Friday 31st Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފުޓުބޯޅަ

އުނދަގޫ މޮޅަކާ އެކު ބާސެލޯނާ ކުރިއަށް

ސްޕެނިޝް ލީގުގައި ރޭ ރަށުން ބޭރުގައި 1-0 އިން އެތުލެޓިކް ބިލްބާއޯ ބަލިކޮށް ބާސެލޯނާ ލީގު ތާވަލުގެ އެއްވަނައިގެ ލީޑު އަނެއްކާވެސް ނުވަ ޕޮއިންޓަށް ފުޅާކޮށްފި އެވެ.
ލީގުގައި ބާސެލޯނާގެ ވާދަވެރިއަކީ ރެއާލް މެޑްރިޑެވެ. ބާސެލޯނާ އެއްވަނައިގައި އޮތީ 25 މެޗުން 65 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް ރެއާލް މެޑްރިޑަށް 25 މެޗުން ލިބިފައިވަނީ 56 ޕޮއިންޓެވެ. ތިންވަނައިގައި އޮތީ 24 މެޗުން 45 ޕޮއިންޓް ލިބިފައިވާ އެތުލެޓިކޯ މެޑްރިޑެވެ. ރޭ ބާސެލޯނާ އަތުން ބަލިވި ބިލްބާއޯ އޮތީ 33 ޕޮއިންޓާ އެކު ނުވަ ވަނައިގަ އެވެ.

ބިލްބާއޯ ދަނޑުގައި ބާސެލޯނާގެ ހަމައެކަނި ގޯލު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ކާމިޔާބުކޮށްދިނީ ރަފީނިއާ އެވެ. ލީގުގައި މިދިޔަ ހަފްތާ ބާސެލޯނާ މޮޅުކޮށްދިން ގޯލު ވެސް ކާމިޔާބުކޮށްދިނީ ރަފީނިއާ އެވެ.

މެޗުގެ ދެވަނަ ހާފުގައި މޮޅަށް ކުޅެ ގިނަ ހަމަލާތައް އުފެއްދީ ބިލްބާއޯ އިންނެވެ. މުޅި މެޗުގައި ވެސް ބިލްބާއޯގެ ހަމަލާތައް ހުއްޓުވުމުގައި ބާސެލޯނާގެ ގޯލްކީޕަރު މާކް އަންދްރޭ ޓާ ސްޓޭގަން މޮޅު ކުޅުމެއް ދެއްކި އެވެ. ފޯވާޑް އިނާކީ ވިލިއަމްސް ފޮނުވާލި ދެ ހަމަލާއެއް ޓާ ސްޓޭގަން މަތަކުރިއިރު އޭގެފަހުން ރައުލް ގާސިއާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

ދެވަނަ ހާފުގައި ބިލްބާއޯގެ އަލެކްސް ބެރެންގާ އާއި އިކާ މުނިއައިން ފޮނުވާލި ހަމަލާތައް ވެސް ޓާ ސްޓޭގަން ވަނީ މަތަކޮށްފަ އެވެ.

ބިލްބާއޯ އިން މެޗުގެ އިތުރު ވަގުތުގައި ޖެހި ގޯލެއް ވީއޭއާރުގެ އެހީގައި ރެފްރީ ވަނީ ކެންސަލްކޮށްފަ އެވެ. އެއީ ގޯލު ޖެހުމަށް އުފެއްދި ހަމަލާގައި މުނިއައިން އަތުގައި ބޯޅަ ޖެހުމުންނެވެ. މެޗުގެ ފަހު ވަގުތު މި ގޯލު ރެފްރީ ކެންސަލްކުރީ ވީއޭއާރު ގިނަ އިރުތަކެއް ވަންދެން ބެލުމަށް ފަހު އެވެ.

ސްޕެނިޝް ލީގުގައި ރޭ މަޔޯކާ ވަނީ ރެއާލް ސޮސިއެޑާޑްއާ އަމިއްލަ ދަނޑުގައި ވާދަކޮށް އެއްވަރުވެފަ އެވެ. ރެލިގެޝަނުގައި އޮތް ސެވިއްޔާ އާއި އަލްމޭރިއާގެ ކުރިމަތިލުން 1-2 އިން ކާމިޔާބުކުރީ ސެވިއްޔާ އެވެ. ވިޔަރެއާލް އާއި ރެއާލް ބެޓިސް ވާދަކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

މި ލިއުމާއި ގުޅޭ