Sunday 24th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު މުޙައްމަދު ރާއީ

ރައީސް ޔާމީނަށް، ރައީސް އިބްރާހީމާ ވާދަކުރެވޭނެ ކަމަށް ބުނުމުން ރާއީ ކޯފާވެއްޖެ

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ވާދަކޮށްލެވޭ ވަރުގެ ބޭފުޅަކަށް ހުންނެވީ އިދިކޮޅު ލީޑަރު، އަދި ކުރީގެ ރައީސް އިބްދުﷲ ޔާމީން ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވިދާޅުވުމުން، މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ކޯފާވެއްޖެ އެވެ.

ވެރިކަމުގެ ދެވަނަ ދައުރަކަށް ވާދަކުރެއްވުމަށް އެމްޑީޕީގެ ރިޔާސީ ޓިކެޓު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އަރުވައި، ޕާޓީތަކާއެކު ކޯލިޝަން ހެދުމުގެ މަސައްކަތްތައް ފަށާފައިވާއިރު، ޕީޕީއެމްގެ ޓިކެޓު ރައީސް ޔާމީނަށް އެރުވި ފަހުން އެމަނިކުފާނު ވަނީ 11 އަހަރަށް ޖަލަށް ލާން މިދިޔަ ޑިސެމްބަރު މަހު ހުކުމްކޮށްފަ އެވެ.

މަވޯޓާ އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހީމާ ވާދަކޮށްލެވޭ ވަރުގެ ކެންޑިޑޭޓަކަށް ހުރީ ރައީސް ޔާމީން އެކަނި ކަމަށެވެ. އެކަމަކު އެމަނިކުފާނަށް އިއްވަވާފައިވާ ޖަލު ހުކުމުގެ ސަބަބުން އިންތިހާބުގައި ވާދަނުކުރެއްވޭނެތީ، ރައީސް އިބްރާހީމް ފަސޭހަކަމާއެކު އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ހިތްހަމަނުޖެހުން ފާޅުކުރައްވައި، މެންބަރު ރާއީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ޔާމީން މިނިވަންކޮށް ހުރިކަމުގައި ވިޔަސް، އެމަނިކުފާނާ ރައީސް އިބްރާހީމާ އަޅާ ނުކިޔޭނެ ކަމަށެވެ.
"ޝަރީފް މާނަ ތިކުރައްވަނީ ކިހިނެއްތޯ. ރައީސް ޔާމީން މިނިވަންކޮށްހުރި ކަމުގައި ވިޔަސް އެމްޑީޕީގެ 2023 ގެ ކެނޑިޑޭޓާއި އަޅާ ނުކިޔޭނެ. މަނިކުފާނަކީ ކޮންމެ ވެރިކަމެއްވެސް ފަހުކޮޅު ދައްކަވާ ވާހަކަފުޅު ތަކުގެ ރާގާއި ހުންނަވާތަންވެސް ބަދަލުވާ ބޭފުޅެއްކަން ތާރީހް ހެކިދޭ،" ޝަރީފަށް ބަހުގެ ހަމަލާތައް އަމާޒުކޮށް ރާއީ ވިދާޅުވި އެވެ.
ވ. އާރަށް ކުއްޔަށް ދިން މުއާމަލާތުގައި ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ކުށް ރައީސް ޔާމީނުގެ މައްޗަށް ސާބިތުވާކަމަށް ކަނޑައަޅައި، 11 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އެމަނިކުފާނުގެ މައްޗަށް އިއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު 25 ގަ އެވެ.

އެކަމަކު އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ރައީސް ޔާމީނަށް ނުގެއްލޭނެ ކަމަށާއި، އިސްތިއުނާފަށްފަހު އެމަނިކުފާނު މިނިވަންވާނާ ކަމުގެ އުންމީދު ބޮޑުކަމަށް ގާނޫނީ ވަކީލުންގެ ޓީމުން ވަނީ ވިދާޅުވެފަ އެވެ.

މި ލިއުމާއި ގުޅޭ