Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު ޙަސަން ލަޠީފު

ސަރުކާރުން އުޅެނީ ސިއްރިއްޔާތުގައި ވަންހަނާކޮށް އިންތިޚާބުތައް ބާއްވަން: ހަސަން ލަތީފު

ސަރުކާރުން މަސައްކަތްކުރަނީ އިންތިޚާބުތައް ރައްޔިތުންނަށް ނުފެންނަހެން ފޮރުވައި ގެއްލުވާލައިގެން ވަންހަނާކުރުމަށް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފު ތުހުމަތުކުރައްވައިފިއެވެ.

މިފަދައިން ޙަސަން ވިދާޅުވީ އިންތިޚާބުތަކާ ބެހޭ އާންމު ޤާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހަކަށް ބަހުސްކުރައްވަމުން، އިންތިޚާބުތައް މޮނީޓާކުރުމުގައި ހަރަކާތްތެރިވެވޭނީ ރަޖިސްޓަރީވެފައިވާ ނޫސްވެރިން ނުވަތަ މީޑިއާއެއްގައި ވަޒީފާ އަދާކުރާ ފަރާތްތަކަށް އެކަނިކަމަށް ކަނޑައެޅުމަށް ހުށަހަޅާފައިވާ އިސްލާހާމެދު ހުރި ކަންބޮޑުވުންތައް ފާހަގަކުރައްވަމުންނެވެ.

ޙަސަން ވިދާޅުވި ގޮތުގައި، އިންތިޚާބުތަކުގެ ކަންކަން ކަވަރުކުރުމުގައި މޮނީޓަރުންގެ ގޮތުގައި ނޫސްތަކުން ކަނޑައަޅާ ރިޕޯޓަރުންނަށް ހަރަކާތްތެރިވެވޭ ގޮތަށް އޮތް އޮތުން ހަނިކުރުމަށް މިހާރު ހުށަހަޅާފައިވާ އިސްލާހުގައި މަސައްކަތްކޮށްފައި އޮތުމަކީ އެކަމާމެދު ސުވާލު އުފެދޭ ކަމެކެވެ. ރަޖިސްޓަރީކޮށްފައިވާ ނޫސްވެރިންނަށް އެކަނި އިންތިޚާބު މޮނީޓާކުރުން ހަނިކުރުމަކީ މީޑިއާތަކަށް އިންތިޚާބުތަކުގެ މައުލޫމާތު ފޯރުކޮށްދިނުމަށް ހުރަސްއެޅޭނެ ކަމެއް ކަމަށެވެ.

އެގޮތުން މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި ވޯޓުލުން ހިނގަމުންދާއިރު، މީޑިއާތަކުގެ މުވައްޒަފުންނަށް އެކަނި އެކަން ބެލުމަކީ ކުރެވޭނެކަމެއް ނޫންކަމަށް ދެކެވަޑައިގަންނަވާ ސަބަބު ބަޔާންކުރައްވަމުން ހަސަން ވިދާޅުވީ، އެއްވެސް މީޑިއާއެއްގައި މުޅި ރާއްޖޭގައި ހިނގާ އިންތިޚާބެއް ކަވަރުކުރަން ބޭނުންވާ އަދަދަށް މުވައްޒަފުން ނުތިބޭނެ ކަމަށެވެ.

"ސަރުކާރުގެ ބޭނުމަކަށް ވެފައި މިއޮތޯ މިފަދަ ބޮޑެތި އިންތިޚާބުތައް، ރިޔާސީ އިންތިޚާބު ފަދަ އިންތިޚާބުތައް، ރައްޔިތުންގެ ލޯ މަތިން ކެއްސިގެން ގޮސް ނުފެންނަ ގޮތަކަށް، ހާމަކަން ބޮޑުނޫން ގޮތަކަަށް އިންތިޚާބުގެ މައުލޫމާތު ލިބުނަނުދީ ރައްޔިތުންނަށް، އެ އިންތިޚާބު ބާއްވައި ނިންމައިލުންތޯ؟،" ޙަސަން ވިދާޅުވިއެވެ.

އިތުރަށް ޙަސަން ފާހަގަކުރެއްވީ ފާއިތުވި އިންތިޚާބުތަކުގައި ނޫސް މަޖައްލާތަކުން ކަނޑައަޅާ ފަރާތްތަކުން އިންތިޚާބުތައް ކަވަރުކުރުމަށް މޮނީޓަރުންގެ ގޮތުގައި މަސައްކަތްކޮށްގެން މައްސަލަތަކެއް ދިމާވެފައިވާކަން ފެންނަން ނެތްކަމަށެވެ. އަދި އެފަދަ މައްސަލަތައް ހުށަހެޅިފައިހުރި މިންވަރާމެދު އިލެކްޝަންސް ކޮމިޝަނާ ސުވާލުކުރަންޖެހޭ ކަމަށެވެ. އަދި މިފަދަ މައްސަލަތަކެއް ފާހަގަވެފައިނުވަނީސް މިކަހަލަ ބަދަލެއް ގެންނަ ސަބަބާމެދު ސުވާލު އުފެދޭކަމަށްވެސް ޙަސަން ވިދާޅުވިއެވެ.

ދައުލަތުގެ ކުންފުނިތަކުގެ ވަސީލަތްތައް ބޭނުންކޮށްގެން އިންތިޚާބުތަކަށް ސަރުކާރުން ކެމްޕެއިންކުރުމާއި، އިންތިޚާބާ ދިމާކޮށް ސަރުކާރު ކުންފުނިތަކުގައި ކުރަން ހުރި މަސައްކަތްތަކާ ނުބައްދަލު އަދަދަކަށް ވަޒީފާތައް އުފައްދަމުންދާތީ އެއީ ކޮރަޕްޝަން ނޫންތޯ ސުވާލު އުފެދޭކަމަށްވެސް ޙަސަން ވިދާޅުވިއެވެ. އަދި ދައުލަތުގެ މީޑިއާ ސަރުކާރުން ބޭނުންކުރާ ގޮތާމެދުވެސް ބޮޑެތި ކަންބޮޑުވުންތައް ހުރިކަމަށް ޙަސަން ވިދާޅުވިއެވެ.

ޙަސަންގެ ވާހަކަ ނިންމަވައިލައްވަމުން ތުހުމަތުކުރެއްވި ގޮތުގައި ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގެ ބޭނުމަކީ މި އަހަރު ބާއްވާ ރިޔާސީ އިންތިޚާބު ރައްޔިތުންނަށް ސިއްރުކޮށްގެން ހާމަކަން ކުޑަ ގޮތެއްގައި ބޭއްވުމަށް މަގުފަހިކުރުމެވެ.

މި ލިއުމާއި ގުޅޭ