ގޭންގުތަކުގެ ނުހައްގު މުސްއަނދިކަމުގެ މައްސަލަތައް ބަލަމުންދާ ކަމަށް ވިދާޅުވެ ހޯމް މިނިސްޓްރު އިމްރާން އަބްދުﷲ ރައްޔިތުންގެ މަޖިލީހުގައި ހެއްދެވީ އިތުރުފުޅެއްކަން ހާމަވެއްޖެ އެވެ.
މަޖިލީހުގެ ހަވަނަ ދައުރުގެ އެއްވަނަ ޖަލްސާގައި ގޭންގުތަކުގެ ނުހައްގު މުސްއަނދިކަމުގެ މައްސަލަތަކާ ގުޅޭގޮތުން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ސުވާލު ކުރެއްވުމުން، މިނިސްޓަރު އިމްރާން ވިދާޅުވީ އެފަދަ މުހިންމު މައްސަލަތަކެއް މިހާރުވެސް ތަހުގީގު ކުރެވެމުންދާ ކަމަށެވެ.
އިންތި ސުވާލު ކުރެއްވީ، ނުހައްގު މުސްއަނދިކަމަކީ ޖިނާއީ ކުށަކަށް 2021 ވަނަ އަހަރު ހަދާފައިވާއިރު، މިހާތަނަށް އެ ގާނޫނުގެ ދަށުން އެއްވެސް ފަރާތެއްގެ މައްޗަށް ތަހުގީގު ހިންގި، ނުވަތަ ދައުވާއެއް އުފުލިފައި ވޭތޯ އެވެ.
ރާއްޖޭގައި ގޭންގުތަކުގެ ނުރައްކާތެރިކަން އިތުރުވެ، އެމީހުން އިންތިހާއަށް ނުހައްގުން މުސްއަނދިވެ، އުޅަނދުފަހަރު މިލްކް ކުރުމާއި ބިން މިލްކުކޮށް ގެސްޓްހައުސް ހިންގުން ފަދަ ވިޔަފާރިތައްވެސް ކުރާކަން އޭނާ ފާހަގަކަކުރެއްވި އެވެ.
"ފުލުހުންގެ އެކިއެކި ތަހުގީގުތަކަށް އަދި ޑައިރެކްޓް ނޫންކޮށް، އެއް ތަހުގީގު ތެރެއިން އަނެއް ތަހުގީގު ތެރެއިން ފެންނަ މައްސަލަތަކުގެ ތެރެއިން ތި ވިދާޅުވާފަދަ ގިނަ ކަންކަމެއް ފާހަގަވެފައި އެބަހުރި. އޭގެ ތެރެއިން ފާހަގަކުރެވޭ މުހިންމު ފަރާތްތަކަކާއި، އެ ފަރާތްތަކެއްގެ މުސްއަނދިކަމާ ގުޅުންހުރި މުހިންމު ކަމެއް ބެލެމުން އެބަ ގެންދޭ،" އިމްރާން ވިދާޅުވި އެވެ.
"އަދި ސީދާ ޕްރޮސެކިއުޓް ކުރާ ހިސާބަކަށް ނުއެއް ގެންދެވޭ، އެހެންނަމަވެސް ވަރަށް ތަރޯ ތަހުގީގުތަކެއް ބައެއް އެފަދަ ފަރާތްތަކާ މެދުގައި ހިންގެމުން އެބަ ގެންދޭ."
ފުލުހުން މީގެ ކުރިން މާލޭގައި ހިންގި އޮޕަރޭޝަނެއްގެ ތެރެއިން. ފޮޓޯ: ދިޔަރެސް.
އިމްރާން ވިދާޅުވި ގޮތުގައި އުންމީދަކީ އޭގެ ބައެއް ފަރާތްތަކުގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްއާ ހަމައަށް ލަސްތަކެއް ނުވެ ފޮނުވިގެން ދިއުމެވެ. އަދި އޭގެ ތަފްސީލު ކޮމިޓީ މަރުހަލާގައި މެންބަރުންނާ ހިއްސާކުރެވިދާނެ ކަމަށްވެސް ވިދާޅުވި އެވެ.
އެކަމަކު މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "ދިޔަރެސް" އިން އެދިގެން ފުލުހުންގެ އިދާރާއިން ހާމަކުރި މައުލޫމާތުގައި ބުނީ، ގޭންގުތަކުން ނުހައްގު މުސްއަނދިކަން ހޯދުމުގެ މައްސަލައެއް އެ އިދާރާއިން ބަލަމުން ނުދާ ކަމަށެވެ.
"ގޭންގުތަކުން ނުހައްގު މުސްއަނދިކަން ހޯދުމުގެ މައްސަލައެއް މިހިދުމަތުން ބަލަމުންދާކަން މި ހިދުމަތުގެ ރެކޯޑުތަކުން އެނގޭކަށް ނެތެވެ. ވުމާއެކު އެފަދަ މައްސަލައެއް ބަލަމުން ނުދާ ވާހަކަ ދެންނެވީމެވެ،" ފުލުހުން އިއްޔެ ފޮނުވި ޖަވާބުގައި ބުނެފައިވެ އެވެ.
އެފަދަ މައްސަލަތަށް ބަލަމުންދާ ކަމަށް ބުނެ އިމްރާން މަޖިލީހުގައި އިތުރުފުޅު ހެއްދެވިކަން ހާމަވެފައިވާއިރު، ވަޒީރުންގެ މަޖިލީހުގެ މެންބަރަކާ ނުވަތަ ސަރުކާރުގެ އެއްވެސް ފަރާތަކާ، އެމީހަކު އަދާކުރާ މަސްއޫލިއްޔަތުތަކާ ގުޅިގެން މަޖިލީހުގެ މެންބަރަކު ކުރާ ކޮންމެ ސުވާލަކަށް ޖަވާބު ދޭންވާނީ އެމީހަކަށް އެނގިހުރި އެންމެ ރަނގަޅަކަށް ތެދުބަހުން ކަމަށް ގާނޫނުއަސާސީގެ 98 ވަނަ މާއްދާގެ (ނ) ގައި ބުނެ އެވެ.