Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އާދަމް ޝަރީފް އުމަރު

ސަރުކާރުން މަސައްކަތްކުރަނީ އިންތިޚާބު ވަގަށް ނެގުމަށް: އާދަމް ޝަރީފު

ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ވަގަށް ނެގުމަށް ސަރުކާރުން މަސައްކަތްކުރަމުންދާކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފު މިފަދައިން ވިދާޅުވީ އިންތިޚާބުތަކާ ބެހޭ އާންމު ޤާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހުތަކަށް ބަހުސްކުރައްވަމުންނެވެ. އެ ބިލުގައި އިންތިޚާބުތައް މޮނީޓާކުރުމަށް މީޑިއާގެ ފަރާތުން މަސައްކަތްކުރެވޭނީ ރަޖިސްޓާކޮށްފައިވާ ނޫސްވެރިންކަމަށް ބަޔާންކޮށްފައިވާއިރު، ރަޖިސްޓާކޮށްފައިވާ ނޫސްވެރިން މާނަކޮށްފައިވަނީ ރަޖިސްޓަރީކޮށްފައިވާ މީޑިއާއެއްގައި މަސައްކަތްކުރާ މީހުން ކަމަށެވެ.

އާދަމް ޝަރީފު ވިދާޅުވީ ސަރުކާރުން ހުށަހަޅާފައި ހުރި އިސްލާހުތަކުން އިންސާފުވެރި އަދަލުވެރި ހާމަކަން ބޮޑު އިންތިޚާބަކަށް މަގުފަހިކުރުމަށް ސަރުކާރުން އުޅޭ މަންޒަރު ނުފެންނަ ކަމަށެވެ. ދައުލަތުގެ މާލީ ވަސީލަތްތައް ބޭނުންކޮށްގެން ރާއްޖޭގެ ވަރުގަދަ ސިޔާސީ ލީޑަރުން ރިޔާސީ އިންތިޚާބަށް ނިކުމެވަޑައިނުގަންނަވާނެ ގޮތްތަކަށް ސަރުކާރުން އެ ބޭފުޅުން "ކޯނާކުރަމުން" އަންނަކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހަމައެހެންމެ އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެނޑިޑޭޓު އަދި ޕީޕީއެމްގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީން ޖަލުގައި ބަންދުކޮށްގެން ބާއްވާ އިންތިޚާބަކީ އިންސާފުވެރި އިންތިޚާބަކަށްވާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށާއި، އެފަދަ އިންތިޚާބަކަށް ރައްޔިތުންގެ އިތުބާރެއްވެސް ނޯންނާނެކަމަށް ވިދާޅުވެ މިހާރުން މިހާރަށް ރައީސް ޔާމީން މިނިވަންކުރުމަށް އާދަމް ޝަރީފު ގޮވައިލެއްވިއެވެ.

"އަޅުގަނޑުމެންނަށް ފެންނަނީ މުޅި ބައިތުލްމާލުން ހޭދަކޮށްގެން މުޅި ޤައުމުގައި މި އިންތިޚާބު ބޭއްވުމުގެ ބަދަލުގައި ރައްޔިތުންނަށް އޮޅުވާލައިގެން އިންތިޚާބު ވަގަށް ނަގަން އުޅޭތަން،" އާދަމް ޝަރީފު ވިދާޅުވިއެވެ.

އަދި މިހާރު ހުށަހަޅާފައިވާ އިސްލާހު ފަރުމާކޮށްފައި އޮތް ގޮތުން މީޑިއާއަށް އިންތިޚާބާ ގުޅޭ ފުރިހަމަ ތަސައްވުރެއް ރައްޔިތުންނަށް ގެނެސްދިނުމަށް ހުރަސްއެޅޭނެކަމަށްވެސް އާދަމް ޝަރީފު ވިދާޅުވިއެވެ. އަދި ދުރާލައި ރަށްރަށުގެ ބޮޑެތި އާއިލާތަކަށް އަމާޒުކޮށް ސަރުކާރު ކުންފުނިތަކުން ވަޒީފާތައް އުފައްދައި ބަހަމުންދަނީ ދެމެހެއްޓެނެވި ގޮތަކަށް އަދި އުފެއްދުންތެރި ގޮތަކަށް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޓެކްނޮލޮޖީގެ މި ޒަމާނުގައި އިންތިޚާބު ވަގަށް ނެގުމަށް ބަޔަކު ރާވަމުން އަންނަކަމަށް ތުހުމަތުވާކަމަށާއި، ނަމަވެސް އެކަމުން ރައްކާތެރިވެވޭނެ ގޮތަކަށް ޤާނޫނަށް ސަރުކާރުން އެއްވެސް އިސްލާހެއް ހުށަހަޅާފައި ނެތުމުން އަދުލުވެރި އިންސާފުވެރި އިންތިޚާބެއް ބާއްވަން މަގުފަހިކުރުމުގެ ވިސްނުން ސަރުކާރުގެ ކިބައިގައި ނެތްކަން ސާފުކޮށް އެނގޭކަމަށްވެސް އޭނާ ވިދާޅޫވިއެވެ.

އަދި ސަރުކާރުން ހުށަހެޅި ބިލު އެކީ ކިޔައިލުމުން ފެންނަނީ އޮޅުވާލައިގެން އިންތިޚާބު ވަގަށް ނެގުމަށް ސަރުކާރުން މަސައްކަތްކުރާ މަންޒަރު ކަމަށެވެ. އަދި އިދިކޮޅު ކެނޑިޑޭޓު ޖަލަށްލައި މީޑިއާއަށް ބޮޑެތި ހުރަސްތައް ކުރިމަތިކޮށް، ވާދަކުރަން ތިބި ފަރާތްތަކަށް ބޮޑެތި ފިއްތުންތައް ކުރިމަތިކުރާ ކުރުމުން ސަރުކާރުގެ އިޚުލާސްތެރިކަމެއް ނެތްކަން ސާފުވާކަމަށް އާދަމް ޝަރީފު ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ