ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް އިން މި އަހަރުގެ ތެރޭގައި އައު ރިސޯޓެއް ހުޅުވަން ތައްޔާރުވެއްޖެ އެވެ.
މިހާރު ވެސް ރާއްޖޭގައި ލަގްޒަރީ ރިސޯޓްތަކެއް ހިންގަމުން އަންނަ ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް އިން މި އަހަރުގެ އޮގަސްޓް 1 ގައި ހުޅުވަން ތާވަލުކޮށްފައިވަނީ ޖަވަކަރަ އައިލޭންޑްސް މޯލްޑިވްސް އެވެ.
އެކުންފުނިން ބުނީ ޅ. އަތޮޅުގައި ތަރައްގީ ކުރަމުން އަންނަ މި ރިސޯޓަކީ 290 ވިލާގެ ފަސްތަރީގެ މުޅިން ތަފާތު ކޮންސެޕްޓަކަށް ތަރައްގީ ކުރާ ރިސޯޓެއް ކަމަށެވެ. އެގޮތުން ޖަވަކަރައިގެ ހާއްސަ ކަމަކަށް ވާނި ވަކިވަކިން އޮތް ދެ ރަށެއް 700 މީޓަރުގެ ބްރިޖަކުން ގުޅާލައި، ގެސްޓުންނަށް މުޅިން ތަފާތު ތަޖުރިބާތަކެއް ވެސް ކުރެވޭ ގޮތަށް ރިސޯޓްގެ ކޮންސެޕްޓް އޮތުން ކަމަށްވެސް އެކުންފުނިން ބުންޏެވެ.
އެކުންފުނިން ބުނީ ޖަވަކަރާނީ ވެގެންދާނީ އެ ކުންފުނީގެ ޕްރޮޕަޓީގެ ތެރެއަށް އިތުރުވާ ވަރަށް ފުރިހަމަ، ހިތްގައިމު އަދި މަތީ ފެންވަރުގެ އެތައް ހިދުމަތްތަކެއް ޓޫރިސްޓުންނަށް ދެވޭނެ ރިސޯޓަކަށެވެ.
ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ރިސޯޓް އޮޕަރޭޓް ކުރަމުން އަންނަ ކުންފުންޏެކެވެ.