ގިނަ އަދަދެއްގެ ސަޕޯޓަރުންނާ އެކު ރޭ ގަލޮޅު ދަނޑުގައި ކުޅުނު ފައިނަލުން އިސްކަންދަރު މޮޅުވީ ކަލާފާނު ސްކޫލާ ވާދަކޮށް 1-7 އިންނެވެ. ފުރަތަމަ ހާފުގައި އިސްކަންދަރުން ހަތަރު ގޯލު ޖެހިއިރު ދެވަނަ ހާފުގައި ތިން ގޯލު ވަނީ ޖަހައިފަ އެވެ.
މެޗުގައި އިސްކަންދަރުގެ ގޯލުތައް ކާމިޔާބުކޮށްދިނީ މުހައްމަދު އިލާން އިމްރާން އާއި ލާމިހު އިމްތިޔާޒްގެ އިތުރުން ކާއިން އަބްދުލް ފާއިޒް އެވެ. މުބާރާތުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި އިލާން ފައިނަލުގައި ފަސް ގޯލު ޖެހި އެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދީ އިލާން އެވެ. މެޗުގައި ކަލާފާނުގެ ހަމައެކަނި ގޯލު ލިބުނު ޕެނަލްޓީއަކުން ޖެހީ އަހުމަދު އަފްނާން އަލީ އެވެ.
އިސްކަންދަރުން ވަނީ މުބާރާތުގައި ކުޅުނު ހަ މެޗުގައި 86 ގޯލު ޖަހައިފަ އެވެ. އެޓީމު ކޮޅަށް ގޯލެއް ވަނީ ހަމައެކަނި ފައިނަލް މެޗުގަ އެވެ. އެންމެ ގިނަ ގޯލު ޖެހި އިލާން ވަނީ މުބާރާތުގައި 38 ގޯލު ޖަހައިފަ އެވެ. މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދީ އިލާން އެވެ. ފެއާ ޕްލޭ ޓީމަކަށް ހޮވުނީ އިމާދުއްދީން ސްކޫލެވެ.
15 އަހަރުން ދަށުގެ މުބާރާތުން ފާހަގަވި އިލާން އަކީ އެ އުމުރުގައި މިހާރު އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިޔާ އެވެ. އިލާންގެ ހުނަރާ އެކު އޭނާ އަށް ގިނަ ބަޔަކު އަންނަނީ ތައުރީފް ކުރަމުންނެވެ. އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތްތަކުން ހުނަރުވެރި ގިނަ ކުޅުންތެރިންތަކެއް އަންނަނީ ފާހަގަކުރެވެމުންނެވެ.