މީޑިއާތަކަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުން އިޝްތިހާރުކުރަން ދޭ ފައިސާގެ އަދަދު ކަނޑައަޅައި އެ ފައިސާ ދޭންވާ މީޑިއާއަކީ ކޮބައިކަން އަންގަމުންދަނީ ސީދާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވިދާޅުވެއްޖެއެވެ.
އިލްޔާސް މިފަދައިން ވިދާޅުވެފައިވަނީ އިންތިޚާބުތަކާ ބެހޭ އާންމު ޤާނޫނަށް ގެނައުމަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގައި މީޑިއާއިން އިންތިޚާބު މޮނީޓާކުރުމަށް ހަރަކާތްތެރިވެވޭނީ ރަޖިސްޓާކޮށްފައިވާ ނޫސްވެރިންނަށް ކަމަށާއި، ރަޖިސްޓާކޮށްފައިވާ ނޫސްވެރިންނަކީ މީޑިއާއެއްގައި މަސައްކަތްކުރާ މީހުންކަމަށް ބަޔާންކޮށްފައިވާތީ އެކަމާމެދު ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ. އިލްޔާސް ފާހަގަކުރެއްވި ގޮތުގައި އެމްޑީޕީގެ ފުރަތަމަ ސަރުކާރާއެކު މިނިވަން ނޫސްވެރިކަމުގެ ފުރުސަތު ނޫސްވެރިންނަށް ލިބުނު ނަމަވެސް މިހާރު އެ މިނިވަންކަން ގެއްލެމުންދިއުމަކީ ކަންބޮޑުވުމެއް ކަމަށެވެ.
މީޑިއާގެ މިނިވަންކަމުގެ ވާހަކަދައްކަވަމުން އިލްޔާސް ވިދާޅުވެފައިވަނީ ދައުލަތުގެ މީޑިއާއަކީ ރައީސުލްޖުމްހޫރިއްޔާ ޕްރޮމޯޓުކުރުމަށް އުފައްދާފައިވާ މީޑިއާއެއް ނޫންކަމަށެވެ. އަދި ކޮންމެ 30 ސިކުންތަކުން ރައީސުލްޖުމްހޫރިއްޔާގެ އިޝްތިހާރު ގެނެސްދިނުމަކީ ދައުލަތުގެ މީޑިއާގެ ޒިންމާ ނޫންކަން ފާހަގަކުރައްވައި އިލްޔާސް ވިދާޅުވީ ހުރިހާ ސިޔާސީ ޕާޓީތަކާއި ސިޔާސީ ލީޑަރުންނަށް ދައުލަތުގެ މީޑިއާއިން ހަމަހަމަކާއެކު ފުރުސަތު ދޭންޖެހޭނެ ކަމަށެވެ.
ނަމަވެސް ދައުލަތުގެ މީޑިއާއިން އަމަލުކުރާ ގޮތުގެ މިސާލެއްގެ ގޮތުގައި އިލްޔާސް ފާހަގަކުރެއްވީ މީގެ ކުރިން ދައުލަތުގެ މީޑިއާއިން އެއްވެސް ފުރުސަތެއް ނުލިބޭ މޯލްޑިވްސް ޑިމޮކްރެޓިކް އެލައެންސް (އެމްޑީއޭ)އަށް މިހާރު ބޭނުން މިންވަރަކަށް ދައުލަތުގެ މީޑިއާއިން ފުރުސަތު ދެމުން އަންނަކަމެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އަންނަން އޮތް ރިޔާސީ އިންތިޚާބުގައި ތާއީދުކުރަން އެމްޑީއޭއިން ނިންމުމުންކަމަށްވެސް އިލްޔާސް ތުހުމަތުކުރެއްވިއެވެ.
އިތުރަށް އިލްޔާސް ފާހަގަކުރެއްވީ ދައުލަތުގެ ކުންފުނިތަކުން މީޑިއާތަކަށް ސްޕޮންސާ ފައިސާ ދެމުންދާ ގޮތެވެ. ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީގެ މުޤައްރިރުގެ މަޤާމުގައި ހުންނެވި އިލްޔާސް ވިދާޅުވެފައިވަނީ ދައުލަތުގެ ކުންފުނިތަކުން މީޑިއާއަށް ސްޕޮންސާ ދޭންޖެހޭނީ ދިރާސާކުރުމަށްފަހު ފައިސާ ދިނުމަށް އެންމެ އެކަށީގެންވާ މީޑިއާ ކަނޑައަޅައި އެ މީޑިއާއަކަށް ކަމަށެވެ. ނަމަވެސް މިހާރު ކަން ހިނގާ ގޮތަކީ ރައީސް އޮފީހުން ކުންފުނިތަކަށް ސިޓީއެއް ފޮނުވައި ވަކިވަކި މީޑިއާތަކަށް ދޭންވީ ފައިސާގެ އަދަދު އަންގަނީ ކަމަށެވެ.
މީޑިއާއަށް މިފަދައިން ނުފޫޒު ފޯރުވުމުގެ ސަބަބުން މިނިވަން މީޑިއާ ނެތި ސަރުކާރުގެ މައްޗަށް މީޑިއާތައް ބަރޯސާވާން މަޖުބޫރުވާކަން ފާހަގަކުރައްވައި އިލްޔާސްވަނީ މިފަދައިން މީޑިއާގެ މިނިވަންކަން ހަނިކުރުން ހުއްޓައިލަންޖެހޭކަމަށް ވިދާޅުވެފައެވެ.