Thursday 23rd Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކޮމިއުނިޓީ ފަންޑު

ބީއެމްއެލް ކޮމިއުނިޓީ ފަންޑުން ހިންގި 3 ޕްރޮޖެކްޓެއްގެ މަސައްކަތް ނިމިއްޖެ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ "ކޮމިއުނިޓީ ފަންޑުން" ހިންގި ތިން ޕްރޮޖެކްޓެއްގެ މަސައްކަތް އެއްކޮށް ނިންމާލައިފިއެވެ.

މަސައްކަތް އެއްކޮށް ނިންމާފައިވަނީ "ކޮމިއުނިޓީ ފަންޑު"ގެ ދަށުން ދ. ހުޅުދެލި، ލ. މުންޑޫ އަދި ލ. ފޮނަދޫގައި ކުރިއަށް ގެންދިޔަ ޕްރޮޖެކްޓްތަކެވެ.

އެގޮތުން ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ދ. ހުޅުދެލީގައި ވަނީ މަސްކެނޑުމަށް ހާއްސަ ތަނެއް ގާއިމްކޮށްފައެވެ. ބީއެމްއެލްއިން ބުނީ އެ ތަނަކީ މަސްވެރިންގެ އިތުރުން ހުޅުދެލީގެ އާންމު ރައްޔިތުންނަށް ވެސް މަސް ކެނޑުމަށް ފަސޭހަވާނެހެން ތަރައްގީ ކޮށްފައިވާ ތަނެއްކަމަށެވެ.

އަދި އެ ތަން ފަރުމަކޮށްފައި ވަނީ ދުވާލުގެ ވަގުތުތަކުގެ އިތުރުން ރޭގަނޑު ވެސް ބޭނުން ކުރެވޭނެ ގޮތަށް ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. އެ ރަށުގައި ކުރިއަށް ގެންދިޔަ އެ ޕްރޮޖެކްޓް ހިންގާފައި ވަނީ ހުޅުދެލީ އައިލެންޑް ސޮސައިޓީ އެންޑް ސްޕޯޓްސް އެސޯސިއޭޝަނުންނެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަނޑުގެ ދަށުން ދެން ނިންމާލި ޕްރޮޖެކްޓަކީ ލ. މުންޑޫގެ ބަނދަރު ސަރަހައްދުގައި ގާއިމުކުރި ދަތުރުވެރިންނަށް ހާއްސަ މައިދާނެވެ. އެ ކުންފުނިން ބުނީ އެ ތަނުގައި ހަޓެއް ހަދާ ލަކުޑި ބެންޗްތަކެއް ބަހައްޓައިފައިވާނެކަމަށެވެ. އެގޮތުން އެ ތަނަކީ ދަތުރުވެރިން މަޑުކޮށްލުމަށްޓަކައި ހިޔާވެވޭހެން ފަރުމާކޮށްފައިވާ ތަނެއްކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ. އެ ޕްރޮޖެކްޓް ހިންގާފައި ވަނީ މުންޑޫ ޒުވާނުންގެ ޖަމިއްޔާ އިންނެވެ.

މީގެއިތުރުން ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ ދަށުން ލ. ފޮނަދޫގައި ހުންނަ ލ. އަތޮޅު ތައުލީމީ މަރުކަޒުގެ 4 ކްލާސްރޫމެއް ޑިޖިޓައިޒްކުރުމުގެ ގޮތުން ވަނީ ޓީވީ ބަހައްޓައިފައެވެ. އެ ޕްރޮޖެކްޓް ހިންގާފައިވަނީ ވިމެން އެންހޭންސްމަންޓްގެ ފަރާތުންނެވެ.

ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލާފައިވާ ފަންޑެކެވެ. ބީއެމްއެލްއިނ ބުނިގޮތުގައި ކޮމިއުނިޓީ ފަންޑުގެ ދަށުން 80 ޕްރޮޖެކްޓެއް ހިންގުމަށް ފައިސާގެ އެހީ އެ ކުންފުނިން ވަނީ ފޯރުކޮށްދީފައެވެ.

މި ލިއުމާއި ގުޅޭ