން 2 ރިސޯޓާއި އެއާޕޯޓެއް މި އަހަރުތެރޭ ހުޅުވުމަށް ނިންމާފައިވެއެވެ. ސައުދީ އަރަބިއްޔާގެ ހުޅަނގު އައްސޭރީގައި އޮންނަ ސަރަހައްދެއްގައި ރަށްތައް ހިއްކައިގެން ކުރިއަށް ގެންދާ މި ބޮޑު މަޝްރޫއު ނިމޭއިރު ޖުމްލަ 50 ހޮޓެލް ހުންނާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. މަޝްރޫއު އެއްކޮށް ނިމޭނެ ކަމަށް ލަފާކޮށްފައިވަނީ 2030 ވަނަ އަހަރުގެ ނިޔަލަށެވެ.
މި މަޝްރޫއުގެ ފުރަތަމަ ފޭސް ނިމޭނީ 2024 ގެ ނިޔަލަށެވެ. އެ ފޭސްގެ ދަށުން 16 ރިސޯޓު ހުޅުވުމަށް ހަމަޖެހިފައިވާއިރު އޭގެ ތެރެއިން މި އަހަރު ތެރޭގައި "ސެއިންޓް ރެޖިސް ދަ ރެޑް ސީ" އަދި "ނުޖުމާ އަ ރިޒް ކާރލްޓަން ރިޒާވް" ހުޅުވުމަށް ވަނީ ނިންމާފައެވެ. "ސޭއިންޓް ރެޖިސް" ރިސޯޓުގައި 90 ކޮޓަރި ހިމެނޭއިރު "ރިޒް ކާރލްޓަން" ގައި 63 ކޮޓަރި ހުންނާނެއެވެ.
މި ދެ ރިސޯޓުވެސް ތަރައްގީކޮށްފައިވަނީ ރެޑްސީ ގެ 90 ރަށްތަކުގެ ތެރެއިން ރަށެއްކަމަށްވާ އުންމަހާތު އައިލޭންޑުގައެވެ. ރެޑްސީގެ ރަށްތަކުގެ ތެރެއިން ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްޤީކުރަނީ 22 ރަށެވެ. މި އަހަރުތެރޭގައި ދެ ރިސޯޓުގެ އިތުރުން ރެޑްސީ އިންޓަނޭޝަނަލް އެއާޕޯޓުވެސް ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ. އެ އެއާޕޯޓު ފުރަތަމަ އޮޕަރޭޓު ކުރާނީ ޑޮމެސްޓިކު އެއާޕޯޓެއް ގޮތުގައެވެ. މިގޮތުން ޖިއްދާ އާއި ރިޔާދުން ފްލައިޓުތައް އެ އެއާޕޯޓަށް ދަތުރުކުރާނެއެވެ.
ރެޑްސީ ޑިވެލޮޕްމެންޓް ކޮމްޕެނީ އިން ބުނެފައިވާ ގޮތުގައި 2024 ވަނަ އަހަރު ރެޑްސީގެ ރަށްތަކުގެ ތެރެއިން ޝޫރާ އައިލޭންޑު ފަތުރުވެރިންނަށް ހުޅުވާލާނެއެވެ. އެ ރަށުގައި ދުނިޔޭގެ ނަން މަޝްހޫރު 11 ހޮޓެލް ޗެއިނެއްގެ ހޮޓެލްތައް ހުންނާނެއެވެ. އޭގެ ތެރޭގައި ފެއަރމޮންޓް، ރެފެލްސް، އެސްއެލްއެސް، އިންޓަރކޮންޓިނެންޓަލް، ޖުމެއިރަ، މިރަވަލް، ރޯޒްވުޑް އަދި ގްރޭންޑް ހަޔަޓް ހިމެނެއެވެ.