ރޭ މެންޗެސްޓާ ޔުނައިޓެޑް އެއްވަރުވި މެޗުގައި އެޓީމަށް ދިމާވި މައްސަލައަކީ 34 ވަނަ މިނެޓުގައި ކަސެމީރޯ އަށް ރަތް ކާޑު ދެއްކުމެވެ. ސީޒަނުގައި ދެއްކި ދެވަނަ ރަތް ކާޑާ އެކު އޭނާ އަށް މިހާރު ވަނީ ހަތަރު މެޗުގެ ސަސްޕެންޝަނެއް އައިސްފަ އެވެ. އެކަމަކު ޔޫއެފާ ޔޫރޮޕާ ލީގުގައި ކަސެމީރޯ އަށް ކުޅެވޭނެ އެވެ.
ކަސެމީރޯ އަށް ނުކުޅެވޭ މެޗުތަކުގެ ތެރޭގައި އެފްއޭ ކަޕް ކުއާޓާ ފައިނަލުގައި އަންނަ ހަފްތާ ފުލަމްއާ ދެކޮޅަށް ކުޅޭ މެޗާއި އޭގެފަހުން ޕްރިމިއާ ލީގުގައި ކުޅޭ ތިން މެޗު ހިމެނެ އެވެ.
ކަސެމިރޯ އަށް ރޭ ރަތް ކާޑު ދެއްކީ ސައުތެމްޓަންގެ ކުޅުންތެރިއަކަށް ކުރި ނުރައްކާތެރި ފައުލަކަށެވެ. އެންމެ ފުރަތަމަ ރެފްރީ ކަސެމީރޯ އަށް ދެއްކީ ރީނދޫ ކާޑެކެވެ. އެކަމަކު ވީޑިއޯ ރީޕްލޭ ބެލުމަށް ފަހު ރަތެއް ދައްކަން ނިންމީ އެވެ.
އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުމުން ޔުނައިޓެޑަށް އުނދަގޫވި އެވެ. މެޗުގެ ދެވަނަ ހާފުގައި ޔުނައިޓެޑްގެ ބްރޫނޯ ފެނާންޑޭސް ފޮނުވާލި ހަމަލާއެއް ގޯލުގެ ދަނޑި އަށް ވަނީ އަމާޒުވެފަ އެވެ. މެޗުގައި ސައުތެމްޓަނުން ވެސް ވަނީ ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފަ އެވެ.
ލީގުގައި ރޭ އަމިއްލަ ދަނޑުގައި ނިއުކާސަލް ޔުނައިޓެޑް ވަނީ 1-2 އިން ވުލްވްސް ބަލިކޮށްފަ އެވެ. މެޗުގައި ނިއުކާސަލްގެ ގޯލުތައް ކާމިޔާބުކޮށްދިނީ އަލެކްސަންޑަ އިސާކް އާއި މިގުއެލް އަލްމިރޯން އެވެ.
ރޭގެ މެޗުތަކަށް ފަހު އާސެނަލް އެއްވަނައިގައި އޮތީ 27 މެޗުން 66 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި ފަސް ޕޮއިންޓް ފަހަތުން އޮތީ ސިޓީ އެވެ. ތިންވަނައިގައި ޔުނައިޓެޑް އޮތީ 50 ޕޮއިންޓާ އެކު އެވެ. ނިއުކާސަލް ޔުނައިޓެޑް ވަނީ 44 ޕޮއިންޓް ހަމަކޮށް ފަސް ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ.